މުޞީބާތް ޖައްސަވައި ހަލާކުކުރެއްވި މީހުންގެ ތެރެއިން: (1) ޤާރޫނު

ސަލާމްލެއްވި މޫސާގެފާނުގެ ޤައުމުގެ މީހެއްގެ ގޮތުގައި ހުރުމަށް ފަހު، މުދާވެރިއަކަށްވެ ބޮޑާެވެ، މާތް ﷲގެ ނިޢުމަތްތަކަށް ކުފުރުވި ޤާރޫނާއި އޭނާ ނެތިކުރެއްވި ގޮތަކީ ދިރިތިބީންނަށް އިބުރަތެކެވެ.

ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤާރޫނަކީ މޫސާގެފާނާ ދެބެއިންގެ ދެދަރި މީހެކެވެ. މޫސާގެފާނަކީ މޫސާ ބިން ޢިމްރާން ބިން ޤާހިޘުއެވެ. ޤާރޫނަކީ ޤާރޫން ބިން ޔަޞްހަރު ބިން ޤާހިޘުއެވެ. އޭނާއަކީ ރިވެތި އަޑުން ޤުރްއާން ކިޔަވާ މީހަކު ކަމުގައި ވިއެވެ. އެހެންނަމަވެސް މާތް ﷲ އޭނާއަށް މުދާދެއްވައި މުއްސަނދިކަން އިތުުކުރެއްވުމުން އޭނާ ވަނީ މާތް ﷲ ދެއްވި ނިޢުމަތަށް ކުފުރުވެ މޫސާގެފާނުގެ ޤައުމާ ދެކޮޅަށް ނުކުމެފައެވެ.

އޭނާ ވަނީ ދުނިޔޭގައި ނެތްވަރު މުންސަންޖަކަށް ވެފައެވެ. އޭނާގެ ޚަޒާނާތައް ގިނަ ކަމުން އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުމަށްވެސް އެތައް ބަޔަކު ބޭނުން ވެއެވެ. އެ މުދާވެރިކަމުގެ މައްޗަށް ބޮޑާވެ، އެއިން މާތް ﷲގެ މަގުގައި ހޭދަކުރަން ދެކޮޅު ހަދައި، އެ މުދަަލަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި މުދާކަަމަށާއި، އޭގައި އެހެން މީހެެއްގެ ހައްގެއް ނުވާކަމަށް ބުނެ އޭނާގެ ބޮޑާކަން އިތުރުކުރިއެވެ.

ޤާރޫނުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ﴾ (ހަމަކަށަވަރުން، قارون އަކީ، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) خزانة ތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعة އެއްގެ މީހުންނަށް، އެ خزانة ތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދެވެ. (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.) (އަލްޤަޞަޞު: 76)

މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޤާރޫނުގެ ގައުމުގެ މީހުން ތެރެއިން ހެޔޮލަފާ މީހުން ﷲގެ މަގުގައި އޭނާގެ މުދާ ހޭދަކުރުމަށް އެދުނެވެ. އެ މުދަލުން ދުނިޔޭގެ އުފާ ލިބިގަތް ނަމަވެސް، އެއިން އާޚިރަތް ބާއްޖަވެރިކުރުމަށް އެދުނެވެ. މާތް ﷲ އޭނާއަށް މުދާވެރިކަން ދެއްވައި އިޙުސާންތެރިވެވޮޑިގަތް ފަދައިން މީސްތަކުންނަށް އެ މުދަލުން ދީ އިޙުސާންތެރިވުމަށް އެދުނެވެ. ބިންމަތީގައި ފަސާދަކުރުމުގެ ވަސީލަތަކަށް މުދާ ނެހެދުމަށް އެދުނެެވެ. މި ވާހަކަތައް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުުރައްވާފައި ވެއެވެ. ﴿وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْءَاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ﴾ (އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.) (އަލްޤަޞަޞު: 77)

އޭނާގެ މުދާވެރިކަން ބޮޑުވީ ވަރުން އޭނާގެ ހަގީގަތް ހަނދާންނައްތާލިއެވެ. އަދި މާތް ﷲގެ ބޮޑު ނިޢުމަތަށް ކުފުރުވިއެވެ. އޭނާގެ މިވާހަކަ ބަޔާންކުރެއްވި އާޔަތުގައި އޭނާއަށް އަންނާނެ ނުބައި ނިންމުގެ އިންޒާރުވެސް އައިސްފައި ވެއެެވެ. އެއީ އިސްވެދިޔަ އުއްމަތުގެ ތެރެއިން އެ ފަދައިން ބޮޑާެވެގަތް މީހުންގެ މައްޗަށް ފޮނުއްވި ފަދަ މުޞީބާތެއް ފޮނުއްވައި ނެތި ކުރައްވަފާނެ ކަމުގެ އިންޒާރެެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ﴾ (އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ جيل ތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން اللَّه ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު سؤال އެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ سؤال ކުރެއްވުމުގެ ބޭނުމެއްނެތެވެ. اللَّه ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ.) (އަލްޤަޞަޞު: 78)

ޤާރޫނުގެ މިބޮޑާވުމާއި ކުފުރުވުމުގެ ނަތީޖާ މާތް ﷲ އޭނާއަށް ދެއްކެވީ ވަރަށް ހިތިކޮށެވެ. އޭނާއަށް ޖެއްސެވި މުޞީބާތަކީ އެމަންޒަރު ފެނުނު މީހުންނަށް ލިބުނު ފިލާވަޅެއްގެ އިތުރަށް، އެވާހަކަ ފަހުން ކިޔާހާ ބަޔަކަށް ވެސް ހުރި ބޮޑު އިބުރަތެކެވެ. އޭނާއަށް ޖެއްސެވި މުޞީބާތާއީ، އޭނާގެ ވޭންދެނިވި ނިމުން މާތް ﷲ ބަޔާންކުރައްވާފައި ވަނީ މިފަދައިންނެެވެ. فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ ﴿٨١﴾ (ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (خزانة ތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّه އާ ދެކޮޅަށް އޭނާޔަށް نصر ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި نصر ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.) (އަލްޤަޞަޞު: 81)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.