(30 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން ބުނާނެ އެއްޗެއް ނެތް. އިތުރަށް އެދޭނެ ކަމެއް ވެސް ނެތް. "
މިހެން ބުނެފައި ހިތަށްއެރިއެވެ. ވާހަކަދައްކަންވާނީ ރީއްޗަށްކަންނޭނގެއެވެ. އެކަމަކު އިނދެގެން އުޅޭ ދެމީހަކު، ނުރަސްމީ ވާނީ ކޮންވަގުތެއްގައިބާވައެވެ؟
ފާރިޝާގެ އަތަށް ޢަލީ ފިތާލިއެވެ. ފާރިޝާގެ ގައިން ހީބިހި ނެގިއެވެ. ހޫނުވާން ފެށިއެވެ. މީގެކުރިން ނުކުރެވޭ ފިކުރެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. އެއީ، ކުރެވޭ ފިކުރަކީ، މިއިނީ އަހަރެންގެ ފިރިމީހާތާއޭ، މިރޭ މީނާ ނިދާނީ އަހަރެންގެ ގާތުގައިތާއޭ ހިތަށްއަރައި ކުރެވެން ފެށި ފިކުރެކެވެ. ދެމީހުންކުރެ އެކަކަށް ވެސް ނޭނގި އުނދޯލި ހެއްލުން ބާރުވަމުންދެއެވެ. ފާރިޝާ ހިތަށްއެރިއެވެ. އެހީއަކަށް އެދި ގޮވައިލާނެ ގާތްތިމާގެ މީހަކުވެސް ނެތެވެ. ހިއްވަރުކުރާނީއެވެ. ދިރިއުޅުން އެހައި ނުރައްކަލެއް ނުވާނެއެވެ. ދިރިއުޅުން ނުރައްކައުވަނީ ދިރިއުޅުމާ ކުރިމަތިލާން ނުކެރި ފިލަން ދުވީމައެވެ. އަހަރެން އެގޮތަކަށް ދުވާކަށް ނެތީމެވެ.
ދެމީހުން އިރުކޮޅަކު އެއްޗެއް ނުބުނެ ތިއްބެވެ. ފުރަތަމަ ވާހަކަދެއްކީ ޢަލީއެވެ.
"ކިޔެވުން ކުރިޔަށް ގެންދޭ."
ފާރިޝާ ޢަލީގެ މޫނަށް ބަލައިލިއެވެ. އޯގާވެރިކަމުގެ ނަޒަރަކުންނެވެ. އަހަރެން އިންނަން މިޖެހުނީ އަހަރެންގެ ހިތުގައި އެމީހަކާމެދު ލޯތްބެއް އުފެދިފައި ނެތް މީހަކާއެވެ. އެކަމަކު އޭނާއަށް ޤަދަރުކުރަމެވެ. އަހަރެން ބަލަހައްޓަމުން ގެނެސްފައިވާލެއް ރަނގަޅުކަމަށްޓަކައެވެ. އަދި އަހަރެން އެންމެ ބޭނުންވާ ކަންތައް ކުރުމަށް ހުރަސްނާޅާތީއެވެ. އެކަމަކީ ކިޔެވުމެވެ.
"ކިޔެވުން ދޫކޮށްލަން ބޭނުންވާނަމަ ބުނަންވާނެ."
"އަހަރެން ކިޔަވަން ބޭނުން."
"އެހެންވީމާ ތިޔަކަން ހަމަޖެހޭނެ."
"އެކަމަކު....."
ފާރިޝާގެ ވާހަކަ ހުއްޓޭގޮތް ވުމުން ޢަލީ އަހާލިއެވެ.
"އެކަމަކު.... ކީކޭތަ؟"
"އަހަރެން މީހަކާ އިނީމާ އެގެއަށް ކިޔަވަން ދާން ޖެހިލުންވޭ."
"އެއީ ކީއްވެ. އަހަރެންނާ އިނދެވުނީމާ ލަދުގަންނަނީތަ؟"
"ނޫން."
"ދެން ކީއްވެ؟"
"ކަމެއް ނުވޭ."
"އަހަރެން ހީކުރީ ފާރިޝާ އެކަކާ ވެސް ރައްޓެހިވެގެން ނޫޅޭކަމަށް."
"ޖެހިލުންވެއޭ މި ބުނީ މީހަކާ ރައްޓެހިވެގެން އުޅުނީމައެއް ނޫން."
"ދެން ކީއްވެ؟"
"މީހުން އެއްޗެހި ކިޔާނެއޭ ހީވަނީ."
"އެހެންވިއްޔާ މާ ރަނގަޅު ގޮތެއް ބުނެފާނަން."
"ކޮން ގޮތެއް؟"
"މިގެއަށް ރަނގަޅު މުދައްރިސަކު ގެންނާނީ."
"ތިޔަހާ އުނދަގޫ ނުއުފުލާ."
"ކާކު ބުނީ އުނދަގުލެކޭ. ބަލަ ތިޔައީ އަހަރެންގެ އަނބިމީހާ. ކަލެއަށްޓަކައި އެވަރުގެ ކަމެއް ނުކޮށްދެވެންވީ ކީއްވެ. އެކަން އުނދަގުލެއް ކަމަކަށް އަހަރެން ނުބަލަން."
ފާރިޝާ ހިތަށް އެރިއެވެ. ދިރިއުޅުން ދެމީހުން އެކުގައި ޙިއްޞާކުރުމަކީ މިއީ ކަމަށް ވާނަމަ، ކޮން ހިތްދަތިކަމެއް ބާވައެވެ؟ އަހަރެންގެ ބޭނުންތަކަށް އޭނާ ވިސްނައެވެ. އަހަރެން ވެސް އޭނާގެ ބޭނުންތަކަށް ވިސްނާނަމަ، ދިރިއުޅުމުގައި ޖެހޭނީ ކޮން ހަމަނުޖެހުމެއް ބާވައެވެ؟ އަހަރެންގެ ދިރިއުޅުން ޢަލީއާއެކު ރަނގަޅު ގޮތަކަށް ގެންދިއުމަށްޓަކައި، އޭނާ އަހަރެންގެ މައްޗަށް އެ ބަހައްޓާ އޯގާތެރިކަން އަހަރެން ވެސް އޭނާއާ މެދު ބަހައްޓާނަމެވެ.
ހެއްލެމުންދާ އުނދޯލީގެ ވަޔާއެކު ފާރިޝާގެ މޫނުމައްޗަށް އެއްލެމުންދާ އިސްތަށިކޮޅެއް ޢަލީގެ އަތުން ރަނގަޅުކޮށްލައިދިނެވެ. އަދި ބުރަކަށީގައި ފިރުމައިލިއެވެ. ފާރިޝާގެ ގައިން ހީބިހިނެގިއެވެ.
އަންހެނެއްގެ ޙަޔާތުގައި އަންނަ އެންމެ މުހިންމު ދުވަސްތަކުގެ ތެރެއިން އެއްދުވަސް ފާރިޝާގެ ދިރިއުޅުމާ ކުރިމަތިލީއެވެ. އެއީ މީހަކާ އިންނަ ދުވަހެވެ. އޭނާ ހުރީ އެއްވެސް މީހަކު ދެކެ ލޯބިވާން ބޭނުންވެފައެއް ނޫނެވެ. އެއްވެސް މީހަކު އޭނާ ދެކެ ލޯބިވާނެނަމައޭ ހިތަށް އަރައިފައެއް ވެސް ނޫނެވެ. އަދި އެއްވެސް މީހަކާއެކު ލޯބީގެ ދައުރެއް ފަށަން ތައްޔާރަކަށް ވެސް ނޫނެވެ. އެހެންނަމަވެސް ކޮންމެވެސް މީހެއްގެ ޙިމާޔަތަށް އެދިއެދިއެވެ. އެއީ އަންހެނުންގެ ލަތީފުކަމާއި އެކަނިވެރިކަމުގައި ޤުދުރަތުން ލައްވައިފައިވާ ބޭނުންތަކުން ބޭނުމެއްކަމަށް ވުން ގާތެވެ. އެހެންކަމުން، ޢަލީ ކަހަލަ މީހަކު، އޭނާއާ އިންނަން އުޅެން ފެށުމުން އެކަމާ ފުރަގަސްދޭން އޭނާ ބޭނުން ނުވީއެވެ. އެއީ ސަލާމަތަށްޓަކައެވެ. ކޮންމެވެސް ގެރެންޓީއެއްގެ ބޭނުމުގައެވެ.
ހެއްލެމުންދާ އުނދޯލި މަޑުވާން ފަށައިފިއެވެ. ހަށިގަނޑަށް ލިބިލިބިހުރި ފިނިކަން ކެނޑި އުދާސްވާން ފަށައިފިއެވެ. އޭނާ ވަނީ ބިރުގެންފައެވެ. އޭނާ ވަނީ ލަދުވެތިވުން ހަނދާންނެތޭ ފަދަ ހާސްކަމެއްގެ ތެރޭގައެވެ. ތަފާތު ފިކުރުތަކުގެ ތެރޭގައި، ހިތަށް އަރައި ފައިބަމުންދާ ކަންތައްތައް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
އަދި ލޮލުގައި ކަރުނައިގެ ތެއްކަން އުފެދިފައިވަނީ ކޮން ސަބަބަކާހުރެ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ. އޮޕަރޭޝަން ތިއޭޓަރުން ނެރުނު ބަލިމީހާ މަޑުމަޑުން ހޭއަރަމުން އަންނަ ގޮތަށް، ވަށައިގެން ހިނގާ ކަންތައްތަކުގެ މައްޗަށް ވިސްނެން ފެށިއެވެ. އިވޭ އަޑުތަކަށް ކަންފަތް ދެވެން ފެށިއެވެ. އިވެނީ ކޮންމެވެސް މީހެއްގެ ގުގުރީގެ އަޑެވެ. ރަނގަޅަށް ވިސްނައިލުމުން އެއީ އޭނާގެ އަލަތު ފިރިމީހާގެ ގުގުރީގެ އަޑުކަން އެނގުނެވެ.
ތެދުވަން އުޅެފައި އުނދޯލި ގުޑޭނައަތީ މަޑުމަޑުން އޮތީއެވެ. ހިތަށް އަރަންފެށީ މިކުރެވުނީ ބުއްދިވެރިކަމެއް ބާވައޭއެވެ؟ މީހަކާ އިނުމަކީ މާ ފަސޭހަ ކަމެއްކަމަށް ގިނަ އަންހެނުންނަށް ހީވިނަމަވެސް މިޒާޖު ނޭނގޭ މީހަކާ އިނުމަކީ، އަންހެނަކަށް މުސީބާތަކަށް ވެދާނެ ކަމެއްކަމަށް ފާރިޝާ ޤަބޫލުކުރެއެވެ. މިހާރު އޭނާގެ ހިތަށް އަރަނީ އިނީ އޭނާ ދަންނަ މީހަކާ ކަމަށްވިޔަސް އޭނާއާމެދު އެއްޗެއް އެނގެނީ ކިހާވަރަކަށް ބާވައޭއެވެ. މީހަކާ ފަރިތަވުމަކުން އޭނާގެ މިޒާޖު އަނެކަކަށް ދަސްވުން ލާޒިމެއް ނޫނެވެ. އެއް ގޭގައި އުޅުމަކުން، އެކަކު އަނެކަކު ރަނގަޅަށް ދަސްވުމަކީ މާފަސޭހަ ކަމެއް ނޫނޭ މިހާރު ފާރިޝާގެ ހިތަށް އަރައެވެ. ކޮންމެއަކަސް މިއޮތީ ދިރިއުޅުން ފެށިފައެވެ. ދެން އޮތީ ކުރިޔަށް ދިއުމެވެ. ދެނެގަތުމާއި ދަސްކުރުމަކީ ކުރިޔަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމެކެވެ. ޝައްކުކުރެވެނީ އޭނާގެ ފިރިމީހާއާއެކު ދިރިއުޅުން ޙިއްޞާކުރެވިދާނެ މިންވަރަކާ މެދުގައެވެ. ޝައްކު އުފެދެން މެދުވެރިވި ސަބަބުތައް ވަނީ އޭނާގެ ސިކުނޑީގެ ފުރަގަހުގައެވެ. ދުލުކުރިޔަކަށް ނާދެއެވެ. ބުނެދޭކަށް ނޭނގެއެވެ.
ޢަލީގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ކެޕްޓަން އަހައިލިއެވެ.
"ކަލެއަށް ވީ ކީއްތަ؟"
ޢަލީ އިސްދަށަށް ޖެހިއެވެ. ކެޕްޓަން އޭނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ. ޢަލީ ފެންކަޅިވާގޮތް ވިއެވެ. އިސްއުފުލައިނުލައި ހުރެފައި ބުންޏެވެ.
"އަހަރެންގެ މަންމަ މަރުވެއްޖެ."
ކެޕްޓަން އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ބުންޏެވެ.
"އަހަރެން ހިތާމަކުރަން! ހިތްވަރުގަދަކުރޭ!"
ޢަލީ އެއްޗެއް ނުބުނެ ހުރީމައި، އޭނާގެ ކޮނޑުގައި އަތްޖައްސައިލައިފައި ބުންޏެވެ.
"ހިނށގާ މަށާއެކީ."
ޢަލީ އެއްޗެއް ނުބުނެ އޭނާއާއެކު ކެޕްޓަންގެ ކޮޓަރިއަށް ދިޔައެވެ. ކެޕްޓަން ދެއްކި ގޮނޑިއެއްގައި އިށީނިމުން، ރާފުޅިއެއް ގެނެސް ކައިރީގައި ހުރި މޭޒެއްގައި ބެހެއްޓިއެވެ. ޢަލީ ބުންޏެވެ.
"އަހަރެން ނުބޯނަން."
"ކަންބޮޑުނުވޭ. ފިކުރުތައް ފުހެލާ."
ޢަލީ ނޫނެކޭ ބުނެފައި، ހިތަށްއެރިއެވެ. ތިޔައިން ފިކުރުތައް ފުހެލައިދެނީ ކާކުގެހެއްޔެވެ؟ ނޫނީ އިންސާނާގެ އަގުވައްޓައިލަދެނީހެއްޔެވެ؟ ތިޔަ ބޮއިގެން އުޅޭ މީހުންގެ ޙާލު އަހަރެން ދެކެފީމެވެ. ކޮންމެ ކަމެއް ކުރިޔަށް ތިޔަކަމަކަށް ސަލާމެވެ. ގާތްތިމާގެ މީހަކު މަރުވާ ކޮންމެ ފަހަރަކު ރާބޯންވީހެއްޔެވެ؟
އަހަރެންގެ މަންމައަކީ ވަރަށް އޯގާތެރި ނިކަމެތި ކުޑަކުޑަ އަންހެނެކެވެ. އޭނާއަކީ އަހަރެން ބަލައި ބޮޑުކުރުމުގެ ވާޖިބު އުފުލި މީހެއް ނޫނެވެ. އަހަރެން ދުނިޔެއަށް އައުމަށްފަހު ހަނދާން ހުންނަން ފެށީއްސުރެ އުޅުނީ އެކަނިމާ އެކަންޏެވެ. އަހަރެންގެ މަންމަ މަރުވުމުން ހިތާމަކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އަހަރެން މި ދުނިޔެއަށް އުފަންވުމުގައި މެދުވެރިޔަކީ އޭނާއެވެ. ވީމާ، އޭނާއާމެދު އޯގާތެރިކަމާއި ކުލުނު އަހަރެންގެ ހިތުގައި ވެއެވެ. މަންމައެއް މި ދުނިޔެއަކުން ދެނެއް ނުލިބޭނެއެވެ. އެކަމާ ދެރަވެއެވެ. އަދި އަހަރެންގެ ފުށުން ލިބެންޖެހޭ އެހީ ނުދެވިއުޅެނިކޮށް މި ދުނިޔެއާ ވަކިވިކަން އެނގި އެކަމާ ލަދުވެތިވެ، ދެރަވުމެވެ. އެހެން ކަންތައްތައ ކުރެވުނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެ ސަބަބަކީ އަހަރެންގެ މައްޗަށް އޯގާތެރިކަމާއި ހަމްދަރުދީއާއި ލޯބި ނުލިބުމުން އަހަރެން ބޮޑުވެފައިވަނީ ހިތްހަރު، ގޮތެއް ނެތް މަސްގަނޑެއްގެ ސިފައިގައެވެ. ފުރިހަމަ އިންސާނެއްގެ ގޮތުގައެއް ނޫނެވެ.
ކެޕްޓަން އަހައިލިއެވެ.
"ގައިމުތަ. ނުބޯނަން."
(ނުނިމޭ)