ވަކީލުންނަށް ބިރުދައްކާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މެމްބަރުން ފާޑު ވިދާޅުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން  ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ މެންބަރުން ވާހަކަ ދެއްކެވީ ރާއްޖޭގެ ޤާނޫނީ ވަކީލުންނާ ބެހޭ ބިލްކަމުގައިވާ ، ޤާނޫނީ ފަންނުގެ ބިލްގެ ބަހުސްގައެވެ.

ޤާނޫނީ ފަންނުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީއެވެ. ބިލް ހުށަހެޅުއްވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ޤާނޫނީ ވަކީލުންނާ ބެހޭ ބިލް ނިމިދިޔަ މަޖިލީހަށް ހުށަހެޅުމަށްވެސް މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް އެކަން ހުއްޓުވީ ފަނޑިޔާރުންކަމަށް އެނާ ތުޙުމަތު ކުރެއްވިއެވެ. މިހާތަނަށް ރާއްޖޭގެ ޤާނޫނީ ފަންނު އޮތީ ފަނޑިޔާރުންގެ އަތްދަށުގައި ކަމަށް ތުޙުމަތު ކުރައްވައި މި ބިލްގެ ސަބަބުން އެކަން ނިމުމަކަށް އަންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ބިލް ހުށަހަޅުއްވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ ފަނޑިޔާރުގެއިން ވަކީލުންނަށް ލައިސަންސް ދޭ ހަމަ އެކަނި ޤައުމަކީ ރާއްޖެ ކަމުގައެވެ. ސުޕްރީމް ކޯޓުން ގިނަ ޢަދަދެއްގެ ވަކީލުންގެ ހުއްދަ ބާތިލްކުރި މައްސަލައަށް އަލި އަޅުވާލައްވާ ވިދާޅުވީ އެހާ ގިނަ ޢަދަދެއްގެ ވަކީލުންގެ ލައިސަންސް އެއްފަހަރާ ބާތިލް ކުރި ހަމައެކަނި ޤައުމަކީ ވެސް ރާއްޖެކަމުގައެވެ.

ޤާނޫނީ ފަންނުގެ ބިލްގައި ވާގޮތުން ޤާނޫނީ ވަކީލުންނަށް ލައިސަންސް ދީ ވަކީލުން ރެގިއުލޭޓް ކުރާނީ ބާރ ކައުންސިލުންނެވެ.

ބިލްގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން ޢަފީފު ވިދާޅުވީ މި ބިލް ޤާނޫނަކަށް ވުމުން ފަނޑިޔާރުންގެ ނުފޫޒުގެ ބާރުގެދަށުގައި ވަކީލުން ތިބިތިބުމަށް ނިމުމެއް އައިސް ވަކީލުންގެ ބެލެނިވެރި ފަރާތަކީ ބާރ ކައުންސިލް ކަމުގައި ހަމަޖެހިގެންދާނެ ކަމުގައެވެ.

ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖް ވިދާޅުވީ ސްޕްރީމް ކޯޓަށް ނުލިބޭ ބާރު ބޭނުން ކުރުމަށް އެ ކޯޓުން މަސައްކަތްކޮށްފައިވާ ކަމުގަވެ. އަދި އެކޯޓުން އެކުލަވާލެއްވި މަގު ޗާޓަކީވެސް އެކޯޓުން އެކުލަވާލެވޭނެ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން  ލަތީފު ވިދާޅުވީ ޤާނޫނީ ފަންނުގެ ބިލް ޤާނޫނަކަށް ވުމުން ކޯޓްތަކުގެ ނުފޫޒުން ވަކީލުން މިނިވަންވުމުން ފޮރިން އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.