(7 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފާރިޝާ: "އެހެންތަ؟ އޭނާ ދުނިޔޭގައި ހުރިއިރު ތިޔަ ބޮޑުބޭބެއެއް ނުފެނޭ. އޭނާ މަރުވީމައި އޭނާގެ މުދަލާ ޙަވާލުވާންޖެހޭނެކަން އެނގޭއިރު، އޭނާއާ ގާތްތިމާގެކަން ނުބޭއްވީ ކީއްވެ؟"
ޙަސަން މަނިކު: "އަހަރެން ދިރިއުޅެނީ ވަރަށް ދުރުގައި. އެހެންވެ ގުޅުން ކެނޑިފައި އޮތީ."
ފާރިޝާ: "ތިޔަ މައްސަލަ ޝަރީޢަތަށް ހުށަހަޅަންވީނު." ތަރިކައިގެ މި ކަހަލަ މައްސަލަތައް ނިންމަންޖެހޭނީ ޝަރީއަތުން."
ޙަސަން މަނިކު: "ތިޔަ ބުނީ ތެދެއް. އެކަމާ އަހަރެން އުޅޭނަން."
ފާރިޝާ: "އަވަހަށް އުޅޭ."
ފާރިޝާ މި ކުރު ޖަވާބު ދީފައި އެތެރެއަށް ވަންނަން ހިނގައިގެންފައިމެ، އަނެއްކާ ޙަސަން މަނިކާ ދިމާއަށް އެނބުރުނެވެ.
ފާރިޝާ: "ޢަލީގެ މަންމައަށް ޢަލީ ނުބެލެހެއްޓިގެން ޢަލީ އިޞްލާޙިއްޔާއަށް ފޮނުބައިލިއިރު، ތިޔަ ބޮޑުބޭބެ އުޅުނީ ކޮންތާކު؟"
ޙަސަން މަނިކު: "ރަށުގައި. އޭރު އަހަރެމެންގެ ޙާލު ހުރީ ވަރަށް ދެރަކޮށް. މީހަކަށް އެހީއެއް ވެދެވޭ ވަރުގެ ތަނަވަސްކަމެއް ނުހުރޭ."
ފާރިޝާ: "އެހެން ދޯ."
މިހެން ބުނެފައި ފާރިޝާ އެތެރެއަށް ހިނގައިގަތެވެ. ޙަސަން މަނިކު ހިތަށްއެރިއެވެ. މިއީ އަދި އެހައި ފަސޭހަކޮށް ވާނެކަމެއް ނޫނެވެ. ވަކީލުން އެކިޔާ ފީ ދީގެން މިކަމުން މަށަށް އޮންނާނީ ކޯއްޗެއް ބާވައެވެ.
ފާރިޝާ ބިއްލޫރި ދޮރު ކަހައިލައިފައި ހައިކަލް އެންޑް ސޮލިސިޓާރސް ގެ އޮފީހަށް ވަނެވެ. ވަދެވުނީ، ކުޑަކުޑަ ރިސެޕަޝަނަކަށެވެ. ހާސްވެ ކަންބޮޑުވެފައިވާ މީހަކަށް ހަމަޖެހުން ގެނެސްދޭ ފަދަ ތަނެކެވެ. ފާރުގައި ހިއްޕައިފައިވާ ކަރުދާހާއި އަޅައިފައިވާ ދޫލަ އާއި މަޑުކޮށްލައިގެން ތިބޭ މީހުންނަށް ބަހައްޓައިފައި ހުރި ގޮނޑިތަކުން ހިތަށް ފިނިކަން އިޙްސާސްކުރުވައެވެ. ފާރިޝާ އައި ބޭނުން ބުނުމާއެކު، މަޑުކޮށްލާށޭ، ބުނުމުން އެ ތަނުން ގޮނޑިއެއްގައި ފާރިޝާ އިށީނދެލިއެވެ. ގޮނޑި ވަރަށް ފަސޭހައެވެ. ބުރަކަށި ޖައްސައިލަން ހުރި ބައި އަދި މާ އަރާމެވެ. ތަނުގައި ހުރި ފަނޑުފަނޑު އަލީގެ ސަބަބުން، އެއަރކޮންޑިޝަންގެ ފިނިކަމުގެ އިތުރަށް ލޮލަށް ވެސް ފިނިކަމެއް ގެނެސްދެއެވެ.
އިރުކޮޅަކުން، ޔުނީފޯމެއް ކަހަލަ ހެދުމެއްގައި ހުރި ކުއްޖަކު އައެވެ. ފާރިޝާގެ ނަން އޮޅުންފިލުވުމަށްފަހު، އޭނާ ގޮވައިގެން އެތެރެއަށް ވަނެވެ.
މަޑުކޮށްލައިގެން އިން ތަނުން ދެން ވަދެވުނީ ބޮޑު ހޯލަކަށެވެ. ތިރިތިރި ބިއްގަނޑުތަކުން ބައިކޮށްފައި ހުރިނަމަވެސް ކާރުޚާނާއެއް ހެން ޙަރަކާތްތައް ހިނގައެވެ. ފައިލުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ފޯނުވާ އަޑާއި ކޮމްޕިއުޓަރުން ތައިޕްކުރާ އަޑާއި ތަނުގައި ހުރި އަލިކަމާއި ދޮރުތަކުގައި ހުރި ބުލައިންޑްތަކުގެ ސާދާކަމާއި މުޅި ތަނުގެ ކުލައިން، ވަދެ އިނދެލަން ވެސް ހިންގައިމު ތަނެއްކަމުގައި އިޙްސާސްވިއެވެ.
ފާރިޝާ ގެންގޮސް ވެއްދީ، ހޯލުގެ އެއްކޮޅުގައި ހުރި ކޮޓަރިއަކަށެވެ. އެ ކޮޓަރީގެ ކޮށިބިއްލޫރި ދޮރުގައި ހުރި ނަންބޯޑުގައި "ޑރ. މުޙައްމަދު ހައިކަލް، އެޓާރނީ އެޓް ލޯ" މިހެން ޖަހައިފައި އޮތެވެ.
އެތެރެއަށް ވަނުމާއެކު، ބޮޑު މޭޒެއްގެ އެއް ފަރާތެއްގައި އިން، ފްރެންޗް ތުނބުޅިއެއް ހުރި، ރީތި ފިރިހެނަކު، އޭނާ އަޅައިގެން ހުރި އައިނު މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޅަށް ތެދުވެގެން އައިސް، ތިޔައީ ފާރިޝާތޯއޭ، އޭނާގެ ނަމަކީ ހައިކަލް އޭ ބުންޏެވެ. ސަލާންކޮށްލިއެވެ. އަތް ދޫކޮށްލާން ނޫޅެ ހިފަހައްޓައިލައިގެން ތިބެފައި، އެއްފަރާތެއްގައި ހުރި ގޮނޑިސެޓާ ދިމާއަށް އަތްދިއްކޮށްލިއެވެ.
ފާރިޝާ ލައިގެން ހުރި ކުރުތާ ޕައިޖާމާ ހެދުން ރަނގަޅުކޮށްލަމުން ހައިކަލް ދެއްކި ގޮނޑީގައި އިށީނދެލިއެވެ. ފާރިޝާގެ ހިތަށް އައު އުފައުވެރިކަމެއް ވެރިވިއެވެ. މި ކަންބޮޑުނޫން ސާދާ މިޒާޖުގެ ފިރިހެނާ އިނދެގެން އުޅޭ އަންހެނަކީ ވެސް ވޭނެއް އުފުލާނެ އަނަހެނެއް ބާވައޭ ހިތަށްއެރިއެވެ.
ހައިކަލްގެ ހިތަށް އަރަމުން ދިޔައީ މިއީ ހަމަ ތާޒާ ޅަ އަންހެނެކެވެ. މީހަކަށް ވިހައެއް ދިނުމުގެ ކުޅަދާނަކަން މީނާގައި ހުރެދާނެ ބާވައެވެ. ފާރިޝާގެ ހަމުގެ ކުލައަށާއި ބޮލުގެ އިސްތަށިގަނޑަށާއި އަޅައިގެން އިން ހެދުމަށް ބަލައިލިއެވެ. ހައިކަލް އެންމެ އަޅައިގަތީ ފާރިޝާގެ ފައިތިލައިގައެވެ. އިނގިލިތައް ދިގެވެ. ނިޔަފަތިތައް ސާފެވެ. ހުރީ ރީއްޗަށް ކަނޑައިފައެވެ. ކުލައެއް ޖައްސައިފައެއް ނެތެވެ. ފައިތިލައިގެ ސާފުކަމާއި ހަމުގެ އޮމާންކަމާއި ލޯޝަނެއްގެ ސަބަބުން ނަމަވެސް ހަމުގައި ހުރި ތާޒާކަމަށް ވިސްނައިލިއެވެ. ވަރަށް ގަޔާވެފައި، ފުން ނޭވާއެއް ލައިފައި ދެމީހުންގެ ވާހަކަ ފެށިއެވެ.
ސީރިއަސް މައްސަލައަކާ ބެހޭގޮތުން ދެމީހުން ވާހަކަދެއްކީ، ކުޑަވެސް ސީރިއަސް ކަމެއް ނެތިއެވެ. އަލަށް ފެނުނު ދެމީހުން ހެނެއް ހިޔެއްނުވެއެވެ. ދެމީހުންގެ މޫނުމަތީގައި ވެސް ހުރީ އުފައުވެރިކަމެވެ. އެކަކު އަނެކަކަށް އަންގައިދޭން ބޭނުންވަނީ، ކަލެއަކީ އިތުބާރުކުރެވިދާނެ ކަހަލަ ރައްޓެއްސެއްކަމަށް ޤަބޫލުކުރަމޭ ބުނާކަހަލަ އަސަރުތަކެކެވެ.
އޮފީހުން އައިސް ނޫސްކިޔަން ބޮޑުކޮޓަރީގައި އިން ޚާލިދު ޢަލީ ދީދީ ގެ ލޮލުގައި އަޅައިގަތީ ފިރިމީހާ މެރިކަމުގެ ތުހުމަތުގައި ތަޙްޤީޤު ހިންގަން ފެއްޓި އަންހެންކުއްޖެއްގެ ވާހަކައެވެ. އެ ކުއްޖާގެ ނަމާއި ޢާއިލާގެ މައްޗަށް ބަލައިލައިފައިވާ ޚަބަރު ކިޔަމުން ގޮސް، ޝަރީފާ ދީދީ ގެ ނަމާހިސާބުން ހުއްޓުންއެރިއެވެ. މިއީ ޚާލިދު ޢަލީ ދީދީމެންގެ ޝަރީފާ ދީދީ ނޫންބާވައޭ ހިތަށްއެރިއެވެ. ޝަރީފާ ދީދީއާ ކުރިމަތިވި ސިޔާސީ މައްސަލައިގެ ވާހަކަ އާއި އޭނާ މި ދުނިޔެ ދޫކޮށް ދިޔަގޮތުގެ ވާހަކަ ލިޔެފައިވާތީ ޚާލިދު ދީދީއަށް ޔަޤީންވީ މި ފާރިޝާއަކީ އޭނާގެ ޢާއިލާއަށް ނިސްބަތްވާ ކުއްޖެއްކަމެވެ. ޒަމާންތަކެއް ފާއިތުވެ ގޮސްފައިވާތީ މި ކުއްޖާއާ ބައްދަލުވާން ދާން ފަސްޖެހުނެވެ. އެހެންނަމަވެސް ޝަރީފާ ދީދީގެ މަތީން ހަނދާންވެ، އޭނާގެ ދަރިފުޅަށް ދިމާވެގެން މިއުޅޭ މައްސަލައިގައި ކޮންމެވެސް އެހީއެއް ވާންޖެހޭނެއޭ ހިތަށްއެރިއެވެ. ޚާލިދު ދީދީ ގެ ގާތުގައި އޮތް ފޯނު ނަގައި، މީހަކަށް ގުޅައިލިއެވެ.
ޚާލިދު ދީދީ: ދަރިފުޅާ. މިއީ ބައްޕަ. ފިރިމީހާއަށް ވިހައެއް ދީގެން މަރާލިކަމުގެ ތުހުމަތުގެ ތަޙުޤީޤެއް އެބަ ހިނގައެއް ނޫން. މި ފާރިޝާއަކީ، ކާކުތޯ، އުޅެނީ ކޮންތަނެއްގައިތޯ، އޭނާގެ މައްޗަށް ދައުލަތުން ދަޢުވާކުރައްވަނީ ކޮންކަހަލަ ކުށެއްގައިތޯ ބަލައިލަދީބަލަ... އާން! ނޫނޭ.. ބައްޕައަށް ހީވަނީ މި ފާރިޝާއަކީ ބައްޕަމެންގެ ޢާއިލާއާ ގުޅޭ ކުއްޖެއްހެން. ޝަރީފާ ދީދީ ދައްތަ އަރުވައިލައިފައި ހުއްޓާ އަވަހާރަވީ ނޫން. އެ ދައްތަ އެ ރަށުން މީހަކާ އިނދެގެން ކުއްޖަކު ލިބުނު. ... އާން! އެންމެ ރަނގަޅު ބާއްވަނީ."
ތަޤްދީރުގެ ފިހިން ކުރަހާ މަންޒަރަށް އެކި ކަހަލަ ތަންތަންކޮޅު އިތުރުވަމުން ބޮޑު ތަޞްވީރު ފުރިހަމަވަމުން އަންނަނީއެވެ. ގުޅުމެއް ނެތް ތިމާގެ މީހުން އަލަށް އެނގި، އެކަކު އަނެކަކާ ގުޅުން އުފައްދަން ބޭނުންވަނީއެވެ. ލޯ ނުދެކޭ މީހުން އަލަށް ބައްދަލުވެ، ގާތްކަމާއި ރައްޓެހިކަން އުފެދި، ގަހެއްގައި އައު ކުރިތައް ފަޅައި، ހެދޭ ބީދައިން އިންސާނީ ދިރިއުޅުން އައުވެ އާލާވަމުން ދަނީއެވެ.
ފާރިޝާ ހައިކަލަށް ފޯނުން ގުޅައިލިއެވެ. އިތުރުކަމެއް ކުރިމަތިވަމުން އަންނަ ވާހަކަ ފާރިޝާ ބުންޏެވެ. ކުރު ތަފްޞީލެއް ދޭން އެދުމުން، ފާރިޝާގެ މަރުވި ފިރިމީހާގެ މުދައު ހޯދަން އޭނާގެ ބޮޑުބޭބެއަކު އުޅޭ ވާހަކަ ބުންޏެވެ. އަދި ޢަލީ ދުނިޔޭގައި ހުރިއިރު ލިޔެ ސޮއިކޮށްފައި އޮތް ވަޞިއްޔަތެއް އޮތް ވާހަކަ ބުންޏެވެ. ހައިކަލް ލަފާދިނީ، ފުރަތަމަ ކަންތަކާ ފުރަތަމަ އުޅުމަށެވެ. އަދި މާދަމާ ނުވައެއް ޖަހާއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެމީހުން ދާންވާނެއޭ ބުންޏެވެ.
ފާރިޝާ ހިތަށް އެރިއެވެ. މިއީ ވަކީލުންގެ ގޮތަކީ ބާވައެވެ. މިހާރު ހައިކަލަކީ ރައްޓެއްސަކަށް ވެފައިވާ މީހެކެވެ. އެކަމަކު ރަސްމީ ވާހަކައެއް ދައްކައި ނިމުނީމާ ޙާލުގެ ވާހަކަ ވެސް އަހައިނުލައެވެ. އެވަގުތު ފޯން ރިންގްވިއެވެ. ވާހަކަދެއްކީ ހައިކަލެވެ. ހައިކަލް ބުންޏެވެ.
"މާ ރަސްމީކޮށް ވާހަކަދައްކައި ނިންމާލެވުނީތީ ހިތްހަމަނުޖެހިގެން މި ގުޅީ. ޙާލު ރަނގަޅުތަ؟"
ފާރިޝާ ޖަވާބުގައި ބުންޏެވެ.
" ފޯނުކޮށްފައި ދެއްކި ވާހަކަ ނިންމައިލި ގޮތުން އަހަރެން ވިސްނައިލަން އިންދަ ތިޔަ ގުޅީ. އަހަރެން ހިތަށް އެރީ ހައިކަލް ރަސްމީ ވީމައި ހާދަ ރަސްމީއޭ. ޙާލުވެސް އަހައިނުލައޭ."
ހައިކަލް ބުންޏެވެ.
"މަޢާފުކުރޭ! ވަރަށް އަވަދިނެތި މި އުޅެނީ. އެހެންވެ އިޚްތިޔާރަކާ ނުލައި ކަނޑައިލެވުނީ. ވަރަށްބޮޑަށް ސޮރީ. ފާރިޝާގެ މައްސަލަ ނުބައެއް ނުވާނެ. އެ ކުރި ސުވާލުތަކުން ޔަޤީންވެއްޖެ. އެހެންވީމާ ހެޕީކޮށް ހުރޭ."
ފާރިޝާ ހިތަށް އެރި އެއްޗެއް ހިތަށް އެރިގޮތް ބުންޏެވެ.
"އަހަރެން ކުށެއް ނުކުރަން. ފަހުން ސޮރީވާނެ އެއްވެސް ކަމެއް ނުކުރަން. އެހެންވެ ހިތްހަމަޖެހޭ. އަދިވެސް މި އޮންނަނީ އަންހެނުން ހޭރުވުމެއް ނޫން. އެކަން ކުރެވޭތޯ ބަޔަކު އެ ބަލަނީ."
ހައިކަލް ބުންޏެވެ.
"ފާރިޝާ! ހަނދާން ނެތުނީތަ. އަހަރެން މިއީ ފާރިޝާގެ ވަކީލް. އަހަންނާމެދު ޝައްކުނުކުރޭ. ކުށެއްގައި ބެދުނަ ނުދޭން މަސައްކަތްކުރާ މީހާ މިއީ."
"ސޮރީ! ހައިކަލް. އައިސްފައި މި ހުންނަ ރުޅީގެ އޮއިގައި ބެހެވުނީ."
"ހިއެއް ނުވޭ. މި ދަނޑިވަޅަކީ، ފާރިޝާގެ ސާބިތުކަން ދައްކަންވީ ދަނޑިވަޅު. ހަރުދަނާކަން އަންގައިދޭމްވީ ދަނޑިވަޅު. ކުށެއް ނުކުރާކަން ކަށަވަރުކޮށްދޭންވީ ދަނޑިވަޅު. އަހަންނަށް ހީވަނީ އެކަނިވެރިވަނީހެން. އާދޭ. އަހަރެންގެ ގެއަށް މިރޭ."
ފާރިޝަ އަވަސްއަވަހަށް އަހައިލިއެވެ.
"ޑޭޓެއްތަ؟"
ހައިކަލް ބުންޏެވެ.
"އެހެންކަމަށް ހީކޮށްލާ. މި ދަޢުވަތު ދިނީ އެއް މޭޒުމަތިން ކައިލަން."
"ކިހާއިރަކު."
"އަސްތާ! އަހަރެން މިއީ ވަރަށް އަވަހަށް ކާ މީހެއް. ހަތެއްޖަހާއިރު ރަނގަޅުތަ؟"
"ރަނގަޅު. އެއީ...."
"އެއީ.... އެއީ ކީކޭ؟"
މި ހަނދާންކޮށްލީ ތިޔަ ގެ."
"އެއްކަލަ ދުވަހު ދެމީހުން ޓެކްސީގައި އަންނަމުން މަޑުކޮށްލީމެއްނު."
"އާން. އެނގިއްޖެ. ހަތެއްޖަހާއިރު ދާނަން."
"ތެންކިޔޫ. ބާއްވަނީ."
(ނުނިމޭ)
Mivaahak 2 vanafaharah mishaaiu kuranee keevve?