ކުރިން ލަފާކުރި ވަރަށްވުރެ ތިން ބިލިއަން އިތުރުވެ މިއަހަރުގެ ދަރަނި 15.8 ބިލިއަނަށް

ކޮވިޑާ ގުޅިގެން ކުރިން ލަފާކުރި ވަރަށްވުރެ ތިން ބިލިއަން އިތުރުވެ މިއަހަރު ދައުލަތުގެ ދަރަނި 15.8 ބިލިއަނަށް އަރާނެކަމަށް ފިނޭނެސް މިނިސްޓަރ އިބަރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން އިޤްތިޞާދަށް ލިބެމުންދިޔަ ހީނަރުކަމާ ގުޅިގެން ފިނޭންސް މިނިސްޓަރ ކުރިން ލަފާކުރެއްވީ ބަޖެޓް ދަރަނިވެރިވާނީ 12 ބިލިއަނުން ކަމަށެވެ. ނަމަވެސް އެ އަންދާޒާތަކަށް ބަދަލު އައިސް އެންމެ ފަހުގެ އަންދާޒާ އަކީ 15.8 ބިލިއަން ރުފިޔާއަށް ދަރަނި އިތުރުވުމެވެ. މިއަހަރަށް ފާސްކުރި ބަޖެޓްގައި ލަފާކޮށްފައި އޮތީ ދަރަނިވެރިވާނީ ހަ ބިލިއަނުން ކަމަށެވެ. ނަމަވެސް މިހާރު މިވަނީ އެއަންދާޒާ ދެގުނައަށް ވުރެވެސް މަށްޗަށް ދާނެކަމަށް ލަފާކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި އަންނަ އަހަރުވެސް ދަރަނި ހުންނާނެކަމަށް އަންދާޒާ ކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ ގައެވެ. އެއީ މިއަހަރުގެ ދަރަނި ހުންނާނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ 1.4 ބިލިއަން ރުފިޔާ ދަށް ޢަދަދެކެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއަހަރަށް ލަފާކުރި ބަޖެޓް އެކުލަވާލެއްވި އިރު މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންޒާކުރެއްވީ 29.9 ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް ހިލޭ އެހީއާއި އާމްދަނީ ގޮތުގައި ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެއްވޭ ޢަދަދަކީ 15.18 ބިލިއަން ރުފިޔާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ފައިސާގެ ޢަދަދުތަކެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް މިއަހަރުވެސް އިތުރަށް 12 ބިލިއަނެއްހާ ރުފިޔާ އެކި ގޮތްގޮތުން ހޯދަން ޖެހޭކަންވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް ވަންނާނެ ކަމަށް ލާފާކުރައްވައިފައި ވަނީ ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އިޤްތުޞާދީ ކޮމެޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ޤައުމީ އުފެއްދުންތެރިކަން 7.5 އިންސައްތައަށް އިތުރުވާނެކަށް ކުރިން ލަފާ ކުރެއްވި ނަމަވެސް މިހާރުގެ އަންދާޒާއަކީ ޤައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވުން ކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. 

ފަތުރުވެރިކަމާ ގުޅޭ ތަފާސް ހިސާބު ހާމަކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް 1.7 ފަތުރުވެރިން އައި ނަމަވެސް މިއަހަރު އަންދާޒާ ކުރަނީ 980،000 (ނުވަލައްކަ އައްޑިހާ ހާސް) ފަތުރުވެރިން އައުންކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.