ކޯވިޑް-19: އަންނަ ހަފްތާއިން ފެށިގެން ދުވާލަކު 500 ޓެސްޓް އިތުރަށް ހެދޭނެ

އަންނަ ހަފްތާއިން ފެށިގެން  ދުވާލަކު އިތުރަށް 500 ސާމްޕަލް ޓެސްޓުކުރެވޭނެކަމަށް އަންދާޒާކުރާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ. މަބްރޫކް މިހެން ވިދާޅުވީ މިއަދު އޭޑީކޭ އަށް ގެނެވުނު ޕީސީއާރް މެޝިނާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. އޭޑީކޭގައި މިހާރު އެ މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އަންނަ ހަފްތާގައި އެ މެޝިން ބޭނުންކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މެޝިނަކީ ރާއްޖޭގެ ޓެސްޓިންގް ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލް ތަކުގެ ލެބޯޓްރީތަކުގައި ޓެސްޓު ކުރެވޭ ގޮތް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނެވުނު މެޝިނެކެވެ.

ކޯވިޑް-19 އަށް ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވާނެކަމަށް ލަފާކުރެވެނީ ކުރިޔަށް އޮތް ދެ ހަފްތާގައި ކަމަށްމީގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ. އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވާނެ ދުވަހަކީ ނުވަތަ ޕީކް ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކީ މޭ މަހުގެ 31 ވަނަ ދުވަހެވެ. ރާއްޖޭގެ މިހާރުގެ ޓެސްޓިންގް ކެޕޭސިޓީ ދަށްވުމާއި ގުޅިގެން ޑރ. ޝީނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ޓެސްޓުކުރެވެނީ  400 ސާމްޕަލްއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.