މުޞީބާތް ޖައްސަވައި ހަލާކުކުރެއްވި ގައުމުތަކުގެ ތެރެއިން: (3) ލޫޠުގެފާނުގެ ގައުމު

ސަލާމްލެެއްވި ލޫޠުގެފާނަކީ ސަލާމްލެއްވި އިބްރާހީމުގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެެކެވެ. އެކަލޭގެފާނުވެސް ބޮޑުބޭބޭފުޅު އިބްރާހީމްގެފާނާއެކު ފަލަސްޠީނަށް ހިޖުރަކުރެއްވިއެެެެެވެ. ފަލަސްޠީނުގައި ހުންވަނި މާތް ﷲ ލޫޠުގެފާނަށް ރަސޫލުކަން ދެއްވައި ސަދޫމުގެ އަހުލުވެރިންނަށް މާތް ﷲގެ މަގަށް ގޮވައިލެއްވުމަށް ފޮނުއްވެވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް މާތް ﷲއަށް ބިރުވެތިވުމަށް ގޮވައިލެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ * إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ * إِنِّى لَكُمْ رَسُولٌ أَمِينٌ *فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴾ (لوط ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. * (އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ * ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. * ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!) (އައްޝުޢަރާއު: 160-163)

ކީރިިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ސަދޫމުގެ އަހުލުވެރިންނަކީ ނުވަަތަ ލޫޠުގެފާނުގެ ގައުމުގެ މީހުންނަކީ ދުނިޔޭގައި އިންސާނުން އެހާތަނަށް ހިންގި އެންމެ ހަޑިހުތުރު އަމަލު ހިންގަމުން ދިޔަ މީހުންނެވެ. މާތް ﷲ ދެ ޖިންސު ހައްދަވައި، ދެބައިމީހުންގެ ދެމެދުން އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށް ކަނޑައަޅުއްވާފައިވާ އިލާހީ ސުންނަތާއި ޚިލާފުވެ އެބައިމީހުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގުމުގެ ނުބައިކަން ބޮޑުވެގެންވާ ފާފައަށް އަރައިގަންނަމުންނެެވެ. ލަދުވެތި ކަމެއް ނެތި ފާޅުގައެވެ. ކީރިތިވަންތަ ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ * إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ﴾ (އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ * ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.) (އަލްއަޢުރާފު: 80-81)

އެބައިމީހުން ހިންގަމުން ގެންދިޔަ ހުތުރުކަން ބޮޑުވެެެގެންވާ އަމަލު ދޫކޮށްލައި އިންސާނީ ޠަބީއަތަށް ރުޖޫއަވެ، މާތް ﷲގެ އަމުރުފުޅަށް ކިޔަމަންވުމަށް ލޫޠުފާނު އެކަލޭގެފާނުގެ ގައުމަށް ގޮވައިލެއްވުމުން، އެބައިމީހުން ވަނީ އެބައިމީހުން ހިންގަމުން ދިޔަ ހަޑިމުޑުދާރު އަމަލު ދިފާއުކޮށްފައެވެ. އަދި ލޫޠުގެފާނު އެބައިމީހުންނަށް ދެތުމަގަށް ގޮވައިލެއްވުން ދޫކޮށްނުލައްވައިފިނަމަ، އެކަލޭގެފާނު އެރަށުން ބޭރުކޮށްލާނެ ކަމުގެ އިންޒާރުދީފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ﴾ (އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް حق އެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ.) (ހޫދު: 79) އެބައިމީހުންގެ ޖަވާބު ބަޔާންކުރައްވަމުން އަދިވެސް މާތް ﷲ ވަޙީކުރައްވާފައި ވެެއެވެ. ﴿فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ﴾ (ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوط ގެފާނާއި، އެކަލޭގެފާނަށް تبع ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهر ވެ ތިބޭބަޔެކެވެ.) (އައްނަމްލު: 56)

މާތް ﷲގެ ތެދުމަގަށް އެނބުރުގެ ބަދަލުގައި އެކަލާނގެ ރަސޫލާއަށް ބިރުދައްކައި، ބޮޑާކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައި ދިއުމުން މާތް ﷲ އެބައިމީހުން ނެތިކޮށްލައްވަން އިރާދަކުރެއްވި ހިނދު މަލާއިކަތްބޭކަލުން ލޫޠުގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން އެރަށުން ނުކުމެވަޑައިގަތުމަށް އެންގެވިއެވެ. އެކަލޭފާނުގެ އަނބިކަނބަލުން ފިޔަވައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالُوا۟ يَـٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍ﴾ (އެބޭކަލުން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް واصل އެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ أهل ވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ كافر ންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟) (ހޫދު: 81)

ދެން މާތް ﷲ އެބައިމީހުންނަށް ޖެއްސެވި މުޞީބާތަކީ ނުވަތަ ފޮނުއްވި ޢަޛާބަކީ އެއްވެސް ގައުމަކަށް ނޮފުނުއްވާ ފަދަ ބިރުވެރި މުޞީބާތެކެވެ. އެބައިމީހުންގެ ރަށް ބަންޑުން ޖައްސަވައި، އެރަށުގެ މައްޗަށް ގިނިހިލައިގެ ވާރޭ ވެއްސެވީއެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެެވެ. ﴿فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ *مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّـٰلِمِينَ بِبَعِيدٍ﴾ (ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. (82) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.) (ހޫދު: 82-83)

ބުނެވޭ ގޮތުގައި ފަލަސްޠީނާއި އުރްދުން ގުޅޭ ހިސާބުގައި މިހާރު އޮތް ޑެޑް ސީ ނުވަތަ އަލްބަޙްރުލް މައްޔިތު (މަރުވެފައިވާ ކަނޑު) އެެއީ ސަދޫމު ބަންޑުންޖެއްސެވި ތަނެެވެ. އެކަނޑަކީ މިއަދުވެސް އެއްވެސް ދިރުމެއް ނުވާ ކަނޑެކެެވެ. އެކަނޑުގެ ލޮނުގެ ނިސްބަތް މަތިވުމުގެ ސަބަބުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.