(5 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފާރިޝާއާއި ޢަލީ މިހާރު އެއްތާކު ނުނިދައެވެ. އެއްގޭގައި އެކަކު އަނެކަކު އުޅޭކަން ނުދެނަހުރި ގޮތެއްގައި ދެމީހުން ވެސް އުޅެމުންދެއެވެ. ދަރީންނާމެދު މައިންބަފައިން ކުރާ އުންމީދުތަކަކީ ގިނަފަހަރަށް މައިންބަފައިންނަށް ލާބައާއި މަންފާކުރާނެ ކަހަލަ އުންމީދުތަކެއް ނޫނެވެ. ހަމަ ދަރީންގެ މުސްތަޤުބަލަށާއި އެކުދީންގެ ދިރިއުޅުމަށް ރަނގަޅު ގޮތްވުމަށް އެދިގެން ކުރާ އުންމީދުތަކެކެވެ.
ހައިކަލް މާލެ އައިސް ގެއަށް ދިޔައިރު، އޭނާގެ ބައްޕަ އިންނެވިއެވެ. ބައްޕަ ހައިކަލަށް ގޮވައިލެއްވިއެވެ. ހައިކަލް އައުމުން އޭނާގެ ބައްޕަ އޭނާގެ ގައިގައި ބައްދައިލެއްވިއެވެ. ހައިކަލް ހަދާނެ ގޮތް ހުސްވެފައި ހުރީއެވެ. މި ދެބަފައިންގެ ގުޅުމަކީ އަބުއިކަމާއި ދުރުކަމެއް އޮތް ގުޅުމެކެވެ. ހައިކަލް މަސްތުވާތަކެއްޗަށް އެނބުރުނީ އެ އަބުއިކަމުގެ ސަބަބުންތޯ ބައެއް މީހުން ސުވާލުކޮށްފާނެއެވެ. ހައިކަލްގެ ބައްޕަ ބޭނުންވީ އޭނާގެ ކޮންމެ ކުއްޖަކީ ވެސް ކިޔަވައި މޮޅުވެގެން ޤަދަރުވެރި ގޮތުގައި މަސައްކަތްކުރާ ކުއްޖެއް ކަމުގައި ވުމަށެވެ.
ދެބަފައިން، ދުރަށް ޖެހިލިއިރު، ބައްޕަގެ ލޮލުގައިވާ ކަރުނަތައް ފެނިފައި ހައިކަލް ފަޅައިގެންދިޔައެވެ. އޭނާ އަމިއްލައަށް އައިސް ބައްޕަގެ ގައިގައި ބައްދާލައި ބާރަށް ރޯންފެށިއެވެ. އެތަނަށް ހައިކަލްގެ މަންމައަށް ވަދެވިފައި، ރޮމުންރޮމުން އައިކޮޅަށް ހިނގައްޖެއެވެ.
ދެބަފައިން ގޮނޑިސެޓްގައި އިށީނދެ ކަރުނަ ފުހެލިއެވެ.
ހައިކަލް: ބައްޕާ! އަޅުގަނޑަށް މަޢާފުކުރައްވާ! ކުށަކީ އަޅުގަނޑުގެ ކުށް. އަޅުގަނޑަށް ވިއސްނައިދޭނެ މީހަކުވެސް ނެތީ."
ބައްޕަ: "ވެދިޔަ ތަނުގެ ވާހަކަދައްކާނެ ކަމެއް ނެތް. ބައްޕަގެ ބަސްއަހަންޏާ އަވަހަށް ބޭރަށް ކިޔަވަންދޭ. ދެން ނަމަނަމަ މަސްތުވާ އެއްޗިއްސާ ކައިރިނުވާތި."
ހައިކަލް: "ލައްބަ. އަޅުގަނޑު ބައްޕަ އެދިލައްވާ ކޮންމެ ކަމެއް ކުރާނަން."
ބައްޕަ: "ބައްޕަ އެދެނީ، ދަރިފުޅު ހެޔޮގޮތުގައި އުޅެން. ނަމާދުކުރަންވާނެ."
ހައިކަލަ: "މިހާރު އެންމެ ނަމާދެއް ވެސް ވައްޓައިނުލަން. ދެން އިރާދަކުރެއްވިއްޔާ ﷲ ގެ މަގުން ނެއްޓިގެންނެއް ނުދާނެ."
ބައްޕަ: "ދަރިފުޅާ. އިޚްތިޔާރަކީ އެމީހެއްގެ އަމިއްލަ އެއްޗެއް. މައިންބަފައިންގެ ބަސްނާހާ އުޅެން ބޭނުމިއްޔާ އެހެންވެސް އުޅެވިދާނެ. ތެދުމަގުގައި ސާބިތުވެ ހުރެ، ރަނގަޅު ޙަޔާތެއް ބޭނުންނަމަ، އެ ގޮތަށް ވެސް އުޅެވިދާނެ."
މެންދުރު ނަމާދު ވަގުތު ޖެހެންދެން ދެބަފައިން ވާހަކަދައްކަން ތިވެފައި، އެކުގައި މިސްކިތަށް ދިޔައެވެ. ދެބައިފައިންނަށް ވެސް އުފައުވެރިކަން އަނބުރައި ލިބުނީއެވެ.
ޒުވާންކަމުގެ ދުވަސްވަރު އެކުގައި އުޅޭ ރަނގަޅު ކުދީންނާއި އެހައި ރަނގަޅު ނޫން ކުދީންގެ ތެރެއިން އެކު އުޅެން ތިމާ އަމިއްލައަށް ހޮވާ ބައެއްގެ ސަބަބުން މުޅި ޙަޔާތަކީ ކެކުޅުމާއި ވޭން ހުރި އެއްޗަކަށް ވެދެއެވެ. ހަމަ އެހެންމެ ކުރިމަގު އުޖާލާވެ، ދިރިއުޅުމަކީ، ހިތްހަމަޖެހޭ އަގުހުރި އެއްޗަކަށް ވެދެއެވެ.
މައިންބަފައިންގެ ވާޖިބަކީ، މަގުދެއްކުމެވެ. އަބުއިކަމާއި ހައިބަތު ހިފެހެއްޓުމުގައި ދަރީންނާމެދު އޮންނަންޖެހޭ ލޯތްބާއި ކުލުނު އުވިދިޔަދީގެންނެއް ނުވާނެއެވެ. ނޭނގިނަމަވެސް ބައެއް ފަހަރަށް ކަންތައްތައް ކުރެވޭ ގޮތަކުން، ދަރީންނަށް ލިބޭ މެސެޖް އެހައި ރަނގަޅުނުވެ ހިނގައިދާނެއެވެ. ދިރިއުޅުމަކީ ޙަޤީޤަތުގައި ވެސް ހަނގުރާމައެކެވެ. ކަނުލޯބި ނުވެ، މައިންބަފައިނަށް ދަރީން ކުރަންޖެހޭ އިޙްތިރާމް ކުރާނެ ގޮތެއް ހޯދެންޖެހެއެވެ. މިކަމުގައި ދެމަފިރީންގެ ހަމަޖެހުމާއި އެކަކު އަނެކަކަށް އަޅައިލުމާއި އޯގާތެރިކަމާއި އޮންނަ ލޯބި މުހިންމު ދައުރެއް އަދާކުރެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހައިކަލް ރާއްޖެއިން ބޭރަށް ކިޔަވްނަ ދިޔައީއެވެ. އޭނާ ބޭނުންވީ ޤާނޫނީ ވަކީލަކަށް ވާށެވެ. އޭނާއަށް އައިސްފައިވާ ބަދަލުތަކަކީ، އަރުވައިލުމުގެ ސަބަބުން އޭނާގެ ޤައުމާއި އެ ޤައުމުގެ ކަންތައްތައް ހިނގާގޮތާމެދު ވިސްނައި ފިކުރުކޮށްލަން ލިބުނު ދުވަސްތަކެއްގެ އަސަރެވެ. އެ ދުވަސްތަކުގެ ސަބަބުން އައި ބަދަލުތަކެއް އެބަފެނެއެވެ. ދީނީ ކަންތައްތަކަށް ސަމާލުކަން ދީ، މީހުންނާމެދު އޯގާތެރިވެ، ރަޙުމާއި ހަމްދަރުދީވާން އެނގުމެވެ. އޭނާ ބޭނުންވީ އިންސާފު ނުލިބި، އަނިޔާ ލިބިފައިވާ ތިބި މީހުންގެ ފަރާތުން ތެދުވާ މީހެއްގެ ގޮތުގައި ދުނިޔެއާ ކުރިމަތިލާށެވެ. އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރެވޭތޯ ބަލާށެވެ.
ފާރިޝާއަށް ކިޔަވައިދޭން އަންނަ އެކަކު ޢަލީގެ ގެއަށް ވަދެގެން އައިއިރު، ފާރިޝާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ބޭރުން އައި މީހާ ސަލާން ގޮވައިލުމުން، ގޭތެރެއިން އަންހެނަކު ނުކުމެއްޖެއެވެ. އަދި ފާރިޝާ ފެނިފައި އަނހާން! ދައްތާއޭ! ކިޔައި އަވަސްއަވަހަށް އައިސް ފާރިޝާ ނެގޭތޯ އުޅުނެވެ. އޭނާއަށް ފާރިޝާ އުފުލައިލެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ބޭރުން އައިސް ހުރި އަންހެން ޓީޗަރާ ދިމާއަށް ބަލައިލިއެވެ. ދެން މި ދެމީހުންވެގެން ފާރިޝާ ނަގައިގަނެގެން ގެންގޮސް ގޮނޑިސެޓެއްގައި ބޭއްވިއެވެ. މޫނުގައި ފެން އުނގުޅައި ހެދުމުން ހޭއަރާގޮތް ވެއްޖެއެވެ.
ޓީޗަރ: "ފާރިޝާ ކިހިނެއްތޯވީ؟"
ފާރިޝާ: "އަޅުގަނޑަކަށް ނޭނގޭ. ކީއްތޯވީ؟"
ގެންގުޅޭ މީހާ: ދައްތަ އަދި ސައިނުބޮއި. ދައްތަ ބަލިދޯ؟"
ފާރިޝާ ޓީޗަރަށް ބަލައިލައިފައި ބުންޏެވެ.
ފާރިޝާ: "ދަރިފުޅު ބައިގެންދިޔަފަހުން އަދި މި އުޅެނީ ހަމައަކަށް ނޭޅި. މާ ވަރުބަލީ."
ޓީޗަރު ގޭގައި ގެންގުޅޭ މީހާއާ ދިމާއަށް ބުންޏެވެ.
ޓީޗަރ: "އަވަހަށް ދޭ ދައްތައަށް ސައިހަދަން."
އޭނާ އަވަސް އަވަހަށް ހިނގައްޖެއެވެ. ޓީޗަރު ފާރިޝާގެ މޫނަށް ބަލައިލިއެވެ. ކަރުގެ އެއްފަރާތުގައި ހުރި އަނިޔާގެ ނިޝާނަކާއި ފާރިޝާގެ ދެއަތުގައި ނޫފައިގެންފައި ހުރި ތަންތަން އޭނާއަށް ފާހަގަކުރެވުނެވެ. އަދި ބުންޏެވެ.
ޓީޗަރ: "ފާރިޝާ ކިހިނެއްތޯވަނީ. ފިރިމީހާ އަނިޔާކުރަނީތޯ؟"
ފާރިޝާއަށް ސިހުމެއް ލިބުނެވެ. އަދި މަޑުމަޑުން ބުންޏެވެ.
ފާރިޝާ: "ތިޔަވާހަކަ ނުދައްކަވާ."
ޓީޗަރ: "އަޅުގަނޑަށް އެބަ ފާހަގަކުރެވޭ ކަންތައްތަކެއް. ގޭތެރޭގެ އަނިޔާގައި ހަލާކުވެދާ އަންހެނުން މަދެއް ނޫން. ތިޔަކަމުން ސަލާމަތްވުމަށް އަމިއްލައަށް މަސައްކަތް ނުކޮށްފިނަމަ......"
ފާރިޝާ: "އަނިޔާއޭ ފިރިމީހާއޭ ނުކިޔުއްވާ. މިއީ އަޅުގަނޑުގެ އަމިއްލަ މައްސަލައެއް. އެކަން އަޅުގަނޑު އަމިއްލައަށް ހަމަޖައްސާނަން. ޓިއުޝަން ހަފުތާއަކަށް މެދުކަނޑާލަން ބޭނުން. މިއުޅެނީ ކުޑަކޮށް ބަލިވެ. ހަމަޖެހިލީމާ ފޯނުކޮށްލާނަން."
ޓީޗަރު ކަރުއެލުވައިލިއެވެ. އަދި ބުންޏެވެ.
ޓީޗަރ: "ފާރިޝާ ތިޔައީ ވަރަށް ކެތްތެރި އަންހެނެއް. ވަރަށް ވިސްނުން ރަނގަޅު މީހެއް. ކިޔަވައިދޭ އެއްޗެހި އަވަހަށް ދަސްކުރުމުގެ ބާރު ލިބިފައިވާ މީހެއް."
ފާރިޝާ ޓީޗަރުގެ ވާހަކަ މެދުކަނޑައިލައިފައި ޝުކުރިއްޔާއޭ ބުންޏެވެ.
ޓީޗަރު ހިތަށް ވަނެވެ. މި އިސްލާމީ ޤައުމުގައި އަންހެނުން އުޅޭ ޙާލު މީހުންނަކަށް ނޭނގެއެވެ. އެކަން އޮންނަނީ ފޮރުވިފައެވެ. ތިމާގެ އަމިއްލަ އަގު ހިފެހެއްޓުމަށެވެ. ނޫނީ ފިރިމީހާ ޙިމާޔަތްކުރުމަށެވެ.
ޓީޗަރ: "ފާރިޝާ، މިއަދު ދަނީ. ވާހަކަދައްކަވާލައްވަން ބޭނުންވެލެއްވިޔަސް ގުޅައިލައްވާ."
ފާރިޝާ ބޯޖަހައިލިއެވެ. ޓީޗަރު ނިކުންނަމުން ބުނީ، އަމިއްލައަށް ކަންކަމާ ކުރިމަތިލާން ނުކެރިއްޖެނަމަ، ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.
ޓީޗަރު ދިއުމުން، ފާރިޝާ ފުންނޭވާއެއް ލިއެވެ. ހިތަށް އެރިއެވެ. އެ ބުނީއަކީ ދޮގެއް ނޫނެވެ. އަމިއްލަ ޙާލު ބަދަލުކުރުމަށް އަމިއްލައަށް ކުރެވޭނެ ކަންތައްތައް ހުންނާނެއެވެ. އެއީ ހަމަ ތެދެކެވެ.
ކުކުރަމުން ތެދުވިއެވެ. ފާޚާނާއަށް ގޮސް ހޫނުފެނުން ފެންވަރައިލިއެވެ. ކާރަކަށް ގުޅައިގެން ޑޮކްޓަރަށް ދިޔައެވެ. އޭނާގެ ހަށިގަނޑުގައި އަޅާ ވޭންތަކަށް ލުޔެއް ލިބޭތޯއެވެ. ހިއްވަރު އައުކުރުމުން، ބަލީގެ ދެބައިކުޅަ އެއްބައި ރަނގަޅުވި ކަހަލައެވެ.
ޑޮކްޓަރ ދެއްވި ބޭސްތައް ހިފައިގެން އައިސް އުނގުޅަން ހުރި ބޭސް، އަމިއްލައަށް އުނގުޅެން ހުރި ހިސާބުގައި އުނގުޅިއެވެ. އޭނާގެ ހަށިގަނޑަށް ބަލައިލުމުން، ފާހަގަކުރެވެން ފެށީ ހަށިގަނޑުގައި ނޫފައިގެންފައިވާ ތަންތަން ގިނަކަމެވެ. ގެންގުޅޭ ކުއްޖާއަށް ގޮވައިގެން ގެނެސް، ބުރަކަށީގައި އެތިފަހަރުފަހަރު އަރައިފައި ހުރި ތަންތަނުގައި ބޭސް އުނގުޅުވިއެވެ. ބޭސް އުނގުޅައިދެމުން، ދައްތާއޭ ކިޔައިފައި އެ ކުއްޖާ ރުޔެވެ. އަދި އަހައިލީ ބޭބެ މިހެން ހަދަނީ ކީއްވެގެންތޯއެވެ. އޭނާއަށް ދޭނެ ޖަވާބެއް ފާރިޝައަކަށް ނުވިސްނެއެވެ. މިއީ ހިމާލަޔާ ފަރުބަދަތަކުގެ ވާދީތަކުން ވާދީއެއްގައި އޮންނަ ކުޑަކުޑަ އަވަށުން އައިސް ހުރި ކުއްޖެކެވެ. ދިރިއުޅުމުގެ ރަހަތަކެއް މީނާއަކަށް ނޭނގޭނެއެވެ. ލިޔަންކިޔާކަށް ނޭނގެއެވެ. ދިރިއުޅުމަކީ ފޮނި އެއްޗެއް ކަމެއް ލޮނު އެއްޗެއްކަމެއް ވެސް ނޭނގޭނެއެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑުގައި ލައްވައިފައިވާ ޖަޒުބާތުތަކަށް ކެތްނުކުރެވިގެން ރޮވުނީއެވެ. ހިތަށް ރަޙުމް ވަދެގެން ހިތުގައި ޖެހުނީއެވެ.
ފާރިޝާ ހިތަށްއެރިއެވެ. މި ޙާލުގައި އުޅެންވެއްޖެނަމަ، ޙައްވާ މަނިކެއަށް ޖެހުނު ދަތުރު އޭނާއަށް ވެސް ޖެހިދާނެއެވެ. ހިލާ އެހެންވިޔަކަ ނުދޭނަމެވެ. މިހާރު ފާރިޝާގެ އަސްލާއި އޭނާގެ އެތެރޭގައިވާ އޭނާގެ ޒަމީރާ ދެމެދުގައި ހަނގުރާމައެއް ހިނގާކަހަލައެވެ. ޙަޤީޤަތަކީ، ފާރިޝާއަކީ ގާތްތިމާގެ މީހަކު ވެސް ނެތް، ތެދުވެރި އެކުވެރިޔަކު ވެސް ނެތް، ހަމަ ހުރި މީހަކަށްވާ ކަމެވެ. އޭނާގެ ބޮޑުދައިތަ ނިޔާވުމުން އެކަން ވީ މުޅިދުނިޔެއަށް އޭނާ އެކަނިވެރިވިކުރުވި ކަމަކަށެވެ.
ގޭގައި ގެންގުޅޭ މީހާއަށް ގޮވައިލައިފައި، ބުންޏެވެ.
ފާރިޝާ: "އަހަރެން ބޭރަށް ދަނީ. ބޭބެ އައިމާ ކާންހަދައިދީ. މަށެއް ނުކާނަން."
އައު ހިއްވަރެއް ލިބިގެން، އައު ވިސްނުމެއް އައިސްގެން، ޙަރަކާތްތެރިވެ އުޅޭފަދަ ގޮތަކަށް އުޅެލައިފައި ފާރިޝާ ބޭރަށް ހިނގައްޖެއެވެ. އޭނާއަށް މިދެވެނީ ކޮންތާކަށް ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ވިލިނގިއްޔަށް ދިޔައެވެ. އެރަށުގެ ރެސްޓޯރަންޓަކުން ކެއެވެ. ދިވެހިބޭސްވެރިޔަކާ ބައްދަލުކުރިއެވެ. ވަރށްގިނައިރު އޭނާއާ ވާހަކަދައްކަން އިނެވެ. ދެން މާލެ އައިސް ޓެކްސީއެއްގައި ޤައުމީ ކުޠުބުޚާނާއަށް ދިޔައެވެ. އޭނާ ބޭނުންވާ ފޮތްފޮތް ބަލައިހެދިއެވެ. އެތަނުން ނިކުމެގެން ފިހާރަފިހާރަ ބަލަމުން، ބައެއް ފިހާރައަށް ވަންނަމުން ދިޔައެވެ.
(ނުނިމޭ)