މުސްލިމުންނަށް ކުރިމަތިވި ބައެއް މުޞީބާތްތައް: (2) ޙުނައިނު ހަނގުރާމައިގެ ދުވަހު ދިމާވި ކަންތައް

ޙުނައިނު ވާދީ

ޙުނައިނު ހަނގުރާމައަކީ ހިޖުރައިން 8 ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައި ހިނގި ހަނގުރާމައެކެވެ. އެ އަހަރު ރަަމަޟާން މަހުގެ ތެރޭގައި މާތް ﷲގެ ފަޟުލުވަންތަކަމާއެކު ރަސޫލުﷲ صلى الله عليه وسلم މައްކާ ފަަތަޙަކުރެއްވުމުން، ޤުރައިޝުގެ ގިނަ ބަަަޔަކު އިސްލާމްދީނަށް ވަދެ މުސްލިމުންގެ އަދަދު އޮތީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި އުފާވެރިކަމުގެ ތެރޭގައި މުސްލިމުން ތިއްބައި، ޢަރަބީންގެ ތެރެއިން ބޮޑު ދެ ޤަބީލާއެއް ކަމުގައިވާ ޘަޤީފާއި ހަވާޒިން ގުޅިގެން މުސްލިމުންނަށް ހަމަަލާދޭން ނިންމިއެވެެ. ރަސޫލުﷲ صلى الله عليه وسلم މުސްލިމުންގެ ބިޔަ ލަޝްކަރަކާއިގެން ވަޑައިގެން އެބައިމީހުންނަށް ޙަމަލާދެއްވަފާނެކަމަށް ބަލައި، އެއަށްވުރެ ކުރިން އެބައިމީހުން އިސްވެ ޙަމަލާދީ އެކަލޭގެފާނު ބަލިކުރުމުގެ ބޭނުމުގައެވެ.

މާލިކު ބިން ޢައުފު އަންނަޞްރީގެ ލަޝްކަރުގެ ޤާއިދެއްގެ ގޮތުގައި ހުރެގެން ނުކުން ޘަޤީފާއި ހަވާޒިންއާއި އެހެން ބައެއް ޤަބީލާތަކުގެ ލަޝްކަރުގައި 30 ހާސް މީހުން ތިއްބެވެ.

ރަސޫލުﷲ صلى الله عليه وسلم ނުކުމެވަޑައިގަތީވެސް ބޮޑު ލަޝްކަރަކާއިގެންނެވެ. އެކަލޭގެފާނާއެކު 12 ހާސް މީހުން ތިއްެބެވެ. މި ލަޝްކަރުގައި އަލަށް އިސްލާމްވި މީހުންނާއި، އީމާންކަން އެހާ ވަރުގަދަ ނޫން މީހުން ތިއްބެވެ. ލަޝްކަރު ޙުނައިނުގެ ވާދީއަށް ދަތުރުކުރި މަގުމަތީގައި އެބައިމީހުން މުސްލިމުންގެ ލަޝްކަރުގެ ބިޔަކަމާމެދު ފަޚުރުވެރިވެ ބުނަން ނުވާ ކަަހަލަ ބަސްތައް ބުންޏެވެ. "މިއަދު އަަހަރުމެންގެ މީހުން މަދުވެގެން ބަލިވާކަށް ނުޖެހޭނެ" ފަދަ ބަސްތަކެވެ.

ހަނގުރާމައިގެ ކުރީކޮޅު މުސްލިމުންނަށް ދިމާވި މުޞީބާތާއި އެމީހުން ވީ ބޮޑު ބަލީގެ ސަބަބަކަށް ވީ މި ފަޚުރުވެރިކަމާއި، ބޮޑާކަމެވެ. އެކަމުގެ ސަބަބުން މާތް ﷲ އެބައިމީހުންނަށް ބަލިވުމުގެ ހިތި ރަހަ ދައްކަވައި ވަރުގަދަ އިމްތިޙާނަކުން އެބައިމީހުން އިމްތިޙާނުކުރެއްވިއެވެ. މިކަން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ﴾ (ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.) (އައްތައުބާ: 25)

ޙުނައިނުގެ ވާދީއަށް މުސްލިމުންގެ ލަޝްކަރު ފޭބުމާއެކު އެ ވާދީގެ ގަސްތަކުގެ ތެރޭގައި އެކި ތަންތަނުގައި ފިލައިގެން ތިބި މުޝްރިކުންގެ ލަޝްކަރުގެ ޖަމާއަތްތަކުން ވަނީ އެކި ފަރާތްތަކުން މުސްލިމުންގެ މައްޗަށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ޙަމަލާއާއެކު މުސްލިމުންގެ ލަޝްކަރު އެކީގައިހެން ބަލިވެގެން ފިލަން ދުއްވައިގަތެވެ. އިތުރު އެކަލޭގެފާނާއެކު ސާބިތުވެ ތިިބިކަމަށް އެންމެ ގިނައިން ބުނާ ރިވާޔަތްތަކުގައި ވެސް ބުނެފައި ވަނީ ސަތޭކައެއްހާ މީހުންނެވެ. ބުނެވޭ ގޮތުގައި ބައެއް މީހުން މައްކާއާ ހަމައަށް އެނބުރި ދިޔައެވެ.

ހަނގުރާމަ ފެށުނުތަނާ މުސްލިމުންނަށް ކުރިމަތިިވި ބޮޑު ބައްޔަކީ އެބައިމީހުންގެ ތެރެއިން ބަޔަކު ދުނިޔޭގެ ދަަޅައަށް ހެއްލި، ތިމާމެންގެ ގަދަފަދަކަމާމެދު ފަޚުރުވެރިވުމުން މާތް ﷲ އެބައިމީހުންނަށް ޖެއްސެވި މުޞީބާތެވެ. އެބައިމީހުން އިމްތީޙާނުކުރެއްވުމަށެވެ.

ޙުނައިނުގެ ވާދީއަކީ ޢަރަފާތާ ވީ ފަރާތުން މައްކާއި ވިއްސަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ވާދީއެކެވެ. އެހާ ދުރަށް މުސްލިމުންގެ ބައެއް މީހުން ހަނގުރާމައިގެ މައިދާން ދޫކޮށް ދިއުމުން މުސްލިމުންނަށް ކުރިމަތިވި މުޞީބާތުގެ ބޮޑުކަން ވަަޒަންކޮށްލެވެއެވެ.

ފަހުން ރަސޫލުﷲ صلى الله عليه وسلم ގޮވައިލެއްވުމުން އެބައިމީހުންގެ ގިނަ ބަޔަކު އެނބުރި އައިސް އެކަލޭފާނާއެކު ހަނގުރާމަކުރިއެވެ. މާތް ﷲ ވަނީ އެކަލޭފާނާއި އެކަލޭގެފާނާއެކު ސާބިތުވެ ތިއްބެވި އަޞްޙާބުބޭކަލުންނަށް ނަޞްރުދެއްވުމަށް މަލާއިކަތުންގެ ލަޝްކަރެއް ފޮނުއްވާފައެވެ. މިކަން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ މިފަދައިންނެވެ. ﴿ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَ‌ٰلِكَ جَزَآءُ ٱلْكَـٰفِرِينَ﴾ (ދެން اللَّه އެކަލާނގެ رسول އާއަށާއި، إيمان ވި މީސްތަކުންގެ މައްޗަށް އެކަލާނގެ (حضرة ން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر އެއް ބާވައިލެއްވިއެވެ. އަދި كافر ވި މީހުންނަށް އެކަލާނގެ عذاب ދެއްވިއެވެ. އެއީ كافر ންގެ ޖަޒާއެވެ.) (އައްތައުބާ: 26)

މާތް ﷲ މުސްލިމުންނަށް ދެއްވި ނަޞްރާއެކު މުޝްރިކުން ބަލިވެ އެބައިމީހުންގެ ތެރެއިން 50 މީހުން ގަތުލުވިއެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ 4 މީހުންނެވެ.

އެެހެންނަމަވެސް، ފާހަގަކޮށްލަން ޖެހޭ ހަގީގަަތަކީ މުސްލިމުންނަށް މިި ހަނގުރާމައިގައި ނަޞްރު ލިބުނު ނަމަވެސް، މި ހަނގުރާމައަކީ މުސްލިމުންނަށް އެންމެ ބޮޑު އެއް މުޞީބާތް ކުރިމަތިވި ހަނގުރާމައަށް ވުމެވެ. ނަޞްރުދެއްވާ ފަރާތަކީ މާތް ﷲ ކަން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މުސްލިމުންގެ ތެރެއިން ބަޔަކަށް ހަނދާންނެތުނީތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.