(12 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޚާލިދު ދީދީ ދޮރުމައްޗަށް ވަޑައިގަތެވެ.
ޚާލިދު ދީދީ: "ކޮއްކޯ! މީ ބޭބެގެ ދަރިފުޅު މުޙައްމަދު. ދަރިފުޅާ މިއީ ފާރިޝާ. ޝަރީފާ ދީދީ ދައްތަގެ ފާރިޝާ. "
ފާރިޝާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. މުޙައްމަދު ފަޓްލޫނުގައި އަތް ކާއްތާލައިފައި ސަލާމަށް އަތްދިއްކޮށްލިއެވެ. ފާރިޝާއަށް އިޙްސާސްވީ ފިނިފިނި އަތެކެވެ. އެއްވެސް ބާރެއް ނެތް ފިނިފިނި އަތެކެވެ.
ފާރިޝާ: "ވަންނަވަންވީނު. ބޭބޭ. ދެން މިވީ ސައިތައްޓެއް ހިއްޕަވަން. މުޙައްމަދު ކޮފީތޯ، ސައިތޯ."
މުޙައްމަދު: "ކޮންމެ އެއްޗެއް ވެސް އެންމެ ރަނގަޅު."
ފާރިޝަ ހިތަށް އެރިއެވެ. "އަހަރެންގެ މަންމަ ފުށުގެ ޢާއިލާ މިދަނީ ނިއުޅުވެމުންނެވެ. އަދިވެސް ގާތްތިމާގެ އިތުރު މީހުން ތިބެދާނެއެވެ.
ފާރިޝާ ގޭގައި ގެންގުޅޭ ކުއްޖާއަށް ގޮވައިލައިފައި ދެ ތަށި ކޮފީ ގެނެސްދިނުމަށް ބުންޏެވެ.
ފާރިޝާ: "ބޭބެ ހަކުރު އަޅައިގެންތޯ؟"
ޚާލިދު ދީދީ: "އާނ! ހަކުރު އަޅައިގެން. މާ ގިނައެއް ކޮށެއް ނޫން."
ފާރިޝާ: "މުޙައްމަދާ ބައްދަލުވީތީ އުފައުކުރަން. މުޙައްމަދު ކޮއްކޮ ކިޔާނީ. އެންމެ ރަނގަޅުތޯ؟"
މުޙައްމަދު ލަދުވެތި ހިނިތުންވުމަކުން ހިނިތުންވެލިއެވެ.
މުޙައްމަދު: "މުޙައްމަދު ކިޔަސް ރަނގަޅުވާނެ."
ފާރިޝާ: "ބޭބޭ! ކޮބައިތޯ މަންމަގެ ޢާއިލާގެ ދެން ތިއްބެވި މަންމައާ ގާތް ބޭފުޅުންނަކީ؟"
ޚާލިދު ދީދީ: "އެހައި ގާތް ބޭފުޅުންނެއް ނެތް. އެންމެ ގާތް މީހަކަށް ހުރީ ބޭބެ. ދެން ބޭބެގެ ޢާއިލާ. މުޙައްމަދުގެ މަންމަ އައިމިނާ ދީދީ އަވަހާރަވިތާ އަދި މިވީ އަހަރެއް. ބޭބެގެ ހުންނަނީ މުޙައްމަދު އެކަނި. ތަޤްދީރުގެ ނިޔާ."
މުޙައްމަދު ގަޑިއަށް ބަލައިލިއެވެ. ގޭގައި ގެންގުޅޭ މީހާ ކޮފީ ތަށިތައް ގެނެސްދީފިއެވެ. ފާރިޝާ ބުނެލިއެވެ.
ފާރިޝާ: " މުޙައްމަދަށް ލަސްވަނީކަން ނޭނގެ."
މުޙައްމަދު: "އޮފީހުގައި އުޅެފައި މި އައީ. ބައްޕަ ގެއަށް ލާން."
ޚާލިދު ދީދީ: "މުޙައްމަދަކީ ވަރަށް ބިޒީ މީހެއް. ކޮމްޕިއުޓަރު މަސައްކަތްކުރާ ކުންފުންޏެއްގައި އުޅެނީ."
ފާރިޝާ: (ހިނިތުންވެފައި) އެހެންތޯ؟ އަޅުގަނޑު މި ހުންނަނީ އަދި ކޮމްޕިއުޓަރު ދަސްކުރާހިތުން."
ޚާލިދު ދީދީ: "ތިޔަކަން މުޙައްމަދު ކޮށްދީފާނެ. ދޯ ދަރިފުޅާ!"
މުޙައްމަދު: "ކޮށްދެވިދާނެ. އެކަމަކު، އެކަހަލަ ކުލާހަކަށް ދައްތަ ވަޑައިގަތިއްޔާ މާ ރަނގަޅުވާނެ."
ފާރިޝާ: "މާތް ބަހުރުވައިން ވާހަކަނުދައްކަވާ."
ޚާލިދު ދީދީ: "މިހާރު ތިޔަ ބުނާ މާތް ބަހުރުވަ ވެސް މި ދަނީ އުވެމުން. އެ ބަހުރުވައިން ވާހަކަދައްކަން ނޭނގޭ މީހުން ގިނަވިވަރަކަށް ވާނީ ވެސް އެހެން."
ފާރިޝާ: "ޒަމާން ބަދަލުވަމުން ދިޔަވަރަކަށް ކަންކަމަށް ބަދަލު އަންނާނެ."
ޚާލިދު ދީދީ: " ބޭބެ ދެކެނީ ބަދަލެއްވިއްޔާ ވާންވާނީ ހެޔޮ ބަދަލަކަށް ކަމަށް. ކަންކަން ނުބައިން ނުބަޔަށް ބަދަލުވާ ބަދަލުވުން އެއީ ތަނުގެ ހަލާކު."
މުޙައްމަދު: "ބައްޕާ އަޅުގަނޑަށް ލަސްވަނީ."
ޚާލިދު ދީދީ: "އަވަހަށް ހިނގާ. ފާރިޝާ ކޮއްކޯ. ބޭބެ ދަނީ."
ފާރިޝާ: "މުޙައްމަދު ކޮއްކޯ! ދައްތައަށް ގުޅުއްވައްޗޭ. ކޮމްޕިއުޓަރ ކުލާހުގެ ކަންތަކުގައި."
މުޙައްމަދު: "އާދެ! ގުޅާނަން."
ދެބަފައިން ދިއުމުން ފާރިޝާ ގެއަށް ވަދެ، އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޢަލީ ނިޔައުވި ފަހުން ފާރިޝާ ވަނީ ޢަލީ އުޅުނު ކޮޓަރިން އެހެން ކޮޓަރިއަކަށް ބަދަލުވެފައެވެ. ފާރިޝާ ކުމާރީއަށް ގޮވައިލިއެވެ. އޭނާ އައުމުން ފޮނިމަޑު ކަޅުސައިތައްޓެއް ގެންނާށޭ ބުންނެވެ. ދެން ފޯނު ނަގައި ހައިކަލަށް ގުޅައިލިއެވެ. ހައިކަލް ފޯނު ނެގުމުން.
ފާރިޝާ: "ހައިކަލްތޯ؟"
ހައިކަލް: "ފާރިޝާ! ކިހިނެއްތަ؟ މިއީ ހައިކަލް.
ފާރިޝާ: "މި ގުޅައިލީ ކަމެއްގެ ލަފައަކަށް އެދި."
ހައިކަލް: "އެއީ ކޮން ކަމެއް؟"
ފާރިޝާ: "މިގޭގެ ފިހާރަތަކުގެ ސޭޓުންނާ ބައްދަލުކުރާނަމޭ ހިތާ މި އުޅެނީ. ޢަލީ ނިޔައުވިފަހުން ވަކި އިރުޝާދެއް ދީފައެއް ނޯންނާނެ. މިހާރު ހިތަށް އަރަނީ އެމީހުންނާ އަހަރެން ބައްދަލުކޮށް ވާހަކަދައްކަން ޖެހޭނެއޭ."
ހައިކަލް: "ކޮން ކަހަލަ ވާހަކައެއް؟"
ފާރިޝާ: "އެކަމާއޭ މި ގުޅައިލީ."
ހައިކަލް: "އަހަރެންގެ ހިތުގައި އޮތް އެއްޗެއް ސީދަލަށް ބުންނަންތަ؟"
ފާރިޝާ: "އާން! އަވަހަށް ބުނޭ."
ހައިކަލް: "އަހަރެންގެ ހިތަށް އަރަނީ ފުރަތަމަ ކަންތައް ފުރަތަމަ ކޮށް ނިންމައިލަމާ ހިނގާށޭ."
ފާރިޝާ: "ޝަރީޢަތުގެ ވާހަކަ؟"
ހައިކަލް" "އެގްޒެކްޓްލީ. އެކަން ނިމެންދެން އިހަށް މަޑުކޮށްލާ."
ފާރިޝާ: "އެހެންވީމައޭ މި ގުޅެނީ. ހައިކަލް ދޭނީ ހެޔޮ ލަފާ."
ހަނުހިމޭން ވަގުތުކޮޅެކެވެ. ދެމީހުން ކުރެ އެކަކު ވެސް އެއްޗެއް ނުބުނެ ތިއްބެވެ.
ހައިކަލް: "ފާރިޝާ. އާރ ޔޫ ދެއަރ؟"
ފާރިޝާ: "ކަނޑައެއް ނުލަމޭ."
ހައިކަލް: "މި ހުށަހެޅި ގޮތް ކީއް؟"
ފާރިޝާ: "އެންމެ ރަނގަޅު. ދެން މަޑުކުރާނީ."
ހައިކަލް: "އެނގޭ ދޯ އެއީ ކީއްވެގެންކަން؟"
ފާރިޝާ: "ލަފާކުރެވޭ. ޝުކުރިއްޔާ!"
ހައިކަލް: "ކޯންޗެއް މެންދުރަށް ތައްޔާރުވަނީ."
ފާރިޝާ: "މި ގޭގައި ހުންނާނީ އާދަވެގެން ހުންނަ އެއްޗިހި. މިގެއަށް އަންނާނަންތަ؟ މި ބުނީ ކާން."
ހައިކަލް: "ލުއި އެއްޗެއް ކައިލަން ޖައްސައިލަފާނަން. ކޮންމެ ވެސް ހެލްތީ އެއްޗެއް."
ފާރިޝާ: "އެންމެ ރަނގަޅު. ގަޑި؟"
ހައިކަލް: "ސޭ. 45 މިނިޓްތެރޭގައި."
ފާރިޝާ: "އޯކޭ."
ފޯނު ބޭއްވުމަށްފަހު ފާރިޝާ ދިޔައީ ބަދިގެއަށެވެ. ސެލެޑެއް ތައްޔާރުކުރަން އެއްޗިހި ހުރިތޯ ބަލައިލިއެވެ. ހައިކަލް ދުރުވާ ވާހަކަ ކުމާރީއަށް އެންގިއެވެ. މަސްދަޅަކާއި ސެލަޑަކަށް ބޭނުންވާނެ ތަކެތި ހޯދަން ބުންޏެވެ. ދެތިން އޮރެންޖުން ޖޫސްތައްޓެއް ހަދާށޭ ބުންޏެވެ. ސެލެޑް ހަދާނީ ފާރިޝާ ކަމަށް ބުންޏެވެ.
ބައިގަޑިއިރުގެ ތެރޭގައި ސެލެޑް ތައްޔާރުކޮށްފިއެވެ. ގޭތެރެއަށް ސާފު ވައި ވަންނަގޮތަށް ދޮރުތައް ހުޅުވައިލައި، ވައި ތާޒާކުރާ ޒާތުގެ ފުޅިއަކުން މުޅި ގޭގެ ވަސް ރަނގަޅުކޮށްލިއެވެ. ބޮޑުކޮޓަރިތެރެ އިންތިޒާމްކޮށްލައި، ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުތެވެ. ހައިކަލް ބުނެފައިވާ ގަޑިޖެހިއްޖެއެވެ. އޭނާގެ ޚަބަރެއް ނުވިއެވެ. ފޯނުން ގުޅައިލިއެވެ. ފަނަރަވަރަކަށް މިނިޓްގެތެރޭގައި އަންނާނެ ވާހަކަ ހައިލް ބުންޏެވެ. އޮތް ވަގުތުކޮޅުގެ ތެރޭގައި ބޯ ހިއްކައިލައި، ރީތވެލައިގެން ކޮޓަރިން ނިކުތެވެ. ބްރައުން ބްރެޑްގެ ދެތިން ފޮތި ޓޯސްޓްކޮށްލަން ކުމާރީ ގާތު ބުންޏެވެ.
އަމިއްލައަށް ތައްޔާރުކުރި ދަޅުމަހާއި ތަރުކާރީ ސެލަޑްގެ މައްޗަށް ކަޅު ޒައިތޫނިކޮޅެއް އަޅައިލިއެވެ. އަދި ކުޑަކުޑަ ޒައިތޫނިތެޔޮފޮދެއް ސެލަޑަށް އަޅައި އެއްކޮށްލިއެވެ.
ހައިކަލް ސަލާން ގޮވައިލި އަޑުއިވިގެން އަވަހަށް ގޮސް އޭނާ ގޮވައިގެން ކާކޮޓަރިއަށް އައެވެ.
ދެމީހުން ކައި ނިންމައިލިއެވެ. "ހައިކަލް ކޮފީއެއް ގެންނަންތަ؟" ފާރިޝާ ސުވާލުކުރިއެވެ. ހައިކަލް އެދުނީ ކަޅުސައިތައްޓަކަށެވެ.
ދެ ތަށި ކަޅުސައި ބޮޑުކޮޓަރިއަށް ގެނެސްދޭށޭ ބުނެފައި ދެމީހުން ދިޔައީ އެ ތަނަށެވެ.
ހައިކަލް: "ކެއުން ވަރަށް ރަނގަޅު. ޝުކުރިއްޔާ."
ފާރިޝާ: "ޝުކުރު އަދާނުކުރިޔަސް އެންމެ ރަނގަޅު. ހައިކަލް އައީތީ ވަރަށް އުފައުކުރަން."
ހައިކަލް: "އަހަރެން ނުދެކެމޭ ފާރިޝާ ތިއީ މާ ދުރު މީހެއް ކަމަކަށް."
ފާރިޝާ: "އަހަރެންވެސް."
ހައިކަލް: "އަޅެ ބުނެބަލާ އަހަންނާމެދު ވިސްނަނީ ކިހިނެއް."
ފާރިޝާ އިސްދަށަށް ޖަހައިލިއެވެ.
ފާރިޝާ: "ތިޔަހާ ސީދާ ސުވާލެއް ކުރީމާ ވަރަށް އުނދަގޫވޭ ޖަވާބުދޭން."
ހައިކަލް: "ދޭންވާނީ ސީދާ ޖަވާބެއް. އެއްވެސް އެއްޗެއް ނު ފޮރުވާ ޖަވާބެއް."
ފާރިޝާ: "އަދި އެއްފަހަރު."
ހައިކަލް: "އަދި އެއްފަހަރު ކީކޭ؟"
ފާރިޝާ: "ކޮބައިތަ ސުވާލަކީ."
ހައިކަލް: "ހައިކަލާމެދު ފާރިޝާގެ ވިސްނުން ހުންނަނީ ކިހިނެއްހޭ؟"
ފާރިޝާ: "އަހަރެން........
ކުމާރީ ދެ ތަށި ސައި ހިފައިގެން އަތުވެއްޖެއެވެ. އޭނާ ދިއުމުން ފާރިޝާ ބުނަން އުޅުނު އެއްޗެއް ފުރިހަމަކޮށްލިއެވެ.
ފާރިޝާ: "އަހަރެން ދެކެނީ ހައިކަލަކީ، ވަރަށް ސާބިތު މީހެއްކަމަށް. ޒާތީ ދިރިއުޅުމެއް ނޭނގޭ. މީހަކާ ލޯބިވެގެން އުޅޭކަމެއް ނޭނގޭ. ކުރާ މަސައްކަތެއް ވަރަށް ޕްރޮފެޝަނަލްކޮށް ކުރާ ހީވާގި މީހެއް. އެމީހަކާ މެދު އަހަރެންގެ ހިތުގައި ތާރީފް ނޫން އެއްޗެއް ނެތް މީހެއް."
ހައިކަލް" "ތާރީފް އެކަނިތަ؟ އަހަންނަށް ފާރިޝާއާމެދު ވަރަށް ވިސްނޭ. ވަރަށް ދެކޭހިތްވޭ. ބައްދަލުކުރާހިތްވޭ. އަތުގައި އަތްޖައްސައިލާ ހިތްވޭ."
ފާރިޝާ: "ދެން ހައިކަލްގެ ޒާތީ ޙަޔާތް؟
ހައިކަލް: "އަހަރެންގެ ޕްރައިވެޓް ލައިފެއް ނެތް. އިސްކޫލުގައި އުޅުނުއިރު ކުއްޖަކާ އަޅައިގަނެގެން އުޅެވުނު. ސީރިއަސް އެފއަރޒެއް ނޫން. އަހަރެންގެ ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު، ޑްރަގްގެ ވަބާގައި ޖެހުނީ. އަރުވައިވެސް ލި. އަހަރެން ދުނިޔެއަށް ލޯ ހުޅުވައިލަދިން ކަމަކަށް އަރުވައިލުން ވި. އެ ހިސާބުން ފެށިގެން އަހަރެންނަކީ، ތިޔަ ބުނިހެން ވަރަށް ސާބިތު މީހެއް. އަހަރެންނަށް މީހަކު ދެކެ ލޯބިވެވިފައެއް ނެތް. ލޯބިވާން ބޭނުމީ، ފާރިޝާ ކަހަލަ މީހަކާ. އަހަރެންގެ ޢުމުރު މައްޗަށް ދަނީ. ބައިވެރިއެއް ހޯދަންޖެހިފައި މިއޮތީ."
ފާރިޝާ: "ފާރިޝާ ކަހަލައޭ؟ ތިޔަ ބުނީ ކޮން މާނައެއްގަ؟"
ހައިކަލް: "އެހެން ބުނީމާ ނުބައި މާނައެއް ނުނަގައްޗޭ. އަހަންނަކީ އެހައި ގޮތެއްފޮތެއް ނެތް މީހެއް ނޫން. ޑުރަގުގެ ދުވަސްތައް އެއީ ހަމަ ޒުވާންކަމުގެ ލާހޫރުމުގެ ތެރޭގެ ޢަމަލެއް. މިހާރު އެކަމާ ހިތާމަކުރަން."
(ނުނިމޭ)