ދިރިއުޅުމުގެ ރަހަތައް - 2

(24 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފާރިޝާ ނިދިފައި އޮވެގެން ދަތްކާރުވާއަޑު އިވެއެވެ. އޭނާ އޮތީ އަނދިރީގައިކަމުން އޭނާގެ މޫނަށް ވާ ގޮތްތަކާއި ނިތްކުރިން ހިއްލައިފައިވާ ދަލެއް މީހަކު ބަލައިލިއަކަސް ނުފެންނާނެއެވެ. މިއީ ކޮންފަދަ މަންޒިލަކަށް ޚިޔާލުކުރާ، ނުކިޔާހުރި ބީރައްޓެހި ކުއްޖެއްބާވައެވެ؟ މީނާ ކިޔަވަން ބޭނުންވެގެން މި އުޅެނީ، އޭނާގެ ރަށްފުށުގެ ދިރިއުޅުމުގައި ކޮން އެއްޗެއް ނެތީމައިބާވައެވެ؟ ގޭގޭގައި މަސައްކަތްކޮށްލައިގެން އުޅުނަސް ކާންލިބޭނެއެވެ. މީހަކާ އިނުމުން ގެއެއްގައި ދިރިއުޅެން ފެށުނީއެވެ. ދެން އިތުރު ކޮންކަމެއް ހޯދަން ބޭނުންވަނީބާވައެވެ؟ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް ވަކަލާތުކުރާ މީހަކަށް ވާން ބޭނުންވާނަމަ، އޭނާގެ ސިކުނޑި މާ ރަނގަޅުކަމަކަށް ގިނަމީހުން ނުދެކޭނެކަން ކަށަވަރެވެ.

ދެ ދުވަހެއްގެތެރޭގައި، ޙައްވާމަނިކެގެ ތިމާގެ މީހަކާއެކު ބޭހަށް ސިލޯނަށް ހިނގައްޖެއެވެ. ޢަލީ ނުދިޔައީ ފިހާރަ ބަލަހައްޓަން ޙަވާލުކުރާނެ އިތުބާރު މީހަކު ނެތިގެންނެވެ. ޙައްވާމަނިކެއާ އެކު އަލީ ނުދިއުމަކީ، ޙައްވާމަނިކެގެ ޝަކުވާއެއް ނޫނެވެ. އެފަދަ ޝަކުވާއެއް ކުރާވަރަށްވުރެ އޭނާގެ ހިތުގެ ބިރު މާ ބޮޑެވެ. މަރުވާން އުޅޭކަމަށް ހީވަނީއެވެ. އެއީ ވާ އުނދަގޫތަކެއްގެ ސަބަބުންނާއި ބޭސްކުރާތާ މިވީ ދިގުމުއްދަތުގެ ތެރޭގައި މާބޮޑު ލުޔެއް ނުލިބި، ދޭތެރެދޭތެރެއިން ކަންތައްތައް ބޮޑުވެލާތީއެވެ.

ޙައްވާމަނިކެ ފުރިފަހުން ޢަލީ ގެއަށް އަންނަލެއް މާ މަދެވެ. ފާރިޝާއަށް އެނގުނީ އިތުރު ފިހާރައެއް ހޯދައިގެން، އެތަނަށް މުދައު ލައި، ހުޅުވުމަށް މަސައްކަތްކުރާތީ މެންދުރު ކާންވެސް ގެއަށް ނާންނަނީކަމެވެ.

ހައްވާމަނިކެ ފުރިތާ ޙަތްދުވަސްވީ ދުވަހަކީ ޙައްވާމަނިކެ ނިޔައުވި ޚަބަރު މާލެއަށް ލިބުނު ދުވަހެވެ. އެ ޚަބަރު ލިބުނީ މެންދުރާ ކައިރިވެފައި ހުއްޓައެވެ. ޢަލީ ފިހާރަ ލައްޕައިފައި ގެއަށް އައިގޮތަށް ބާޒާރަކަށް ނުދެއެވެ. ފަޤީރުންނަށް ފައިސާ ބެހުމާއި ސާޅީސްވަންދެން ގޭގައި ޤުރުއާން ކިޔެވުމުގެ ކަންތައްތައް ހަމަޖެއްސީއެވެ. ބައެއް ފަހަރަށް އޭނާ އެދިހުރި ކަމެއް ވީމައި އުޅޭގޮތް ކަމަށް މީހުންގެ ހިތަށް އަރާނެ ކަހަލައެވެ. މޫނުމަތިން ހިތާމައެއްގެ އަސަރެއް ނެތެވެ. ޙައްވާމަނިކެގެ ހެދުންތައް ވެސް އެކި މީހުންނަށް ބަހައިލައިފިއެވެ. ދީލަތިކަން ދައްކަމުންނެވެ. ފާރިޝާއަށް ފާހަގަކުރެވުނު ކަމަކީ، ޢަލީ މީހުންނާ ވާހަކަދައްކައި އުޅުން މަދުވިކަމެވެ. ސާޅިސްވަންދެން ކިޔެވިއިރުވެސް އެއްރޭވެސް ވައްޓައިނުލާ ކިޔަވާ ނިމެންދެން ގޭގައި މަޑުކުރިއެވެ. އެ މީހުންގެ ސައިގެ ކަންތައްތައް ނިމެންދެން އެ ތަނުގައި ވެސް އުޅުނެވެ. މިކަމާ ފާރިޝާ ޙައިރާންވިއެވެ.

ސާޅީސްވަންދެން އޮތް ކިޔެވުން ނިމުނުރޭ ނޫން އަނެއް ރޭ ޢަލީ ގެއިން ބޭރަކަށް ނުދެއެވެ. އެގާރަޖަހާ އެހައިކަންހާއިރު ފާރިޝާއަށް ގޮވައިލިއެވެ. އޭނާ ދިއުމުން ޢަލީ ބުނީ، މީގެފަހުން މެންދުރު ކާން ނާންނާނެ ވާހަކައެވެ. އަދި ފާރިޝާ ކުރެން އަހައިލީ ބޭނުން އެއްޗެއް އޮތްތޯއެވެ. ނެތޭ  ބުނުމުން އިރުކޮޅަކު އިނދެލައިފައި ފާރިޝާއަށް ޙައްވާމަނިކެ މަހަކު އެއްވެސް އެއްޗެއް ދޭތޯ އަހައިލިއެވެ. ޖަވާބުގައި 100 ރުފިޔާއޭ ބުނުމުން މީގެ ފަހުން މަހަކު 200 ރުފިޔާ ދޭނަމޭ، ކޮންމެވެސް ތާކަށް ކިޔަވަންދާށޭ ބުންޏެވެ.

ޢަލީގެ މި ކުރު ސުވާލުތަކާއި ނިންމި ނިންމުންތަކުން ފާރިޝާ އުފައުވިއެވެ. އަދި ޢަލީގެ މިޒާޖާއި އޭނާގެ އަޚުލާޤާ މެދު ކުރަމުން ދިޔަ ނަފުރަތުގައި ސުވާލުމާކެއް ޖެހުނެވެ. ޙައްވާމަނިކެގެ ދުނިޔޭގައި ޢަލީ ފާރިޝާއާ ވާހަކަދައްކަނީ ވަރަށް މަދުންނެވެ. ކަންތައް ވާނީވެސް އެހެންނެވެ. ގެއެއްގައި ގެންގުޅޭ އަންހެން ކުއްޖަކަށް އިރުޝާދުދިނުމާއި ބުނަންޖެހޭ އެއްޗެއް ބުނުމަކީ އެ ގެއެއްގެ ވެރި އަންހެނަކު ކުރަންޖެހޭ ކަންތައްތައްތާއެވެ. ޙައްވާމަނިކެ އަށާއި އެ ދެމަފިރިންގެ ގެއަށް ޚިދުމަތްކުރުމުގައި ފާރިޝާ އުޅޭގޮތް ޢަލީއަށްވުރެ ބޮޑަށް ފެންނާނީ ޙައްވާމަނިކެއަށެވެ. އަދި ފާޑުފާޑުގެ ނޫސް އެއްޗެހި ބަލަން އިންދާ ފެންނާނީ ވެސް ޙައްވާމަނިކެއަށެވެ. އެކަމަކު ދުވަހަކުވެސް ކިޔަވަންދާން ބޭނުންތޯ އަހައިވެސް ނުލައެވެ. އަންހެނުންނަކީ ޙަސަދަވެރި ބަޔެކޭ ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް ޙައްވާމަނިކެގެ އަނގައިން ޢަލީ އެބުނި ބަސްތައް ނިކުންނަމަ، އަންހެނުންނާ ޙަސަދަވެރިކަމާ ގުޅުވައިގެން މީހުން ދައްކާ ވާހަކަތަކަށް ދެކޮޅުހަދާނެ ތަން އޮތީހެވެ. މިއަދަކީ މަރުވެފައިވާ މީހާގެ ފުރާނައަށް ހެޔޮދުޢާކުރުމުގެ ދުވަހެވެ. ޝަކުވާކުރަންވީ ދުވަހެއް ނޫނެވެ. ފާރިޝާއަކީ ގޭގައި ގެންގުޅެން ރަނގަޅު ފާޑުގެ ކުއްޖެކެވެ. އޭނާއަށް ތަޢުލީމް ބޭނުމެއް ނުވާނެއެވެ. ބޭނުންވާކަމަށް ހީކުރަން އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ތަޢުލީމް ހޯދަން އޭނާ އުޅޭނީ އޭގެ ބޭނުމެއް އޮތިއްޔާ ނޫންހެއްޔެވެ؟ އެ ސަބަބުތަކަށްޓަކައި ކިޔަވާނަންތޯ ފާރިޝާ ކުރެން ޙައްވާ މަނިކެއަށް ސުވާލުކޮށް ނުލެވި އޮއްވައި އޭނާ މި ދުނިޔެއާ ވަކިވެގެން އެ ދިޔައީއެވެ. އޭނާ އެ ދިޔައީ އޭނާގެ ބޭނުންތަކާއި ކުރަން ޤަޞްދުކުރި ކަންތައްތައް ފުރިހަމަކޮށްފައިބާވައެވެ؟

އަންހެނުންގެ އިހްސާސްތަކާ ކުޅެލައި، އަނެކުންގެ ނަފުސުގެ ޢިއްޒަތުގެ އަގު ބާއެއްޗެތީގެ ނީލަމެއްގައި، ދަބަރުޖަހައިފައިވާ ދަގަނޑުގެ އަގުގައި ލޭބަލް ތައްކުރާ މީހުން ހެއްދެވި ފަރާތުގެ ޙަޟުރަތަށް އެނބުރި ދާނީ ކޮންފަދަ މޭފުއްޕުމަކައިގެން ބާވައެވެ؟

ފާރިޝާއަށް ލިބުނު ފުރުޞަތުގެ ބޭނުންކޮށްގެން ރޭގަޑުގެ ކުލާހަކަށް ދާން ފެށިއެވެ. އިނގިރޭސިބަހާއި ދިވެހި ބަހާއި ހިސާބާއި ރީއްޗަށް ލިޔުމާއި ޢާންމު މަޢުލޫމާތު ދަސްކުރަމުން ގެންދެއެވެ. ކުލާހަށް ދާންފެށިތާ ދެވަނައަށްވީ ރޭ ގެއަށް އަންނަނިކޮށް މަގުމަތިން މީހަކު އަހައިލި އަޑުއިވުނީ މިދަނީ ކާކުގެ ދޫންޏެއްތޯ ކުރި ސުވާލެވެ. އެހެން މީހަކު ޖަވާބު ދިން އަޑު އިވުނީ ގިރިޓީ ޢަލީ އިންނަންވެގެން ކިޔަވައިދޭ ކުއްޖެއްކަމަށް ބުނި އަޑެވެ. ރުޅިއެއް ނާދެއެވެ. ނަމަވެސް ވިސްނެން ފެށީ، ޢަލީ އޭނާއާ އިނދެފާނެ ބާވައޭ ހިތަށްއެރި ސުވާލާ މެދުގައެވެ. ބަޔަކު ސަމާސާއަކަށް ބުނެލި އެއްޗަކަށް ވެދާނެކަން އެނގޭއިރުވެސް އެއީ ތެދަކަށް ވެއްޖެނަމަ، އެކަމާ ކުރިމަތިލާނެ ގޮތަކާމެދު ފިކުރުކުރަން ޖެހުނެވެ.

ފާރިޝާ ހިތަށްއެރިއެވެ. އެއްރެއަކު ދަންވަރު ގޮވައިލައިފައި ޢަލީ ބުނާނީ ސައިތައްޓެއް ހެދުމަށެވެ. ސައިތަށި ގެންދިއުމުން ބުނާނީ އޭނާ މީހަކާ އިނުމަށް ޚިޔާލުކުރާތީ، އޭނާއާ ފާރިޝާ އިނދެފާނަންތޯއެވެ. އޭރުން ފާރިޝާ ބުނާނީ، ގޭގައި ގެންގުޅޭ ކުއްޖަކާ އިނުމަކީ ރަނގަޅު ކަމެއްކަމަކަށް ނުވާނެކަމަށެވެ. ބީރައްޓެއްސެއް ކަމާއި ގޭގައި ގެންގުޅޭ ކުއްޖެއްގެ ވާހަކަ ނުނަގާށޭ، ޢަލީ ބުނާނެއެވެ. އޭރުން ފާރިޝާ ބުނާނީ، ޢަލީއާ އޭނާ ނުގުޅޭ ވާހަކައެވެ. ނުގުޅޭ ކަމަށް ބުނަނީ ކޮންގޮތަކުން ނުގުޅޭތީތޯ ސުވާލުކުރުމުން ފާރިޝާ ބުނާނީ މިޒާޖާއި ދިރިއުޅުމުގެ ގޮތްތައް ނުގުޅޭ ކަމަށެވެ. އަދިވެސް ސާފެއް ނުވެއޭ ޢަލީ ބުނާނެއެވެ. ދެން ޖަވާބުގައި ބުނާނީ، އިނދެގެން އުޅޭ މީހާއާ އަޅާލުން ހުންނަގޮތް ފެނިފައިވާކަމަށާއި އެކަހަލަ ފިރިއެއް ބޭނުން ނޫންކަމަށެވެ. އޭރުން ޢަލީ ބުނާނީ ޙައްވާމަނިކެއާމެދު ކަންތައްތައް ކުރެވިފައިވަނީ ރަނގަޅަކަށް ނޫންކަމަށާއި ދެން އެހެން ނުވާނެ ކަމަށެވެ. އެކަން ސާބިތުކޮށްދޭން އެދުމުން، ޢަލީ އެދޭނީ އިންނާނީ ކޮންކޮން ޝަރުޠުތަކެއް ފުރިހަމަކުރުމުންކަން ބުނުމަށެވެ. އެ ޝަރުޠުތައް ކިޔައިދިނުމުން ޢަލީ އެ ޝަރުޠުތަކާ އެއްބަސްވާނެއެވެ. އޭރުން ކައިވެނިކުރަންވީއެވެ.

ފާރިޝާ އުޅެމުން ގެންދަނީ ގޭގެ ވެރިމީހާ އިންނަން އަހައިފައި، އުޅުންހުރިތޯ ބަލަން ބަހައްޓައިފައި ހުރި ގޭގައި ގެންގުޅޭ ކުއްޖަކު، އުޅުންހުރިކަން އަންގައިދޭން މަސައްކަތްކުރާ ގޮތަށެވެ. ކުރިއަށްވުރެ ފަތިހާ ތެދުވެއެވެ. ހެނދުނުގެ ސައިގެ ކަންތައްތައް ތައްޔާރުކޮށްފައި، މީހުން ސައިބޯން އަންނައިރު ފެންވަރައިގެން ހުރެއެވެ. ގޭތެރެ ފޮޅައި ސާފުކުރުމާއި ތަރުތީބުކުރުން ކުރިޔަށްވުރެ ރަނގަޅުކޮށްލިއެވެ. ގޭގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތަށް ވިސްނިއެވެ. އެކަން އެހެން ކުރުމާއެކު ކެއުމުގެ ފެންވަރު ރަނގަޅުކުރިއެވެ. ރޭގަނޑުގެ ކުލާހުން ލިބެމުންދާ ތަޢުލީމް، ފާރިޝާ ދުށީ ދުވަހަކު ނުނިމޭނެ ކުޅިގަނޑެއްގެ ގޮތުގައެވެ. އެހެންކަމުން ކިޔެވުމަށް އިތުރު މަސައްކަތްކުރަން ފެށިއެވެ. ކިޔާ ފޮތްތަކުން ލިބޭ މަޢުލޫމާތުތަކުން މަގުއަލިކުރަމުން އެ ފޮތްތަކުގައިވާ ސުވާލުމާކުތައް މުދައްރިސުން ކުރެ އަމިއްލަ ގޮތެއްގައި އަހައިގެން ޖަވާބު ހޯދަމުންނެވެ. އޭނާއަށް ލިބެމުން ދިޔަ ތަޢުލީމުގެ އަލިކަން ފެތުރެމުންދިޔައީ ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ފާރިޝާ މަސައްކަތްކުރާ ގެއަށެވެ. އެގޭގައި ހުރި ޞިއްޙީ ނޫން ކަންތައްތައް ބަދަލުވަމުން ދިޔައެވެ. ކެއުމުގައި މަހާއެކު ތަރުކާރީއާއި ފަތުގެ ބާވަތްތައް ހުންނަތަން ފެންނަން ފެށިއެވެ.

އެއްދުވަހަކު މެންދުރު ކެއުން ނިމިގެން ތަށިތައް ނަގަން އުޅެނިކޮށް ފާރިޝާއަށް ޢަލީ ގޮވައިލި އަޑު އިވުނެވެ. ފާރިޝާ ދިޔައެވެ. އެކަކު އަނެކަކުގެ ލޮލަކަށް ނުބަލައެވެ. ޢަލީ ބުނަން އުޅުނު ވާހަކަ ބުނެ ނިންމައިފައި ފާރިޝާ އަނގައިން ނުބުނެ ހުރީމައި ކަންބޮޑުވެގެން ބުނާނީ ކީކޭތޯ އަހައިލިއެވެ. ފާރިޝާ ބުނީ ޤަޞްދުގައި އެފަދަ ކަމެއް ނުކުރާކަމަށެވެ. އޭނާއަށް ކޮށްފައިވަނީ އާދަޔާ ޚިލާފު ހިތި އަސަރެކެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ އޭނާގެ ސާހިބުމީހާ އުފައުކޮށްދިނުމަށެވެ. އެކަމަކު އާޚިރުގައި މިވީ ގޮތަކީ، ސާހިބުމީހާގެ މަރުވެފައިވާ އަނބިމީހާއަށް ކަންތައްތައް ނުކުރެވުނު ގޮތް ދައްކަން އުޅޭ ކަމަށެވެ. ޢަލީގެ ހިތަށް މިފަދަ އެއްޗެއް އެރީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހެންނަމަވެސް މި ވާގޮތަކާމެދު ފާރިޝާ ޙައިރާންވިއެވެ. ބައެއް ފަހަރަށް ފާރިޝާގެ ޢަމަލުތަކާމެދު ޢަލީ ހިތްހަމަޖެހޭކަމަށް ހީވިއެވެ. އެއީ ގޭގެ ކަންތައްތަކުގެ ކޮންޓްރޯލް ފާރިޝާގެ އަތްމައްޗަށް ދީފައިވާލެއް ބޮޑުކަމުންނާއި މުޅި ގެ ހިންގަނީ އޭނާކަން ފާރިޝާއަށް އެނގޭތީއެވެ. އެހެންމަވެސް މި ޖެހުނު ކުއްލި ޝޮކުން އޭނާއަށް އަސަރުކުރިއެވެ. އޭނާ މަސައްކަތްކުރީ އޭނާއަށް ވެސް ނޭނގޭ މަޤުޞަދުތަކެއް ފުރިހަމަކުރާށެވެ. މީހަކަށް ވާށެވެ. އެއަށްފަހު އޭނާ ހިތުގައިޖެހޭ، އޭނާގެ މަންމަގެ ހިތުގައި ޖެހުނު ކަންތައްތަކަށް އެހީއެއް ވެދިނުމަށެވެ. އެކަމަކު އޭނާއަށް ކުރިލިބުމެއް ނެތެވެ. ފިރިހެނުންގެ ފިއްތުމާއި ދަތިކުރުންތަކާއި ހިތުގެ ހިލަކަމުން ބަލިކަށި އަންހެނުންގެ ނާޒުކު ފިކުރުތަކަށް އެއްވެސް ޙިމާޔަތެއް ނެތެވެ. އޭނާ ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހިފަހައްޓައިލުމަށްފަހު، އިސްއުފުލައިލީ އޭނާގެ މޫނަށް ބަލަންހުރީ ޢަލީގެ ފުށުން ދިއުމުގެ ހުއްދައަށް އެދޭގޮތަށެވެ. ޢަލީ ބުނީ ގޭގެ ވެރިއެއްގެ ގޮތުން ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށެވެ. މިހެން ބުނުމުން ފާރިޝާ ހުއްޓުންއެރިއެވެ. އަދި ކެރިގެން ޢަލީއާ ދިމާއަށް އެނބުރިލައި ޢަލީގެ ލޮލަށް ބަލަން ހުރެގެން ބުނީ، ޢަލީ އެންމެ ފަހުން އެ ބުނި އެއްޗަކީ ކޮންމެހެން ބުނަން ޖެހޭނެ އެއްޗެއް ނޫން ކަމަށެވެ. ގޭގައި މަސައްކަތްކުރަން އުޅޭ ރާއްޖެތެރޭގެ މީހުންނަކީ، ގޮތެއް ނެތިގެން ކުރިމަތިވި ކޮންމެ ޙާލަތަކަށް ކުރިމަތިލުމަށް އައިސްއުޅޭ އަޅުންކަމަށެވެ. އެހެންވީމާ، އެފަދަ އަޅަކާ ފާރިޝާއާ ތަފާތެއް ނެތްކަމުގައެވެ. މިހެން ބުނެފައި ފާރިޝާ ދިޔައީ ބަދިގެއަށެވެ. ޢަލީ ދިޔައީ ފިހާރައަށެވެ.

ފާރިޝާ އެރޭ ކުލާހަކަށް ނުދެއެވެ. އެހެން ރޭރެއަށްވުރެ އަވަހަށް ޢަލީ ގެއަށް އަތުވެއްޖެއެވެ. ކައިނިމިގެން ސައިތައްޓެއް ހެދުމަށް ބުންޏެވެ. ސައިތަށި ހިފައިގެން ފާރިޝާ ދިޔައީ އާދަވެގެން ޢަލީ އިންނަ ފެންޑާގެ އުނދޯއްޔާ ދިމާއަށެވެ. އެތަނަކު ނެތެވެ. އޭނާގެ ކޮޓަރިން ގޮވައިލި އަޑު އިވުނީ، ސައިތަށި ގެންގޮސްދިނުމަށެވެ.

ސައިތަށި ހިފައިގެން ކޮޓަރިއަށް ވަންއިރު، ޢަލީ ހުރީ ތުވާއްޔަކުން އަތްހިއްކާށެވެ. ގަންޖުފަރާސް ބާލައިފައި ހުރިތަން ފެނިފައި ފާރިޝާއަށް ޙައިރާންކަން ލިބުނެވެ. ސަބަބަކީ، ދުވަހަކުވެސް ހުސްގަޔާ ހުރެ މީހުންގެ ތެރެއަށް ޢަލީ ނުނިކުންނާތީއެވެ. ވިސްނައިލެވުނީ އޭނާގެ ހަށިގަނޑުގެ ވަރުގަދަ ކަމަށެވެ. މޭމަތީގައި އިސްތައްޓެއް ނެތެވެ. ކޮނޑުގެ މަސްގަނޑާއި މޭގެ މަސް ވަރުގަދަކަމަށް ފެނެއެވެ. ހިތަށް އެރިއެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ނަތީޖާ މި ހުރީ ފެންނާށެވެ.

ރަށު އޮފީހުގެ ކައިރީގައި ހުރެގެން އަންހެންމީހާ ރޮނީއެވެ. އޭނާގެ 12 އަހަރުވީ ފިރިހެން ދަރިފުޅު އޮފީހުގެ ތެރޭގައި ހުރި ދިގުގޮނޑިއެއްގައި އިނެވެ. މަންމަ ރޯއަޑު އޭނާއަށް އިވުނުނަމަވެސް އެކަމާ ކަންބޮޑުވާކަމަކަށް ނުފެނެއެވެ. މޫނުމަތީގައި ވަނީ ބިރުގަތުމެވެ. ތަންތަން ބެލުމާއި ފައިހޫރުވައި ހަމަހިމޭނުން ނުއިނދެވިގެން އުޅޭތީ އޭނާއަކީ ސިޔާސަ ކުއްޖެއްކަން ބަލާމީހަކަށް އެނގޭވަރުވެއެވެ. ކަތީބު ނިކުންނަވައިފިއެވެ. ބޭރުގައި ހުރި އަންހެންމީހާއަށް ނަސޭޙަތްދެއްވިއެވެ. ކުޑަކުދީން ބަލަހައްޓާ ތަނުން ޢަލީއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބޭނެ ވާހަކައާއި ބޭކާރު ގޮތުގައި ރަށުގައި އުޅެބޮޑުވުމަށްވުރެ، މާލެ ފޮނުވައިލުން ރަނގަޅުވާނެ ވާހަކަ ސާފުކޮށްދިނެވެ.

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.