(9 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހައިކަލް މަންމަ އެއްސެވެ.
"ހައިކަލް ސައިކަލްގައި ފާރިޝާ ގެންގޮސްދޭންވީނު."
ހައިކަލްގެ ބައްޕަ ބުންޏެވެ.
"އެ ގޮތް ރަނގަޅެއް ނުވާނެ. ޓެކްސީއެއް ގެނެސްގެން ފާރިޝާ އެކަނި ދިޔައްޔާ ރަނގަޅުވާނީ.
ބައްޕަ އެ ގޮތަށް އެ ލަފާދިން ސަބަބު ހައިކަލަށް ވެސް ފާރިޝައަށް ވެސް ވިސްނުނެވެ.
ޓެކްސީއަކަށް ގުޅަން ހައިކަލްގެ މަންމަ ދިޔައެވެ. ހައިކަލްގެ ބައްޕަ ކޮޓަރިއަށް ވަނެވެ.
އެ ވަގުތު ހައިކަލް ފާރިޝާގެ ގާތަށް ޖެހިލައިފައި ދެއަތުގައި ހިފަހައްޓައިލައިފައި ބުންޏެވެ.
"އަހަރެން ވަރަށް އުފާކުރަން މި ގެއަށް އައިސްދިނީތީ."
"ބަލަ ހައިކަލް އަހަންނަށް ދަޢުވަތު ދިނީތީ އަހަރެން ވަރަށް އުފާވި. ހައިކަލްގެ މަންމަ އާއި ބައްޕަ އަކީ ވަރަށް ވިސްނޭ ދެމީހުން."
ހައިކަލް ބުންޏެވެ.
"ތިޔަ ބުނި އެއްޗެއް ނޭނގުނު."
ބޭރުން ކާރެއް ބަރުގޮނު އަޅައިފިއެވެ.
"ކާރު އައީ. ދެން ދަނީ. ޝުކުރިއްޔާ. އަހަރެން މި ހުރީ ވަރަށް އުފަލުން."
ފާރިޝާ މިހެން ބުނެ، ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. ހައިކަލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް، ދޮރޯށި ހުޅުވައިދިނެވެ. ދެމީހުން ސަލާންކޮށްލިއެވެ. ފާރިޝާ ކާރަށް އެރުމުން ކާރު ދުއްވައިލިއެވެ.
ޓެކްސީގައި އިންއިރު އޭނާގެ ހިތަށް އަރަމުން ދިޔައީ، އޭނާއަށް އައު ދިރިއުޅުމެއް ފެށިދާނެފަދަ ފިކުރުތަކެއް ކުރުމަށް ކޮންމެވެސް ސަބަބުތަކެއް މަޖުބޫރުކުރުވަމުންދާ ކަމެވެ. އެހެންނަމަވެސް، އަދި އެފަދަ ވިސްނުމެއް ގެންގުޅުމަކީ، ބޭނުންކަމެއް ނޫނޭ ހިތަށްއެރިއެވެ. ފުންކޮށް ވިސްނައިލުމުން ފާރިޝާއަށް އެނގެނީ އެންމެ ޙަޤީޤަތެކެވެ. އޭނާގެ އެކަނިވެރިކަމެވެ. އެއްވެސް ޢާއިލާއެއް ނެތްކަމެވެ. އޭނާ ހިތަށް އަރައެވެ. އޭނާ ނޫނަސް އޭނާ ކަހަލަ އެތައް ސަތޭކަ ބަޔަކު އުޅޭނެކަން ނޭނެއެވެ. އެހެންވީމާ، ދިރިއުޅުމައިގެން ޖެހޭނީ ކުރިޔަށް ދާށެވެ.
ޢަލީގެ ވިޔަފާރި މިހާރު އެ އޮތީ އޭނާގެ ބާރުވެރިކަމުގެ ދަށުގައެވެ. ދެ ފިހާރައިގައި އިސްކޮށް އުޅޭ މީހުން ގެނެސް ކޮންމެވެސް ވާހަކައެއް ދައްކަން ޖެހޭނެއޭ ހިތަށްއަރައެވެ. އެކަމަކު އެއީ ކޮން ވާހަކައެއް ކަމެއް ބުނާކަށެއް ނޭނގެއެވެ.
ފާރިޝާ ދިއުމުން، ހައިކަލް މަޑު ހިނގުމެއްގައި އައިސް ގެއަށް ވަނެވެ. އެއިރު މަންމަ އާއި ބައްޕަ ބޮޑުކޮޓަރީގެ ތެރޭގައި ތިއްބެވެ. ހައިކަލް ގެއަށް ވަނުމުން މަންމަ ގޮވައިލިއެވެ.
"ދަރިފުޅު އައިސްބަލަ. މިތަނުގައި އިށީނދެލަން. މިހާރު ނިދަންވީތަ؟"
ހައިކަލް ބައްޕަ ބުންޏެވެ.
"ހައިކަލް އެހައި އަވަހަށް ނިދާތަ؟"
"ބައްޕާ! އަޅުގަނޑު ބަލަނީ އަވަހަށް ނިދޭތޯ. ފަތިސްނަމާދަށް ތެދުވެވޭތޯ ބަލަން ބޭނުން."
ބައްޕަ ބުނުއްވިއެވެ.
"ދަރިފުޅާ މި ފާރިޝާގެ މައްޗަށް ކުރާ ދަޢުވާއަކީ ކޮބައިތަ؟"
ހައިކަލް ނުއިށީންނަށް ހުރެފައި ވެސް އައިސް މަންމައާ ޖެހިގެން އިށީނދެލިއެވެ.
"އެއީ، އޭނާގެ ފިރިމީހާ މަރުވިގޮތާމެދު ކުރެވޭ ޝައްކަކުން އުފެދިގެން އުޅޭ މައްސަލައެއް. އަޅުގަނޑަކަށް ހިޔެއް ނުވޭ އެއީ ސާބިތުވާނެ ކަމެއް ހެންނެއް؟"
ހައިކަލް މަންމަ އިނީ ފާރިޝާއާ ކުރިމަތިވެގެން އުޅޭ މައްސަލައިގެ ވާހަކަ އަޑުއަހާ ހިތަކުން ނޫނެވެ. އޭނާ ބޭނުންވަނީ މި ފާރިޝާ އަކީ ކާކުތޯ އޮޅުންފިލުވާށެވެ. މަންމަ އަހައިލިއެވެ.
"މީނާގެ ކުއްޖަކު ހުރޭތަ؟"
"ނުހުރޭ. ކީއްވެ ތި ޔަ ސުވާލުކުރީ."
"މަންމަ ބޭނުންވީ ފާރިޝާ އަކީ ކާކުތޯ އޮޅުންފިލުވަން. މަންމައަށް ވަރަށް ކަމުދާ ސިފަތަކެއް އޭނާގައި އެ ހުންނަނީ."
ބައްޕަ ސުވާލުކުރިއެވެ.
"އަނެއްކާ ކޮންކަހަލަ ސިފަތަކެއް؟"
"ފާހަގައެއް ނުކުރެވޭތަ. ވަރަށް ރަށްފުށް. ވަރަށް މަޢުސޫމް. ވަރަށް ޅަ. ފޮރުވުމެއް ދެއްކުންތެރިކަމެއް ނެތް. އެވާހަކަ މި ބުނީ."
ހައިކަލްގެ ބައްޕަ ބުނުއްވިއެވެ.
"ބަލަ އެއީ ރަށްފުށުގެ ކުއްޖެކޭ. ގޭގައި ގެންގުޅެން ޙައްވާ މަނިކެ ގެނައި ކުއްޖެއް އެއީ."
ހައިކަލް އަވަސް އަވަހަށް ބުނެލިއެވެ.
"އޭނާގެ މަންމައަކީ މާލޭގެ ޢާއިލާއެއްގެ ބޭފުޅެއް."
މަންމަ ސުވާލުކުރިއެވެ.
"އެހެން ބުނީ ފާރިޝާތަ؟"
ނޫނޭ މަންމާ! ފާރިޝާއެއް ނޫން. އަހަރުމެން ޙަވާލުވާ ކޮންމެ މައްސަލައަކާ ގުޅޭ މީހުންގެ ވަނަވަރު އަހަރުމެން ހޯދަން. އެހެންވެ އެނގުނީ."
"ބައްޕައަށް ވެސް ހީވަނީ. މިއީ ވަރަށް ރަނގަޅު ކުއްޖެއްހެން. މިކހަލަ އެކަނިވެރި ކުދީންނަށް ބޮނޑިދޭން އުޅޭ މީހުން އުޅޭނެ. ވަރަށް ވިސްނާތި."
"ލައްބަ! އަޅުގަނޑަށް އެނގޭ. މިހާރު އެބައުޅޭ ފާރިޝާ އިނދެގެން އުޅުނު މީހާގެ ބޮޑުބޭބެއެއް، މަތިން ވެއްޓިގެން."
މަންމަ ޙައިރާންވިއެވެ.
"މަތިން ވެއްޓުނީއޭ؟"
ބައްޕަ ބުންޏެވެ.
ސާބަސް! އައި ތަނެއް ނޭނގި ބޮޑުބޭބެއެއް އައީ! ފާރިޝާގެ ފިރިމީހާގެ މުދާ އަތުލަން އުލެނީ. އެއީ އެނގޭ ކަމެއް. އަނެއްކާ... ވަކީލުން ވެސް.... "
"ބަލަ ހައިކަލަކީ ވެސް ވަކީލެކޭ."
"އާނ! އެނގެއޭ. ދެން ހުއްޓައިލީ."
"ނޫނޭ. ބައްޕަ ބުނުއްވަން އުޅުއްވި އެއްޗެއް ބުނުއްވަ ބައްލަވާ."
"ބައްޕަ ބުނަން އުޅުނީ ވަކީލުކަމަށް މޮޅު މީހުން ދޮގު އެއީ ތެދެއްކަމަށް ހަދައިފާނެއޭ. ތެދު އެއީ ދޮގެއްކަމުގައި ހަދައިފާނެއޭ."
ހައިކަލް ފުން ނޭވާއެއް ލިއެވެ. އަދި ބުންޏެވެ.
"ބައްޕާ! އިސްލާމީ ޝަރީޢަތުގައި ދޮގުހެކިދިނުމުގެ ނުބައިކަން އެނގޭ މީހަކު އެކަން ކޮށްގެން ނުވާނެ."
"އެކަމަކު ކުރޭދޯ؟"
"ކުރާ މީހުން އުޅޭ. އެކަހަލަ ކަންތައްތައް ކޮށްގެން ހޯދާ ފައިސާގައި ބަރަކާތެއް ނުހުންނާނެ. ބަރަކާތް ނުލައްވާ ތަނަވަސްކަމަކީ، ވަގުތީ ކަމެއް."
މަންމަ ބުންޏެވެ.
"ތިޔައީ ތެދެއް. ނަމަނަމަ ދަރިފުޅު ޙައްޤު ނޫންކަމެއް ޙައްޤެއް ކަމުގައި ދައްކަން މަސައްކަތް ނުކުރާތި."
"މަންމައަށް އެނގޭތަ. މައްސަލައެއް ޙައްޤު ގޮތުގައި ކާމިޔާބުވުމުން، އެ ލިބޭ އުފަލެއް ބުނަން ވެސް ނޭނގޭ. އެކަމަކު، ވަކާލާތު ކުރުމުގެ މޮޅުކަމަކީ، ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން ފަހަރުގައި މައްސަލައެއް ކާމިޔާބު ނުކުރެވުނަސް ހިތްހަމަޖެހުން ބޮޑު ކަމެއް."
ހައިކަލްގެ ބައްޕަ ބުންޏެވެ.
"ދަރިފުޅާ! ތެދުވެރިކަމުން އެ ލިބޭ ހިތްހަމަޖެހުމަކީ، ﷲ ގެ ޙަޟުރަތުން ދެއްވާ ނިޢުމަތެއް. އެފަދަ ނިޢުމަތްތަކަށް އެދޭ މީހާ، އެހެން ގޮތްގޮތުން "ކާމިޔާބު" ހޯދިޔޭ ކިޔަސް ނުބައި ޢަމަލުތަކުގެ ހިތިކަން ނާރުތަކުގައި ހިނގަން ފަށާނެ. މީހުންގެ ނަފުރަތާއި ރުޅިވެރިކަން ލިބުމުން އެ ކުރިމަތިވާ ނަފުސާނީ ބަލިމަޑުކަން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ."
"ބައްޕާ! ނަންގަންނަންތޯ! ވާހަކައެއް. އަޅުގަނޑާއެކު މަސައްކަތްކުރާ ޓީމަކީ، ތެދަށް ލޯބިކުރާ ބައެއް. އެބައިމީހުން، މައްސަލައެއް ބަލައިގަންނަނީ ވެސް ތެދުމަގުން ގެންގޮސްގެން ކާމިޔާބުވާނެކަން އެނގެންޏާ. އަޅުގަނޑުމެންގެ ކާމިޔާބުގެ ސިއްރަކީ އެއީ. އޮޅުވައިލުމެއް، ރިޝަވަތުދިނުމެއް، ނުބައި ހެކިން ހުށަހެޅުމެއް ދޮގުހެދުމެއް ނޯންނާނެ. އެހެންވީމާ ކަންނޭނގެ. އެންމެން ވެސް ވަރަށް ގުޅޭ. އުޅެނީ ހަމަ ޢާއިލާއެއްހެން. އެކަކު އަނެކަކާ އެހައި އަޅައިލާ."
"ދަރިފުޅާ! މި ޤައުމަށް މިހާރު ދިމާވެގެން މި އުޅޭ މައްސަލައަކީ އެއީ އޭ. ތެދުވެރިކަން ނެތުން. ޙަރާމެއް ޙަލާލެއް ބަލަން ބޭނުން ނުވުން. އަތުޖެހުނު ތަނަކުން، އަތުޖެހުނު އެއްޗެއް ކައިލަނީ. އެ ހެޔޮ ޑްރަގް ވިއްކައިގެން ކަމަށް ވިޔަސް. ވަގުނޫޓް ޖަހައިގެން ކަމަށްވިޔަސް.... ދެން ރަނގަޅެއް ނުވާނެ. ދާނީ ނުބައިން ނުބަޔަށް."
"ބައްޕާ! ކިޔަވައިގެން ތިބި މީހުންގެ ޙާލަކީ ވެސް ހަމަ އެއީ. ބައެއް ފަހަރު ބައެއް މީހުން އެ ހުށަހަޅައިލަނީ ލައްކައިން ލައްކައިން. ތެދު ދޮގަށް ހަދައިދޭށޭ ބުނެފަ."
މަންމައަކަށް ނީނދެވުނެވެ.
"ދަރިފުޅާ ކޮންމެވެސް ކޮންމެވެސް އެކަހަލަ އެއްޗެހީގައި ނުޖެހޭތި. އެއީ ހަމަ އަލިފާން. ދަރީންގެ ދަރީންނަށް އެ ހޫނުކަން ފޯރާނެ."
"އެހެންވީމައޭ، ދީނުގައި އަންގަވައިފައި އެ ވަނީ، ދަރީންނަށް ޙަލާލު އެއްޗެހި ކާންދޭށޭ. އެހެންނޫނީ މުޅި ޢާއިލާ ފަސާދަވާނެ. އޭގެ ހެކިތައް އެބަ ފެނެއެއްނު. ދެރައީ އެފަދަ މީހުންގެ ނުބައިނުލަފާކަމުގެ އުނދަގޫ އެތައް ބަޔަކަށް ފޯރާކަން."
"މާތް ﷲ ގެ ކޯފާއަށް ބިރުވެތިވާންޖެހޭނެ!"
"ޙާލަތު މި އޮތީ އެ ހިސާބުގައި. ރިޒުގުގެ މަގުތައް ބަންދުވެދާނެ."
ހައިކަލް ގޮވައިގެން ނެގެސް، އެ މީހުންގެ ގާތުގައި ބޭންދި ވާހަކައަށް އެނބުރި ދާން ހައިކަލްގެ މަންމަ މަސައްކަތް ކުރިއެވެ.
"ދަރިފުޅާ. ފާރިޝާއަށް ކާއެއްޗެހި ކަމުދިޔަތަ؟"
"އާން! އޭނާ ހުރީ ވަރަށް އުފަލުން. އޭނާ ގުޅިގެން އުޅޭ މީހުންތަކެއް ނުތިބޭ. އެހެންވީމާ ކަންނޭނގެ، މިގެއަށް އަންނަން ބުނީމާ ވެސް އެވީ ވަރަށް ހިތްހަމަޖެހޭ ކަމަކަށް."
"ދެން ދަރިފުޅު ވެސް ކާވެންޏެއް ކުރުމުގެ ޚިޔާލު ކުރަންވެއްޖެ."
"މަންމާ!"
ހައިކަލް ގެ ބައްޕަ ބުނުއްވިއެވެ.
"ދެން ދޭ، ނިދަން!"
ހައިކަލް ހިނގައްޖެއެވެ. ހައިކަލްގެ ބައްޕަ އޭނާގެ އަންހެނުންނަށް ބަލައިލައިފައި ބުންޏެވެ.
"ޝަކީލާ! ހައިކަލަކީ ކުޑަކުއްޖެއް ނޫން! އޭނާ މީހަކާ އިންނަންވީމާ އިންނާނެ. އަހަރުމެން ބުނެކިޔައި މަޖުބޫރުކުރުވާނެ ކަމެއް ނެތް"
"އެނގެއޭ. އެކަމަކު... އަހަރެން ވެސް ކިހާ އުފައުވާނެ."
"މަވެސް އުފައުވާނެ. އެނޫން ވާހަކައެއް ނޫނޭ. "
ހައިކަލްގެ މަންމަ އޭނާގެ ފިރިމީހާގެ ގާތަށް ކުޑަކޮށް ޖެހިލައިފައި ބުންޏެވެ.
"އެހެންވިއްޔާ..."
އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ. ޝަކީލާ ބުނަން އުޅޭ އެއްޗެއް ބުނުމަށް ބާރުއެޅިއެވެ. އެއީ އެ ބުނަން އުޅޭ އެއްޗެއް ލަފާކުރެވުމާ ވެސް އެކުގައެވެ.
"ފާރިޝާއާ މެދު ޚިޔާލަކީ ކޮބާ؟"
"ނޭގުނޭ! ޚިޔާލަކީއޭ! ހައިކަލާ ދެވަން..."
"އެއީ އޭނާގެ ކަމެއްތާ. އޭނާ ބޭނުން ކުއްޖަކު ހޮވާނީ އޭނާ."
"ނޭނގެ! އަހަރެންގެ ހިތް ބުނަނީ ފާރިޝާ އަކީ ވަރަށް ނިކަމެތި ކުއްޖެކޭ. އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ހަމްދަރުދީ އުފެދިއްޖެ."
ޝަކީލާ ލޯ ފުހެލިއެވެ. ދެމަފިރިއަކަށް ލިބިފައިވާ ފިރިހެން ދަރިއެއްގެ ކައިވެންޏަކީ، އެ ދެމަފިރިންނަށް ވަރަށް ޚާއްޞަ ކަމެކެވެ. ދިވެހީންގެ އާދަކާދައިގެ މަތީން ޢާއިލާ ފެތުރި ހެދިގެންދަނީ ފިރިހެންދަރީންގެ ފުށުންނެވެ. އެއީ ބަލަދުވެރިކަމާއި އަޅައިލުމާއި އޯގާތެރިކަން ފިރިހެން ދަރީންގެ ފުށުން ލިބެން އެދޭތީ ވިސްނާ ގޮތެއްކަމަށްވުން ގާތެވެ.
އައު ދުވަހަކަށް އިރުއަރައިފިއެވެ. ފާރިޝާ އިނީ އޭނާއަށް ކިޔަވައިދޭން އަންނަ ޓީޗަރުގެ ގާތުގައެވެ. ފާރިޝާ ލިޔެފައިވާ ލިޔުމެއް ބަލައި ރަނގަޅުކުރަންވީ ކަންތައްތައް ބުނެދެނީއެވެ. ފާރިޝާ ގަޑިއަށް ބަލައިލިއެވެ. ޓީޗަރު ސުވާލުކުރިއެވެ.
"ތާކަށް ދާން އޮތީތަ؟"
(ނުނިމޭ)