ކޮވިޑާ ގުޅޭ ހުށަހެޅުންތަކުގެ ބާރަ ރިޕޯޓެއް މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފި

ކޮވިޑާ ގުޅިގެން ހިންގާ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ ހުށަހެޅުންތަކުގެ މައްޗަށް މަޖިލީހުގެ ކޮމެޓީތަކުން އެކުލަވާލި ބާރަ ރިޕޯޓެއް މަޖިލީހުގެ ބެވްސައިޓުގައި ޝާއިޢުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގަވާ ކަންކަން ތަންފީޒުކުރުމަށް މަޖިލީހުން ދެއްވާ ލަފާ ތައްޔާރު ކުރެއްވުމުގެ މަސައްކަތް މަޖިލީހުގެ 12 ކޮމެޓީއަކާ ޙަވާލު ކުރެއްވިކަމަށެވެ. ދެ ކޮމެޓީ ފިޔަވައި ހުރިހާ ކޮމެޓީއެއްގެ މަސައްކަތް ނިންމަވައި ރިޕޯޓުތައް ވެސް ތައްޔާރު ކުރައްވައިފައިވާކަމަށެވެ. އެ ރިޕޯޓުތައް އާއްމުކޮށް ފެންނާނެހެން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއިއުކުރައަވައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ރިޕޯޓުތަކުން ރާއްޖޭގެ މާލީ އިޤްތިޞާދީ އަދި އިޖްތިމާއި ޙާލަތާއި މައްސަލަތައް ރަނގަޅަށް ސާފުކޮށް އެނގިގެންދާނެކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީ ހުރިވަރާއި ވެގެންދާނެ ގޮތްވެސް ރަނގަޅަށް އެނގެން އޮންނާނެމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ވަޒިފާ ގެއްލޭ މިންވަރާއި ވަޒީފާ ގެއްލޭ މީހުންނާއި އެކަމުން ދިމާވާނެ އިތުރު މައްސަލަތަކަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެކަމަށް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ މައްސަލަތަކާއި އެކަމުން ދިމާވާ އެހެން އިޖްތިމާޢީ މައްސަލަތަކަށް ވެސް ބައްލަވައިފައިވާނެކަމަށް ވިދާޅުވިއެވެ.  

ކޮމެޓީތަކުގެ ރޕޯޓުތަކުގައި 1500 އަށް ވުރެ ޞަފްޙާ ހިމެނޭއިރު 300 އަށްވުރެ ގިނަ ހޯދުން ތަކާއި ހުށަހެޅުންތައް ވެސް ރިޕޯޓުތަކުގައި ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ. ކޮމެޓީތަކުން ރިޕޯޓުތައް ތައްޔާރު ކުރައްވައިފައި ވަނީ ވުޒާރާތަކާއި މުއައްސަސާ ތަކާ އަމިއްލަ ޖަމާޢަތް ތަކާއި ވިޔަފާރިތަކާއި ވަކި ފަރުދުންނާވެސް ބައްދަލުކޮށް މަޝްވަރާކޮށް ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހު ކަމަށް ވެސް މަޖިލީހިގެ ރައީސް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުން ސަރުކާރަށް ލަފާ އެރުވުމުގައި ކޮމެޓީން ތައްޔާރު ކުރެއްވި ރިޕޯޓުތަކުގެ އިތުރުން ހުށަހަޅުންތަކާއި ހޯދުންތައްވެސް ވަކިން ހުށަހަޅުއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.