ބާރަ ސަފީރަކު، އިތުރު ގައުމުތަކުގެ ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ރުހުންދީފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ ބާރަ ސަފީރަކު އިތުރު ގައުމުތަކުގެ ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ސަފީރުންނަށް ރުހުން ދިނުމަށް ނެންގެވި ވޯޓް ކުރިއަށް ގެންދެވީ ކޮންމެ ސަފީރަކަށް ވެސް ވަކިން ވޯޓަށް އަހައިގެންނެވެ.

ސްރީލަންކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުލް ރައްޒާޤް އައްޔަން ކުރީ ސީޝަލްސްއާއި މޮރީޝެސްއާއި ކަޒަކިސްތާންގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރީ ބޫޓާނާއި އަފްޣާނިސްތާންގެ ނޮން ރެޒިޑެންޓް ސަފީރަށެވެ.

މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރު ވިޝާމް ޢަލީ އައްޔަންކުރީ ބްރޫނާއީ އާއި އިންޑޮނޭޝިއާގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ސިންގަޕޫރަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޢަބްދުﷲ މަޢުސޫމް އައްޔަންކުރީ އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ޖަޕާންގެ ސަފީރު އިބްރާހިމް އުވައިޝް އައްޔަން ކުރީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ސަޢުދީޢަރަބިއްޔާއަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ޙަލީމް ކަނޑައެޅީ ކުވައިތާއި ޖޯޑްންގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ޑރ. ޙުޞައިން ނިޔާޒު ކަނޑައެޅީ އޮމާނާއި ބަޙްރައިންގެ ނޮން ރެޒިޑެންޓް ސަފީރަށެވެ.

އިނގިރޭސިވިލާތުގެ ސަފީރު ޑރ. ފަރަހަނާޒް ފައިޞައިލް ކަނޑައެޅީ އައިސްލޭންޑްއާއި، ފްރާންސް، އަދި ސްޕެއިންގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ޖަރުމަންގެ ސަފީރު އަހުމަދު ލަތީފު އައްޔަން ކުރީ ޑެންމާކް، ނޯވޭ، ސްވިޑެން، ފިންލޭންޑް، އަދި ރަޝިޔާގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބެލްޖިއަމަށް ކަނޑައަޅާފައިވާ ސަފީރު ޙަޞަން ޞާބިރު އައްޔަން ކުރީ ނެދަލޭންޑްސްއާއި ލަކްޒަމްބާގްގެ ނޮން ރެޒިޑެންޓް ސަފީރަށެވެ. އދ. އާއި އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ތިލްމީޒާ ޙުޞައިން އައްޔަންކުރީ ކެނެޑާގެ ނޮން ރެޒިޑެންޓް ސަފީރަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.