ކޯވިޑް-19 ގައި މިއަދުގެ މިހައިތަނަށް ދެ މީހުން ނިޔާވެއްޖެ

މިއަދުގެ މިހައިތަނަށް ކޯވިޑް-19 ގައި ދެ ދިވެހިން ނިޔާވެއްޖެއެވެ. ފުރަތަމަ މީހާ ނިޔާވީ ރޭ ފަތިހު 4 ޖެހި އިރު އައިގީއެމްއެޗްގައެވެ. އެއީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. ދެވަނަ މީހާ ނިޔާވީ ހެނދުނު 8.30 ގައި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައެވެ. އެއީ އުމުރުން 85 އަހަރުގެ ފިރިހެނެކެވެ. މި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ނިޔާވީ ފަހުން ހެދި ޓެސްޓަކުންނެވެ.

މި ދެމީހުން ނިޔާވުމުން ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް ނިޔާވީ މީހުންގެ އަދަދު 86 އަށް އެރީއެވެ. ރާއްޖޭގައި މިހާރު ކޯވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ބައެއް ގޭގޭގައި ދިރިއުޅޭ އެންމެން އެކީގައި ޕޮޒިޓިވް ވަމުންވެސް އެބަދެއެވެ. ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދިއުމާއެކު ހަސްފަތާލުތަކުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. މި ބަލީގެ އެންމެ ބޮޑު ނުރައްކަލެއް ކަމަށް މުޅި ދުނިޔެއިންވެސް ބަލަމުން އަންނަނީ ހަސްފަތާލުގައި ބާއްވައިގެން ފަރުވާދޭން ޖެހޭ މީހުން އިތުރުވުމެވެ. އާދައިގެ ގޮތަކަށް ނޭވާލާން އުނދަގޫ ވެގެން ބާއްވާ މީހާ ހަމަ ކުއްލިއަކަށް ސީރިއަސް ހާލަތަކަށް ދާގޮތް ވުމަކީ މި ބަލީގައި މެދުވެރިވާ ކަމެއް ކަމަށް ދިވެހި ޑަކްޓަރުންވެސް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ. އެފގަދަ ގޮތަކަށް ދިމާވާ މީހުންގެ އަދަދު ގިނަވެ ވެންޓީލޭޓަރަށް ލާ މީހުން ގިނަވަމުންގޮސް ވެންޓިލޭޓަރު ހުސްވެ، ބައެއް މީހުން މަރުވާތަން ބަލަން ތިބުން ނޫން ގޮތެއް ނެތް ހިސާބަށް ހިނގައިދާނެތީ މުޅި ދުނިޔެ ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް ގައުމުތައް މި ހާލަތަށް ގޮސްފައި އެބަހުއްޓެވެ. ރާއްޖެ މި ހާލަތަށް ދިއުމުގެ ކުރިން ފަރުވާތެރިވެ އެޗްޕީއޭގެ އިރުޝާދުތަކަށް ބަރާބަރަށް އަމަލު ކުރަން ކަމާ ބެހޭ އިދާރާތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.