ޕެރޯލްއާއި ކްލެމެންސީ ޙައްޤުވާ ފަރާތްތަކަށް ލަސްނުކޮށް އެފުރުޞަތު ފަހިކޮށްދިނުމަށް ގޮވާލައިފި 

ކެޕޭސިޓީއަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި ގައިދީން އެބަތިބި 

ޖަލުގައި ތޮއްޖެހުން ޙައްލުކުރުމަށް ޕެރޯލްއާއި ކްލެމެންސީ ޙައްޤުވާ ފަރާތްތަކަށް އެފުރުސަތު ލަސްނުކޮށް ފަހިކޮށްދިނުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ގޮވާލައިފިއެވެ. 

ކޮވިޑާ ގުޅިގެން އެކޮމެޓީން ތައްޔާރު ކުރި ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޮވިޑް ފެތުރިއްޖެ ޙާލަތެއްގައި ޖަލުތަކަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ އަބާދީއެވެ. ބޮޑެތި ޖަލުތަކުގައި ކެޕޭސިޓީއަށްވުރެ 40 އިންސައްތަ އިތުރަށް ގައިދީން އެބަތިއްބެވެ. މާފުށި ޖަލުގައި 1134 ގައިދީން ތިބިއިރު އެތަނުގެ ކެޕޭސިޓީއަކީ 750 އެވެ. އަދި މާލެ ޖަލުގެ ކެޕޭސިޓީއަކީ 150 ކަމަށްވާއިރު އެ ޖަލުގެ އާބާދީ 207 އަރާކަމަށް ހިޔުމަންރައިޓްސް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. 

"މިޙާލަތުގައި ކޯޓުގެ މަސައްކަތްތައް އެންމެ ބާރުމިނުގައި ނުގެންދެވޭނަމަ، ރިމާންޑްގައި ތިބި ފަރާތްތައްވެސް ދުވަހުން ދުވަހަށް ގިނަވަމުންދާނެކަމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަޢާފްގެ ދަށުން ދޫކޮށްލާފައިވާ ފަރާތްތަކުގެ ޢަދަދަށް ބެލި ނަމަވެސް، ޖަލުގެ ތޮއްޖެހުމާ ބަލާއިރު އެއީ ވަރަށް ކުޑަ ޢަދަދެއްކަން ފާހަގަވެފައިވެއެވެ." ކޮމެޓީގެ ރިޕޯރޓްގައިވެއެވެ. 

ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ މައްސަލައާމެދު އެކޮމެޓީން ދެކެނީ ޖަލު ބަންދުގައި ތިބި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. މިގޮތުން، އެކި ޖަލުތަކުގައި ތަނުގެ ޖާގައަށްވުރެ އާބާދީ އިތުރުވެފައިވާއިރު، ސިއްޙީގޮތުން އެތައް ބަލިތަކެއް ޖެހުމުގެ ފުރުޞަތުއޮތްކަމަށެވެ. ބަލި ޖަލުގައި ފެތުރިއްޖެނަމަ ވަރަށް ނުރައްކާތެރި ޙާލަތަކަށް ދާނެކަމަށް ދެކޭކަމަށެވެ. އެހެން ކަމުން އެކަންކަމަށް އަވަސް ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއްކަމަށް ކޮމިޓީން ދެކެއެވެ.

ކޮވިޑް-19އާ ގުޅިގެން ޖަލުތަކުގައި ބަލިމަޑުކަން ފެތުރުން ވީހާވެސް ބޮޑަށް ކުޑަކުރުމުގެގޮތުން، އަޅައިފައިވާ ފިޔަވަޅުތަކަށްވެސް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޢާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައި، އޭގެ ބަދަލުގައި ކޮންމެ ހަފްތާއަކު 7 މިނެޓުގެ ފޯނުކޯލެއް އަދި ޢާއިލާ އެދިއްޖެނަމަ ސްކައިޕްމެދުވެރިކޮށް ވީޑިއޯ ކޯލްކުރެވޭނެގޮތް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ޖަލުތަކުގެ އާބާދީއަށް ބަލާއިރު ހުރިހާ ޤައިދީންނަށް އެކަންފަހިކޮށްދިނުމުގައި ދަތިތަކެއްހުރިކަމާއި، ހުރިހާ ފަރާތްތަކަށް އެކަން ފޯރުކޮށްނުދެވޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. ސްކައިޕްކޯލުކުރުމަށް ޢާއިލާތަކުން އެދޭ މިންވަރުވެސް މަދުކަން ފާހަގަކުރައްވައިފައި ވެއެވެ. އޭޕްރީން 16އާ ހަމައަށް ސްކައިޕްކޯލު އެދިފައި އަދި ފޯރުކޮށްދެވިފައިވަނީ އެންމެ ކޯލެކެވެ. އޮންލައިން ފޯމަކުން ކޯލަށް އެދެވޭގޮތަށް ހަމަޖެހިފައިވީނަމަވެސް، އިންޓަރނެޓް އެކްސެސްވުމާއި ފޯމުފުރުމުގައި ދަތިތަކެއް ހުރެދާނެކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ފާހަގަކުރައްވާފައިވާކަމަށް  ވެސް ރިޕޯރޓްގައި ވެއެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ޤައިދީންނަށް ސިއްރު ހިފެހެއްޓޭ ފޯނުކޯލެއް ދިނުމަކީ އެންމެ އެދެވޭ ގޮތްކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ދެކޭކަމަށާއި، ނަމަވެސް އެއީ ވަޞީލަތްތައް ތަންނުދޭ ކަމެއްކަމަށް ވަނީ ފާހަގަ ކުރައްވައިފއެވެ. ޤައިދީންގެ ޢާއިލާތަކުން ޢާންމުކޮށް ސިޓީން ނުވަތަ ސީދާ ބައްދަލުކޮށްގެން ޝަކުވާ ހުށަހެޅުމުގެ ދޮރު ހަނިވެފައިވާތީ، އެކަމަށް ޚާއްޞަ މޮބައިލް ލައިނެއް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް މުޢާމަލާތްކުރެވޭނެ އިންތިޒާމް 10 އެޕްރީލް 2020 އިން ފެށިގެން އިންތިޒާމްކޮށްފައިވާކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް 16 އެޕްރީލް 2020 އާ ހަމައަށް އެވްރެޖްކޮށް ދުވާލަކު ލިބިފައި ވަނީ އެއް ފޯނުކޯލުކަން ވަނީ ފާހަގަ ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.