(2 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޢަލީ. ކަލެއަކީ އަހަރެންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި ބަލާ މީހެއް."
"ތިޔަކަން އަހަރެން ވެސް ދަންނަން."
"އެހެންވިއްޔާ ތެދަށް ބުނޭ........"
"ކީކޭ؟"
"ބޯޓަށް އަރުވާ މުދަކުން ކަލޭ ދުވަހަކުވެސް ވައްކަން ކުރިންތަ؟ މި ބުނީ ކޮންޓޭނަރު ފަޅަންތަ؟ ނޫނީ އެކަމުގައި ބައިވެރިވަންތަ؟"
ޢަލީ އަށް ލިބުނު ޙައިރާންކަމާއި ލިބުނު ޝޮކްގައި ޖަވާބުދިނުމަށް އޭނާގެ އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ލަގޮނޑި ބޮޑުވެގެން އައިސް ކަރުގައި ތާށިވެ، ކޮށިއަރަން އުޅޭކަހަލަ ގޮތެއް ވިއެވެ. ލަދުވެސް ގަންނަން ޖެހުނެވެ. ޢަލީ ހީކުރީ ކެޕްޓަނަކީ ރާބޮއި، މީހުން ކުރާ ކަންތަކަށް އަޅައިލުންކުޑަ މީހަކަށް ވާތީ، އެކަހަލަ ކަންތައް ބޯޓްގައި ހިނގަނީ ކެޕްޓަނަށް ވެސް އެނގިގެންކަމަށެވެ. ޢަލީ ހިތަށްއެރިއެވެ. މަށާ ތިޔަ ސުވާލުކުރަނީ، ކަލޭ ތިޔައީ މާ ފުރިހަމަ އިންސާނަކަށް ވާތީހެއްޔެވެ؟ ކަލޭ ވައްކަން ނުކުރާކަން މަށަށް ޔަޤީންވާނީ ކިހިނެއްހެއްޔެވެ؟ ޢަލީ އިސް އުފުލައިލައިފައި ކެޕްޓަންގެ މޫނަށް ބަލައިލިއެވެ.
ޢަލީގެ ހަމަހިމޭންކަމާއި އޭނާގެ މޫނުމައްޗަށް އަރައިފައިވާ ކުލަތަކުން، ކެޕްޓަނަށް ޖަވާބު ލިބިއްޖެއެވެ. ކެޕްޓަން ހިތަށްއެރިއެވެ. މީހަކު ހުންނަ ސިފައަކުން ނޫނީ ބޭރުފުށުން ދައްކުވައިގެން އުޅޭ ކުލަތަކަށް ބަލައިގެން އެކަނި ކަމަކުނުދާނެއެވެ. މީނދަ މީހާއަށް އަހަރެން އިތުބާރުކުރީ ކިހާ ބޮޑަކަށްހެއްޔެވެ؟ އޭނާ ވެސް އަހަރެންގެ އުންމީދުތަކުގައި ފައިންޖެހީއެވެ. ދެން ބުނާނީ ކީކޭހެއްޔެވެ؟މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ އަމާނާތްތެރިންނަކީ ކިތައް މީހުންގެ ތެރެއިން އެކަކުބާވައެވެ؟
"ޢަލީ.. އަހަރެން އިތުރު ޖަވާބެއް ބޭނުމެއް ނޫން. ރަށަށް ދާން ތައްޔާރުކުރޭ. ކަލެއާމެދު އަހަރެން ބެހެއްޓި ގާތްކަމަށް އެއްވެސް އިޙްތިރާމެއް ކަލޭ ނުކުރި. ކަލޭ ހީކުރާނެ ކަންނޭނގެ. އެހެން ބޯޓްފަހަރުގެ ކެޕްޓަނުންވެސް ޚިޔާނާތުގެ ކަންތަކަށް ލޯމަރާލައި އަނެއް ފަރާތަށް މޫނު އެނބުރައިލާތީ އަހަރެން ވެސް އެހެން ހަދާނެއޭ. ކަލޭ ހީކުރީކަންނޭނގެ އަހަރެން ވެސް މިއީ ވަގެކޭ، އަހަންނަށް ވެސް ބައިއަޅައޭ.
އެކަމަކު، ކަލޭގެ ހީކުރުންތައް މުޅިން ކުށް. މަށަކީ ވަގެއްވެސް ނޫން. މަށަކީ ޚިޔާނާތަށް ތަރުޙީބު ދޭނެ މީހެއް ވެސް ނޫން. މަށަކީ ތެދުވެރި ނޫން އެއްޗެއްގައި އަތްލާނެ މީހެއް ވެސް ނޫން. މަމީ ނަޙަލާލު ދަރިއަކަށް ވެސް ވެދާނެ. އެކަމަކު އަހަރެން ހިފަހައްޓާ އުޞޫލެއް ވޭ. ހަމަތަކެއް ހުރޭ. އެއީ އެހެން މީހުންގެ ޙައްޤުތަކާ ނުބެހުމުގެ އުޞޫލު."
"މަޢާފުކުރޭ."
ޢަލީއަށް މިހެން ބުނެވުނުއިރު އޭނާގެ ދެލޮލުން ކަރުނަ ފައިބައެވެ. އޭނާ ރުއިދުވަހެއް ހަނދާންވެސް ނެތެވެ. އެހެންނަމަވެސް ގަތް ލަދެއްގެ ބޮޑުކަމުންނާއި އޭނާއާ މެދު އެހާ ބޮޑަށް އިތުބާރުކުރި މީހަކާމެދު ކަންތައް ކުރެވުނު ގޮތުން އޭނާގެ އެތެރެހަށި އާދޭސްކޮށް ގިސްލާން ފެށިއެވެ.
"ޢަލީ. އަހަރެން ދައްކާނެ މާގިނަ ވާހަކައެއް ނެތް. އަދި ކަލޭގެ ތިޔަފަދަ ކުށަކަށް އަހަރެން މަޢާފުދޭކަށް ވެސް ނެތިން. ހީނުކުރާތި، ދުނިޔޭގައި އުޅެން އޮތީ އެންމެ މަގެކޭ. ގަދަފަދަކަމާއި ޚިޔާނާތާއި މަކަރާއި ހީލަތުގެ މަގު އެއީ ކަލޭ ޤަޞްދުކުރި މަގުކަމުގައި ވާނަމަ، އަހަރެން ކަލޭގެ އެކުވެރިއަކަށް ވާކަށް ނެތިން. އެކަނި ހިނގަންޖެހުނަސް އަހަރެން ބަލާނީ އަމާނާތްތެރިޔަކަށްވެ ހުރެވޭތޯ؟ މިހެން މި ބުނަނީ، އަހަރެންގެ ޒުވާން ދައުރުގައި ތަޖުރިބާކޮށްފައި ހުރި ބޭއިންސާފާއި އަނިޔާ އާއި ބިރުދެއްކުމާއި ބާރުގެ ބޭނުންކުރުމާއި މި ކަންތައްތަކުގެ ސަބަބުން ކަންނޭނގެ. އެހެންނަމަވެސް ތެދުވެރި ނޫން ގޮތަކުން ހޯދާ އެއްޗަކުން ތިމާ ގެދޮރު އަޅައި، އެ އެއްޗެހިން ދިރިއުޅުން ކުރިޔަށް ގެންދަން ވިސްނަން ހެޔޮނުވާނެ. އެކަހަލަ ނުތާހިރުކަމެކޭ ނަޙަލާލު ކުދިންތަކެއް އުފަންދަމުން ދިއުމެކޭ އަހަރެންގެ ގާތުގައި ތަފާތެއް ނެތް. މުޅި މުޖުތަމަޢު ހަލާކުވަނީ! ވަގުން ވަގު! ނަޙަލާލުން ނަޙަލާލު! ކޮބައި ސަލާމަތް، ކޮބައި ހަމަޖެހުން؟"
ކެޕްޓަން ވާހަކަދެއްކުން ހުއްޓައިލައިފިއެވެ. ޢަލީ ހިތަށއެރިއެވެ. ކަލެއަކީ ހަމަ ފައްކާ ކާފަރެކެވެ. އެކަމަކު ކަލޭ ތިޔަ ދެއްކި ވާހަކަތައް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. ވެދިޔަތަން ކޮންމެ ގޮތަކަށް ދިޔަނަމަވެސް، އަނބުރައެއް ނުގެނެވޭނެއެވެ. ނަމަވެސް ދެން އޮތް ތަނުގައި ތެދުވެރިކަމުގައި އަހަރެން އުޅޭނަމެވެ.
ކެޕްޓަން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އިރުގެ އައްޔަށް އުދަރެސް ރަތްވަމުން އަންނަކަން، އާނގަތަކުން ޢަލީއަށް ފެނުނެވެ. ދެން އޭނާއަށް އެނގުނީ އޭނާ ބޯޓްދަތުރުކުރުމުގެ ދައުރުވެސް ނިމުމަކަށް އަތުވެއްޖެކަމެވެ.
ދުނިޔެއާއި ދުނިޔޭގައި ކަންތައްތައް ހިނގާ ގޮތާއި އެ ދުނިޔޭގައި މީހުން އުޅޭ ދިރިއުޅުމަކީ، ބައެއް ފަހަރަށް ހީހީ ބަލިވާ ކަހަލަ ކަންކަމަކަށް ވެސް ދެވާނެއެވެ. އެއީ ހަމްދަރުދީ ވެސް އުފެދޭ ފަދައިންނެވެ.
މި ސާލަކީ، ޢަލީގެ ދިރިއުޅުމަށް ގެންނަން އޭނާ އަމިއްލައަށް ކަނޑައެޅި ބަދަލެކެވެ. އެއީ އޭގެފަހުން ޚިޔާނާތްތެރިއަކަށް ނުވުމަށް ކަނޑައެޅި ކަނޑައެޅުމެވެ. މިހައިތަނަށް އޭނާ ލޫޓުވައިގެން ހޯދި ފައިސާ އަނބުރައި ދޭކަށް ޚިޔާލެއް ނުކުރެވުނެވެ. މިއީ ތެދުވެރިކަން ހިތަށް ވަން މީހާއަށް ވީ ވަރެވެ. އެއްވެސް ޝައްކެތް ނެތެވެ. އޭނާ ފަޅައިލި ފޮށިތަކުގެ ވެރިން ހޯދުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ. އޭގެ މާނައަކީ، ޢުމުރުގެ ދެން އޮތް ބައިގައި ޢަލީ އަޅަން ޤަޞްދުކުރި ރަސްކަމުގެ "ދަރުބާރުގެ" ޚިޔާނާތުގެ ވެލިންނާއި ވަގަށްނެގި ގަލުން އެޅުންބާވައެވެ؟ މާނަކުރާނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. ހަމަގައިމުވެސް ޢަލީ އޭނާގެ ވިޔަފާރިއާއި އަމިއްލަ ދިރިއުޅުން ފެށީ ޚިޔާނާތުގެ ފައިސާތަކުންނެވެ. ކޮންމެ މުއްސަނދިކަމެއްގެ ފަހަތުގައި ވަނީ ބޮޑު ކުށެއްކަމަށް ބުނާ ބުނުން، އެހެންމީހުންނަށް ބަލާއިރު ދިމާނުވިޔަސް ޢަލީގެ ދިރިއުޅުމަށް، މި ބަސް ތެދުކަން އެނގެއެވެ. ހަމަނޫން ގޮތުގައި، ވައްކަމާއި ރިޝްވަތާއި ޚިޔާނާތާއި ނާޖާއިޒު ގޮތްގޮތުން ހޯދާ ތަކެތި ދަރީންނަށް ކާންދޭން ނުވަނީ އެހެންވެގެންނެވެ. އެފަދަ އެއްޗިހި ބޭނުންކޮށްގެން ބޮޑެތި ވާ ކުދީންގެ ހަށިގަނޑުގައި ހުންނާނީ ވަގު ޖީނެވެ. އެ ޖީން އެއް ދަރިކޮޅުން އަނެއް ދަރިކޮޅަށް ވާރުތަވަމުން ދެއެވެ. މި ބުރު ފުނޑުފުނޑުކޮށްލެވޭނީ ﷲ ގެ މަގުގައި ސާބިތުވެ ހުންނަ މީހަކަށް އެކަންޏެވެ.
ހައިކަލް އޭނާގެ މަންމަގެ ނިދާ ކޮޓަރިއަށް ވަދެ، ވަތްގަނޑުތައް ހާވަމުން ދެއެވެ. އެއްވެސް ތަނަކުން ފައިސާއެއް ނުފެނުނެވެ. ހެދުންތައް ލައިފައި ހުންނަ އަލަމާރި ހުޅުވައިލަންވެގެން އަތްގަނޑުގައި ހިފިއިރު އަލަމާރި ހުރީ ތަޅުލައިފައެވެ. އަލަމާރިމަތީގައި ތަޅުދަނޑި އޮތްތޯ އަތް ކާއްތައިލިއެވެ. އެތަނަކުވެސް ތަޅުދަނޑިއެއް ނުފެނުނެވެ. ވީ ފޫހިން އަލަމާރީގެ ދޮރުފަތުގައި ގޮށްމުށުން ޖެއްސެވެ. ތަޅުލައިފައި ހުރި ފަރާތުގެ ދޮރުފަތް ހުރިގޮތަށް ހުއްޓައި އަނެއް ދޮރުފަތުގެ ތަންޑު ނެއްޓިގެން މަޑުމަޑުން ދެ ދޮރުފަތް ހުޅުވެން ފެށިއެވެ. އަޑު ނުކިޔާގޮތަށް ދޮރުފަތް ހުޅުވައިލައި، އަލަމާރީގެ ތެރެއަށް ބޯދިއްކޮއްލިތަނާ، ފަހަތުން މީހަކު އަހައލިއަޑު އިވުނީ،
"ބަލަ ތިޔައުޅެނީ ކީއްކުރަން؟"
ސިއްސައިގެން ގޮސް ބޯދަމައިގަންނަން ހަދައިގެން، މެދުފަތިގަނޑުގައި ކަނާތު ކަންކަށި ޖެހި ވަރަށް ބޮޑަށް ތަދުވިއެވެ.
އެނބުރި ބަލައިލިއިރު، ހައިކަލްގެ މަންމަ އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ. ހައިކަލް ހަމަޖެހޭގޮތް ދައްކައިލިއެވެ. ރީއްޗަށް ދޮރުފަތް ލައްޕައިލައިފައި ގޮސް މަންމަ ގާތުގައި ހުއްޓި މަންމަގެ އަތުގައި ދެއަތުން ހިފައިލިއެވެ.
"ވީ ގޮތަކީ ތަޅުދަނޑި ފެނޭތޯ ބަލައިލީ. ނުފެނިގެން ވީ ފޫހީގައި ދޮރުގައި ޖަހައިލިތަނާ ތަންޑު ނެއްޓިގެން ދޮރުފަތް ހުޅުވުނީ."
" ކީއްކުރަން ތަޅުދަނޑި ހޯދީ."
"އަހަންނަށް ކުޑަވެފައި ހުރި ޓީޝާރޓްތަކެއް އެބަހުއްޓެން ނޫން. އެ އެއްޗެހި ކުއްޖަކަށް ދޭންވެގެން."
"ހައިކަލް. މަންމައަށް ހީވަނީ އަދި ތިޔަ ހަދަނީ ތެދެއް ނޫންހެން. ރަނގަޅަށް ބުނެބަލަ."
"މަންމާ. ދުއިސައްތަ ރުފިޔާ ދީފާނަންތަ."
"ކީއްކުރަން."
"ޕާޓީއެއް ބާއްވަންވެގެން."
"އެހެންވީމާތަ އަލަމާރި ހުޅުވޭތޯ އުޅުނީ."
ހައިކަލް އިސްދަށަށް ޖަހައިލިއެވެ. އޭނާގެ މަންމަވެސް އިސްދަށަށް ޖަހައިލިއެވެ. އަދި މަޑުމައިތިރު ރާގަކަށް އަމިއްލައަށް ބުނެލިއެވެ.
"ހައިކަލާމެދު މަންމަ ކަންތައްތައް ކުރާގޮތާމެދު ހިތްހަމަނުޖެހޭނަމަ މިގެއިން މަންމަ ހިނގައިދާނަން."
"ކީއްވެ ހިތްހަމަނުޖެހޭކަމަށް ހީކުރަނީ."
"ތިޔައުޅޭ ދިރިއުޅުމުން."
"ނޫނޭ. މަންމަ ގޮސްގެން ނުވާނެ. މަންމަ ބުނިގޮތަކަށް އަހަރެން އުޅޭނީ."
"އަހަރެންގެ އަތުން އެއްޗެއް ބޭނުންވާ ކޮންމެ ފަހަރަކު، ތިޔަ ހުރިހައި ވާހަކައެއް ދައްކަން ޖެހޭނެތަ؟"
ހައިކަލްގެ މަންމަ ގޮސް އަލަމާރި ހުޅުވައިފައި އަތްދަބަހެއް ނަގައި، ދުއިސައްތަ ރުފިޔާ ނަގައި، އޭނާގެ ދަރިފުޅުގެ އަތަށް ދިއްކޮށްލިއެވެ. ހައިކަލް ފައިސާގައި ހިފަން އަތްދިއްކޮށްލުމުން، އޭނާގެ މަންމަ އަތް ފަހަތަށް ދަމައިގަތެވެ.
"މިދިޔަ ހަފުތާގައި ބައްޕަ އަތުން އަތުލި ފައިސާ ކޮބާ؟"
"މިހާ ގިނަދުވަހު އެ ހުންނާނެތަ؟"
ކީއްތަ ކުރަނީ. ސާފުކޮށް ބުނެބަލަ. މަސްތުވާތަކެތި ގަންނަނީތަ؟"
"މަންމާ!"
މިހެން ބުނެފައި ހައިކަލް ދެލޯ ބޮޑުކޮށްލިއެވެ. އޭނާގެ މަންމަ ހިތަށްއެރިއެވެ. މިކަހަލަ ޝައްކުކުރާކަށް ނުވާނެއެވެ. އެކަމަކު މި ޒަމާނުގައި އެނގޭނީ ކިހިނަކުންހެއްޔެވެ.
(ނުނިމޭ)