ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް މަޖިލީހުން ބަލައިގެންފި

ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ. ބިލްބަލައިގަތީ 54 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

މިއަދު ބޭއްވި ރައްޔިތުންގެމަޖިލީހުގެ ޖަލްސާއަކީ މިބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޖަލްސާއެވެ. ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު ބައެއް މެމްބަރުން ވަނީ އެބިލުން ފުލުހުންނަށް ގިނަ ބާރު ތަކެއްދީ ކުށުގެ ދާއިރާ ފުޅާ ކޮށްފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވަނީ ބިލަށް ތާއީދު ކުރައްވައިފައެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވީ ފުލުހުންނަށް ބިލުން ބާރު ތަކެއް ދީފައި ވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވެވަޑައި ގަންނަވަނީ ކުރީގެ ސަރުކާރުން ފުލުހުން ލައްވާ ޓެރަރިޒަމްގެ ބިލު ނަހަމަ ގޮތުގައި ބޭނުން ކުރުމުން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރަކީ އެގޮތަށް ކަންތައްކުރާނެ ސަރުކާރެއް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

ބިލް ބަލައިގަތުމަށް ފަހު ބިލް ދިރާސާ ކުރުމަށް ވަނީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުއްވައިފައެވެ. ކޮމެޓީން ދިރާސާ ކުރަމުންދާއިރު އާއްމުންގެ ޚިޔާލަށްވެސް ބިލް ހުށަހަޅުއްވާނެކަމަށް މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސާ އީވާ ޢަބްދުﷲ ވިދާޅުވިއެވެ. ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ ބިލް ދިރާސާކޮށް ނިންމެވުމުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ބިލް ހުށަހަޅައިފައި ވަނީ ޓެރަރިޒަމް ކުށުގެ ދާއިރާއަށް ބަދަލު ގެނައުމަށާއި ޓެރަރިޒަމްގެ ކުށްތައް ތަޙްޤީޤުކުރުމާއި ދަޢުވާ އުފުލުމުގައި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޕޮރޮސެކިޔުޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް އަލުން އެކަށަ އެޅުމަށެވެ. އެގޮތުން ފުލުހުންނަށް ބިލުން ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

ބިލުގައި ބުނެފައިވަނީ އެހެން ޤާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަންޖެހޭނެ ކަމަށް އޮތަސް ، ބިލުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން މީހަކު އުޅޭ ކަން ބުއްދިއަށް ޤަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެ ކަމަށެވެ.

ޓެރަރިޒަމްގެ ތެރެއަށް ފެތޭ ކުށްތައް ބިލުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަނޑައަޅައިފައެވެ. ބިލުގައި ވާގޮތުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ޚިޔާލެއް ފާޅުކުރުމަކީ ވެސް ކުށެކެވެ. ފާޅުކުރާ ޚިޔާލު ރައްދުވާ ފަރާތުން ޚިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ޚިޔާލުފާޅުކުރުން ވެސް އެއީ ކުށެކެވެ.

ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރުމުހެ ބާރު ފުލުހުންނަށް ދީފައިވާއިރު، މީހަކު ހައްޔަރުކުރަން ވާނީ، ސަބް އިންސްޕެކްޓަ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައި ކަމަށް ބިލުގައި ބުނެފައި ވެއެވެ. ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށް ބިލުގައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައި ވަނީ އެއްވެސް މީހަކު ހައްޔަރު ކުރެވޭނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. އަދި ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.