ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 8 މީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ ޢަދަދު 40 އަށް އަރައިފިއެވެ.
މިރޭ ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ އިބަރާހީމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ދިވެހިން ކަމަށެވެ. ކޮވިޑް މީހުން ރަނގަޅުވުމުގައި ނަގާ މުއްދަތު ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ މާބޮޑު އަލާމާތެއް ނުފެނި އަމިއްލަ އަށް ރަނގަޅު ވެގެންދާ މީހުން ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 955 މީހުންނެވެ. މިއަދު އެކަނި 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެތެރެއިން ހާލުބޮޑު ތިން މީހަކު ޑީއެޗް 11 ގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައެވެ. އަނެއް މީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުކަމް މިރޭގެ ޕަރެސް ކޮންފަރެންސް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވިއެވެ. އިތުރު ފަރުވާ އަށް ބޭނުންވާ 10 މީހުންނަށް ޓްރީޓޮޕްގައި ދަނީ ފަރުވާ ދެމުންނެވެ. ޓްރީޓޮޕްގައި ފަރުވާދެމުންދާ ދެމީހަކު ވަނީ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕްގައި ވެންޓިލޭޓަރަށް ނުލާ އޮތް ބަލި މީހަކު ވަރަށް ސީރިއަސް ހާލަތުގައި އޮތްކަމަށް މިރޭގެ ޕްރެސް ގައި ޑރ މުސާ މުރާދު ވިދާޅުވިއެވެ.