ދިރިއުޅުމުގެ ރަހަތައް - 16

(8 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފޯނު ކެނޑުމުން، ފާރިޝާ ހިތަށްއެރިއެވެ. އޭނާ ހައިކަލާމެދު ވިސްނާ ނަޒަރުން ހައިކަލް އޭނާއާ މެދު ވިސްނައިފާނެބާވައެވެ.؟ މިހެން ހިތަށް އަރައިފައި ހިތަށްއެރިއެވެ. "އަހަންނަށް ހައިކަލާ މެދު ވިސްނެނީ ކޮން ނަޒަރަކުން ބާވައެވެ؟" ހެމުން ހެމުން ފާރިޝާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ގެންގުޅޭ ކުމާރީއަށް ގޮވައިލައިފައި ރޭގަނޑު ނުކާނަމޭ ބުންޏެވެ.

ފާރިޝާ ބެލީ އޭނާ ލާނެ ހެދުމަކަށެވެ. ހެދުންތައް އަލަމާރިން ނަގަމުން، ގައިގައި ޖައްސަމުން، ލޯގަނޑުން ފަރިބަލަމުން ގެންދެއެވެ. އައު ހިތްއަވަސްވުމެއްގައި ހުރެވޭ ކަހަލައެވެ. އައު މަންޒިލަކަށް ފޯރަން އުޅޭކަހަލައެވެ. ނޫނީ އައު ދުވަހަކަށް އިރަށް ދޮންކުރާތީ ޚިޔާލީ ޖައްވަށް އަރާ ކުލަތައް ބާވައޭ ހިތަށްއެރިއެވެ.

އޭނާ ޤަޞްދުކުރީ ފާސްކުރި ހެދުމެއް ލާށެވެ. އޭނާއަށް ނޭގިނަމަވެސް އޭނާއަށް މި ދެވެނީ ކޮންމެވެސް މީހެއްގެ މައިންބަފައިންގެ ރުހުން ލިބޭތޯ ކަމަށް އިޙްސާސްވިއެވެ.

ޓިއުޝަން ދޭން އަންނަ ޓީޗަރު ފާރިޝާގެ ފޮތް ބަލައި ނިންމައިލައިފިއެވެ. އަދި ބުންޏެވެ.

"ވަރަށް އުފައުކުރަން. މަސައްކަތް ވަރަށް ރަނގަޅު."

އެ ފޮތް ބާއްވައިފައި އެހެން ފޮތެއް ނަގަމުން، ޓީޗަރު ބުންޏެވެ.

"ފާރިޝާ އަހަރެން ވަރަށް ދެރަވަން ޢަލީ މަރުވީމާ. މިހާރު އަމިއްލަ ޙާލު ރަނގަޅުތަ؟ ކަންތައްތައް ހަމައަކަށް އެޅިއްޖެތަ؟"

ފާރިޝާ ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ބުންޏެވެ.

"ހުރިހައި ކަމެއް ރަނގަޅެއް ނޫން. އެކަމަކު، މިދަނީ ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލަމުން. އައު އުންމީދެއްގެ ހުޅުކޮޅު އަނދިރިކަމުގެ ތެރެއިން އެބަފެނޭ. އަދި ވަރަށް ދުރު. ރަނގަޅުވާނެ ކަމަށް ފެންނަނީ."

ޓީޗަރު ފާރިޝާގެ ވާހަކަ އަޑުއަހަން އިންއިރު ހިތަށް އަރަމުން ދެއެވެ. މިއީ ހާދަހައިވާ ހިތްވަރުގަދަ އަންހެކެވެ. މީނާއަކީ ޙަޤީޤަތުގައި ވެސް ދިރުއުޅުމާ ހަނގުރާމަކުރާ މީހެކެވެ. ފާރިޝާއާ ދިމާއަށް އޭނާ ބުންޏެވެ.

"ފާރިޝާގެ ހިތްވަރަށް އަހަރެން ތާރީފްކުރަން."

ފާރިޝަ އިނގިރޭސި ބަހުން ބުންޏެވެ.

"އަހަރެން މީ ހަނގުރާމަވެރިއެއް. އަހަރެންގެ ވާޖިބަކީ އަންނަ ކޮންމެ ޙަމަލާއަކުން ދިފާޢުވަމުން ކޮންމެ ހަނގުރާމައެއް ފަތަޙަކުރުން. އެއްކަލަ ދުވަހު ކަލޭ ބުނީ ރަނގަޅަށް. މި ދުނިޔޭގައި ކަންކަމާ ކުރިމަތި ނުލަންޏާ ޖެހޭނީ އަބަދުވެސް ބަލި ޤަބޫލުކުރަން. އެހެންވީމާ، އަހަރެންގެ ޙަޔާތް، އަހަރެން ބޭނުންވާ ގޮތަށް ހޭދަކުރަން ބޭނުން."

ޓީޗަރު ބުނީ ރޫޙަކަށް ވާންވާނީ އެގޮތް ކަމަށެވެ. މިހެން ބުނެފައި ހިނިތުންވެލިއެވެ. މި ސާދާ ވާހަކަކޮޅަށްވުރެ ގިނަ ވާހަކަތައް އަނގައިން ނުބުނެ، ޓީޗަރާ ފާރިޝާ ދައްކައިފިއެވެ. ޙާލަތާއި އެ ޙާލަތަށް ފެތުމަކީ ކޮބައިކަން ބުނެދީ ނިމިއްޖެއެވެ. އެހެންކަމުން، މިއިން އެނގެނީ، ދެމީހަކު ދައްކާ ވާހަކައަކުން ބަދަކުކުރެވޭ މެސެޖަށްވުރެ މޫނަށް އަންނަ ކުލަތަކުންނާއި ރާގުގައި ހުންނަ ބަނޑިތަކުން ދެވޭ މެސެޖް މާގިނަކަމެވެ.

ޓެކްސީއަށް ފާރިޝާ އަރަމުން ފޯނުކޮށްފައި "މި ދަނީއޭ" ހައިކަލް ގާތުގައި ބުނުމާއެކު، ގޭގެ ދޮރޯށިދޮށަށް ނިކުމެ ހުއްޓެވެ. ކައިރިވަމުން އަންނަ ކޮންމެ ކާރަކީ އެ ކާރުކަމަށް ބެލެމުން ދިޔައެވެ. އެންމެ ފަހުން ޓެކްސީއެއް މަޑުކޮށްލައިފިއެވެ. ހައިކަލް ފަހަތު ދޮރު ހުޅުވައިލުމުން ކާރުން އެ ފޭބީ ފާރިޝާއެވެ. ފާސްކުރި ހެދުމުގައި ހުންނައިރު ތަންކޮޅެއް ދިގުހެން ހީވެއެވެ. ނޫނީ އެއީ އަރައިގެން ހުރި އުސް ފައިވާނުގެ ސަބަބުން ހީވާގޮތެއް ކަމަށް ވެސް ވެދާނެއެވެ.

ކާރުން ފައިބައިފައި ހައިކަލްގެ މޫނަށް ބަލައިލައިފައި، އަދި އެއަށްވުރެ ވެސް ޖަޒުބާތީ ހިނިތުންވެލުމަކުން ހައިކަލަށް ރައްދުދިނެވެ. ފާރިޝާ ދޮރޯށިން ވަނީ ހައިކަލް ދޮރޯށި ހުޅުވައިލަދިނީމައެވެ. އެތެރެއަށް ވަނުމުން، ހައިކަލް ބުންޏެވެ.

"ޝުކުރިއްޔާ!"

މިހެން ބުނުމުން ފާރިޝާގެ އަތުގައި އޮތް ކުޑަކުޑަ ޕާރުސަލް ހައިކަލަށް ދިއްކޮށްލިއެވެ.

"ކުޑަކުޑަ ހަދިޔާއެއް."

ހައިކަލް އެ ހަދިޔާގައި ހިފަމުން ޝުކުރު އަދާކުރިއެވެ. އެކަކު އަނެކަކު އަތުގައި ހިފައިލަން އުޅެފައި މޫނަށް ބަލައި ހީނލައިފައި ގޮސް ގެއަށް ވަނެވެ. އޭރު ހައިކަލްގެ މަންމަ ބޮޑުކޮޓަރީގެ މެދުގައި ހެވިފައި ހުއްޓެވެ. ހައިކަލް މަންމައާ ދިމާއަށް ބުންޏެވެ.

"މަންމާ. މި ހުރީ ފާރިޝާ. ފާރިޝާ މިއީ އަހަރެންގެ މަންމަ."

ފާރިޝާ ދެފައި އޮޅެމުން ކަހަލަ ގޮތަކަށް މަންމަ ގާތަށް ގޮސް، އަތްދިއްކޮށްލައި ސަލާންކޮށްލިއެވެ. ހައިކަލްގެ މަންމަ ފާރިޝާ ތަންކޮޅެއް ގާތަށް ގެންގޮސް ދެކޮލުގައި ދޮންދިނެވެ. އެ ވަގުތު ފާރިޝައަށް ކުރީ ހިތިހިތ ކަރުނައިގެ ފޮނި އަސަރެކެވެ. ހައިކަލްގެ މަންމައަށް ކުރީ އުންމީދު އާވާފަދަ ދިރިއުޅުން ފުރިހަމަވާފަދަ އުންމީދީ އިޙްސާސްތަކެކެވެ.

މިއީ ވަރަށް ފަރާތު ދެ އަންހެނުންނެވެ. އެކަކީ ދަރިޔަކު ދެކެ ވީ ލޯބިން އެ ދަރިފުޅު އަމިއްލަ އަތުން ހަލާކުކޮށްލެވިފައި ވަނިކޮށް އެ ދަރިފުޅު އައު ދިރުމަކުން ދިރި، އައު ދުނިޔެއަކާ ކުރިމަތިލީތަން، ހިތްހަމަޖެހިފައި ބަލަން ހުރި މައެކެވެ. އޮތް ޝަކުވާއަކީ އެ ދަރިފުޅުގެ ޙަޔާތުގެ ފުރިހަމަނުވެ އޮތް ބައި ފުރިހަމަކުރާ ދުވަހަކަށްޓަކައި ކުރާ އިންތިޒާރު ދިގުވާތީ ކުރާ ޝަކުވާއެވެ. އާނއެވެ. ދެން ހުރި އަންހެނަކީ، އަނަހެނުންގެ ކެކުޅުންތަކާއި ވޭންތައް ދެކެމުން އެ ކަންތައްތަކުގެ ރަހަ އަމިއްލައަށް ބަލަމުން އައި އަންހެނެކެވެ. ފާއިރުވިތަން ފުހެލައި އައު ޞަފުޙާއަކުން ފަށަން އެދިއެދި، ކެތް މަދުވެފައިވާ ހިތެއްގެ ވެރިއެކެވެ. ހައިކަލަށްޓަކައި މި ދެ އަންހެނުންގެ ހިތުގައި ވެސް ވަނީ ލޯތްބެވެ. އެކަކު މަންމައެއްގެ މައިލަގޮނޑިން އުފެދޭ ލޯތްބަށް ވާއިރު، އަނެކަކު ހައިކަލް ދެކެ ވަނީ، ލޯތްބޭ ނުކީނަމަވެސް އޭނާ ގުޅުމުގެ އުންމީދުން ކެކި އުތުރިއަރަމުންދާ ފާޅުނުކޮށް އޮތް ޖަޒަބާތީ ލޯތްބެވެ.

މަންމަ އާއި ފާރިޝާ އެކަކު އަނެކެއްގެ ކުރިމަތީގައި ގަނޑުވެފައި ތިބިހެން ހީވެގެން އެ އައިސް ކަނޑުވާލަން ހައިކަލް ބޭނުންވިއެވެ.

"މަންމާ! ބައްޕަ ކޮބައިތަ؟"

ޖަވާބުގައި މަންމަ ބުންޏެވެ.

"މިހާރު ދުރުވާނެ."

ހައިކަލްގެ މަންމަ އެހެން ބުނި ވަގުތު، އިސްޓޭޖަށް އެރުމުގެ އަމުރުދިނުމުން އަންނަ ފަދައިން ހައިކަލްގެ ބައްޕަ ތަންކޮޅެއް ދުރުގައި ހުރި ދޮރަކުން ނިކުމެގެން ކާމޭޒާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ.

ފާރިޝާ ކުޑަކޮށް ޖެހިލުންވިއެވެ. ފުރަތަމަ ގޮނޑި ފަހަތަށް ޖައްސައިލައިފައި ތެދުވީ ފާރިޝާއެވެ. އެއަށްފަހު ހައިކަލެވެ. ދެން ހައިކަލްގެ މަންމަ ތެދުވިއެވެ. ހައިކަލްގެ ބައްޕަ އިޝާރާތުން އިށީނުމަށް އެންގެވިއެވެ.

ހައިކަލް އަވަހަށް ބައްޕަ ގާތަށް އައިސް ފާރިޝާ ތަޢާރުފްކޮށްދިނެވެ.

"ބައްޕާ! މިއީ ފާރިޝާ. އަޅުގަނޑު ދަޢުވަތު ދީގެން މިރޭ ކާން ގެނައީ."

ހައިކަލްގެ ބައްޕަ އިތުރު އެއްޗެއް ނުބުނެއެވެ. ފާރިޝާ އާ އަރައި ހަމަވެފައި ސަލާންކޮށްލިއެވެ. އިށީންނާށޭ ބުންޏެވެ. ހައިކަލްގެ ބައްޕަ ގޮސް ކާމޭޒުގެ ކޮޅުގޮނޑީގައި އިށީނުމުން އެހެން މީހުން އިށީނދެއްޖެއެވެ.

ހައިކަލްގެ ބައްޕަ ބުންޏެވެ.

"ރައްޓެއްސަކު ކާން ގެނައި އިރު އޭނާއަށް ކަމުދަނީ ކޯއްޗެއްތޯ އަހައިލިންތަ؟"

އެ ސުވާލަށް ޖަވާބު ދިނީ ހައިކަލެއް ނޫނެވެ. ފާރިޝާއެވެ. އޭނާ ބުންޏެވެ.

"އަޅުގަނޑަށް ރަނގަޅު ނޫން އެއްޗެއް މަދުވާނެ. ކެއުމުގެ މާ މާބޮޑު މައްސަލަތަކެއް ނޯންނާނެ."

ހައިކަލްގެ ބައްޕަ ބުންޏެވެ.

"ތިޔައީ އަހަރެންގެ ގޮތަކީ ވެސް."

ހައިކަލްގެ މަންމަ ތަށިތައްޓަށް އެއްޗެހި އަޅައިދޭން ފެށިއެވެ. ހައިކަލްގެ ބައްޕަ ސުވާލުކުރިއެވެ.

"ހައިކަލް. ކިހިނެއްތަ ފާރިޝާގެ މައްސަލަ ކުރިޔަށްދަނީ."

"ރނގަޅު. އަޅުގަނޑު ވަރަށް ހިތަހަމަޖެހޭ." ހައިކަލްގެ ބައްޕަ ހިތުން އަމިއްލައަށް ބުންޏެވެ. ބައްޕަ ވެސް ވަރަށް ހިތަހަމަޖެހެއެވެ. ބަލައިލަން ހުތުރެއް ނޫނެވެ. ހެދިހުރި ހަށިގަޑެކެވެ. އިސްކޮޅުން ދިގު ނޫނަސް އެހައި ކުރެއް ނޫނެވެ. ސާބިތުކަމާއި ހަރުދަނާކަމުގެ ކުލަވަރު މޫނުމަތިން ދައްކުވައިދެއެވެ. އޭނާގެ މާޒީ އެއީ ބެހެން ބޭނުންވާ ފަޅިއެއް ނޫނެވެ. ދަރިފުޅަށް ކަމުދަންޏާ ބައްޕައަށް އެންމެ ރަނގަޅެވެ. ހައިކަލްގެ ބައްޕަ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުގެ "އަޑު" އިވުނުކަހަލައެވެ. ހައިކަލްގެ މަންމަ ހިތާހިތާ ބުނެލެވުނެވެ. ހައިކަލް ދޮށިވަމުންދާތީ މަވެސް މި ހުންނަނީ ކަންބޮޑުވެފައެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔަކު ހޯދަން އުޅޭކަމަކަށް ނުފެނެއެވެ. އެކަމަކު، މި ފާރިޝާއަކީ އޭނާގެ ވަރަށް ޚާއްޞަ ކުއްޖަކީތާއެވެ. އެހެންވީމާ އެކުއްޖާ ވާނީ އަހަރެމެންގެ ވެސް ޚާއްޞަ ކުއްޖަކަށެވެ.

ފާރިޝާ ލަސްލަހުން އެތިކޮޅުކޮޅުން ކަމުން ހައިކަލްގެ މަންމައަށް ބަލައިލާ ފަހަރުފަހަރު ހިތަށްއަރައެވެ. މި ދެމީހުން އަހަންނާމެދު އެބަ ވިސްނައެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް އަހަރެންގެ ހަޔާތުގެ ސަމުގާގެ ކަށި ހުއްޓިފައިވާ ގަހާއަކީ ހައިކަލެވެ. އޭނާ ލޯބި ހުށައެއް ނާޅައެވެ. ވަކީލެއްކަމަކު ޖެހިލުންވަނީއެވެ. އަދި ވިސްނަނީއެވެ. އޭނާއަށް ވަގުތު އެބައޮތެވެ. އަހަރެން ވެސް މި ހުރީއެވެ.

ހައިކަލްގެ މަންމަ އަނެއްކައިވެސް ފާރިޝާއަށް ކާއެއްޗެހި އަޅައިދޭން އުޅުނެވެ. އެކަން ފާރިޝާ ހުއްޓުވިއެވެ. ހައިކަލްގެ މަންމަ އަހައިލިއެވެ.

"އެހައި ގަޔާވާ ކެއުމަކަށް ނުވީދޯ؟"

ފާރިޝާ ބުންޏެވެ.

"އަޅުގަނޑަށް ވަރަށް ކަމުދޭ. ރޭގަނޑު ތަންކޮޅެއް  މަދުން ކާތާ ދުވަސްކޮޅެއް ވެއްޖެ."

ހައިކަލް ބައްޕަ ބުނުއްވިއެވެ.

"މެންދުރު ކެއުން ލުއިކޮށްފައި ރޭގަނޑުގެ ކެއުން ބަރުކޮށްލާށެކޭ ނޫންތަ ބުނަނީ."

"ހައިކަލް މަޑުން ނީނދެވިގެން ބުންޏެވެ.

"އެކި މީހުންގެ އާދަ ހުންނާނީ އެކި ގޮތަށް. އަޅުގަނޑަށް ވެސް ހީވަނީ ގިނަ މީހުންނަށް ރޭގަނޑު ގިނައިން ކޭމާ ނިދަން އުނދަގޫވޭހެން."

ހައިކަލް މަންމަ ހިތަށް އެރިއެވެ. ނިކަން ބަލައިބަލާށެވެ. ހައިކަލް އެ ޖެހިލީ ބައްޕަގެ ކޮޅު ދޫކޮށް ފާރިޝާގެ ފަރާތަށެވެ. އަހަރެންގެ ދަރިފުޅަށް އެ އުޅެނީ ލޯބިވެވިގެންނެވެ.

ހައިކަލް އަހައިލިއެވެ. "މަންމަ އެއްޗެކޭ ބުނިންތަ؟"

"ނޫން. ނުބުނަން. މަންމަ އަހައިލަން ބޭނުންވަނީ ފާރިޝާ މިހާރު ކުރަނީ ކޮން ކަމެއްހޭ؟"

ފާރިޝާ ބުންޏެވެ.

"އަޅުގަނޑު ކިޔަވަނީ."

ބައްޕަ: "ތިޔައީ ވަރަށް ރަނގަޅު ކަމެއް. ތަނަކަށް ގޮސްގެންތަ؟"

އެ ސުވާލަށް ޖަވާބު ދިނީ ހައިކަލެވެ.

"ފާރިޝާ ކިޔަވަނީ މީހަކު ގެއަށް ގެނެސްގެން."

މީނާ ވަކާލާތުގެ ކަންތައް ކޮށްދިނުމަށްވުރެ ބޮޑަށް، ފާރިޝާގެ ވަނަވަރުވެސް މިވަނީ ދަސްކޮށްފައޭ ހައިކަލްގެ ބައްޕަ ހިތަށްއެރިއެވެ. އަދި ބުންޏެވެ.

"ކިޔަވަންވާނީ އެކަމަށް އަމިއްލަ ނަފުސުން ބޭނުންވެގެން. ނިކަން ބައިބަލަ! ހައިކަލް! އޭނާ އަމިއްލައަށް ފެނިގެން އަމިއްލަ ހިއްވަރުން ކިޔަވައިފައި އެ ހުރީ. ރަނގަޅު ގޮތަކީ އެއީ."

ފާރިޝާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ކިޔަވާހިއްވޭ. ކުޑައިރު އެ ފުރުޞަތު ނުލިބުނީ. އެހެންވެގެން މިހާރު އެހައި ހިއްވަރު މި ކުރަނީ."

ހައިކަލް ބައްޕަ ބުންޏެވެ.

"ތަޢުލީމަކީ ނިމުމެއް ނެތް އެއްޗެއް. ކިޔަވަންވީ. އަމިއްލަ ހިއްވަރު ހުރިއްޔާ ކުރިޔަށް ދާންވީ."

ފާރިޝާ ބުންޏެވެ.

"އަޅުގަނޑު ދެކެނީ އިންސާނާ ފުރިހަމަ މީހަކަށް ހަދައިދެނީ ތަޢުލީމުންކަމަށް."

ފާރިޝާ އެ ބުނީ ބަރާބަރު ވާހަކައެކޭ ހައިކަލް ބައްޕަ ބުންޏެވެ.

ހައިކަލް ގަޑި ބަލައިލައިފައި

"ލަސްވެސް ވަނީ."

ފާރިޝާ ކޮޅަށް ތެދުވިއެވެ.

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.