ކޯވިޑާ ގުޅިގެން އެކަހެރިކުރާ ދިވެހީންނާއި ބިދޭސީން ގެންދިޔުމަށް ހަމަޖެހިފައިވާ އެކަހެރި މަރުކަޒުތައް ވަގުތަށް ނިންމޭނެ ހާލަތުގައި އޮތްކަމަށް ޓޫރިޒަމް މިނިސްޓާރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު ވިދާޅުވީ މިހާރު ހުޅުމާލޭގައި ހިންގަ ހިޔާ ފެސިލިޓީގެ އިތުރުން، ކޯވިޑަށް ހާއްސަކޮށްގެން އެމްއެންޑީއެފް އާއި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ސާރޖްގެ ތުންފަތް މައްޗަށް ނިންމާލެވޭނެކަމަށެވެ. މީގެއިތުރުން ވިލިވަރު ފެސިލިޓީ އިތުރަށް ބޮޑުކުރުމުގެ މަސައްކަތް މި މަހުގެ 17އިގެ ނިޔަލަށް ނިންމެވޭނެކަމަށެެވެ. މިހާރު މިތަނުގެ ޖާގައަކީ 200 ބިދޭސީންނެވެ. މިނިސްޓަރު ވިދާޅުވިީ މި ފެސިލިޓީ ހުޅުވުމުގެ ކުރިން، މ ިމަހުގެ 16 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާއަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ލޮކްޑައުންގެ ހާލަތުގައި އިތުރަށް ދަތިވާނެ ފިޔަވަޅުތަކެއް ނާޅާނެ ކަމަށާއި މިހާރު އެޅިފައި ހުރި ފިޔަވަޅުތައް ދަމަހައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ .އޭގެ މާނައަކީ އެންމެހާ ބޭފުޅުންނަށް ކާބޯތަކެއްޗާއި، ސިއްޙީ ބޭސްފަރުވާގެ ކަންކަމާއި އަދި މިހާރު މިހިންގޭ އޮޕަރޭޝަން މެދުކެނޑުމަކާެއި ނުލައި ކުރިޔަށް ދިޔުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސާރޖްއާއި ގުޅިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވުން އެކަށީގެންވާކަމަށާއި އެފަދަ ހާލަތެއްގައި ކުރަމުންދާ މަސައްކަތް ދެގުނަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްތަކަށް ވުމުން ދުރުގައި ހުރި އެކަހެރި މަރުކަޒުތަކަށް ކަނޑުމަގުން މީހުން ނުގެންދެވިއްޖެ ހާލަތެއްގައި ވައިގެމަގުން ގެންދިޔުމަށްވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލަފާކުރެވޭ ގޮތުގައި ސާރޖް އަންނާނެކަމަށް ބެލެވެނީ ކުރިޔަށް އޮތް ދެ ހަފްތާތެރޭގައެވެ. މިއީ ބަލީގެ ނުރައްކާ އެންމެ ބޮޑުވަނެ ހާލަތެވެ.ކާމިޔާބުކަމާއި އެކު މިކަމުން އަރައިގަނެވިއްޖެނަމަ މިހާރު އޮތް ހާލަތުން މިއަށްވުރެ ރަނގަޅު ހާލަތަކަށް ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި ހާލަތުގައި އެންމެހާ ފަރާތްތަކުންވެސް އެޅިފައި ހުރިމިިންގަނޑުތައް ހިފަހައްޓައި ގުޅިގެން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެށް މިނިސްޓަަރު ވިދާޅުވިއެވެ.