ޤަވާއިދުތަކުގެ ބެލެނިވެރި ޤާނޫނަށް ޢަމަލުކުރުން މި އަހަރުގެ ނިޔަލަށް ދަންމާލުމަށް މަޖިލީހުން ފާސްކޮށްފި  

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނަކުން ބާރުނުލިބޭ ޤަވާއިދުތަކުގެ ބެލެނިވެރިޤާނޫނަށް މިއަހަރުގެ ނިޔަލަށް ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މަޖިލީހުގެ ޤަވާއިދު ކޮމެޓީން ތަޅުމަށް ހުށަހެޅި ރިޕޯރޓްގައި ވަނީ އެޤާނޫނަށް ޢަމަލުކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާތީ މޭމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދިނުމަށެވެ. މިމައްސަލަ މަޖިލީހުން ފާސްކުރެއްވީ 60 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީން ނިންމެވީ އެޤާނޫނުތައް ހެދުމަށް އިތުރު މުއްދަތެއް ދެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އެދި ވަޑައިގެންފައިވާތީއެވެ. އެމައްސަލައިގައި ބަންޑާރަ ނާއިބް އޮފީހުން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި އެދި ވަޑައިގެންފައިވަނީ އާއްމު ޤާޢިދުތަކަށް ޤާނޫނީ ބާރު ދިނުމަށް ހަދަންޖެހޭ ޤާނޫނުތަކާބެހޭ ބިލްތަކުގެ މަސައްކަތް، ކޮވިޑް 19 އާ ގުޅިގެންނާއި ބައެއް އެހެން ކަހަލަ ދަތިތައް ކުރިމަތިވެފައިވާތީ ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ނުލެވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ މުއްދަތެއް އިތުރުކޮށްދިނުމަށެވެ.

މިހާރުގެ ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށިއިރު ވެސް އަމަލުކުރަމުން އައި ބައެއް ޤަވާއިދުތަކާ ގުޅޭ ޤާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ޤަވާއިދުތަކަށް ޤާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ މުއްދަތު އަށް މަހަށް އިތުރުކޮށް އެ ޤާނޫނުތައް މިއަހަރުގެ ނިޔަލަށް ހަދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.

ޤަވާއިދު ކޮމިޓި ފާހަގަ ކޮށްފައިވާ ގޮތުގައި ޤާނޫނުގެ ޖަދުވަލުތަކުގައިވާ 22 ޤަވާއިދަށް 15 ޤާނޫނުހަދަންޖެހޭނެއެވެ. އޭގެ ތެރެއިން 7 ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ދެބިލެއް އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އާއްމުޤަވާޢިދުތަކުހެ ބެލެނިވެރި ޤާނޫނަކީ އާ ގާނޫނުއަސާސިއަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއް ހުރުމުން ޤާނޫނުތައް ހެދެންދެން އެއް އަހަރު ދުވަހަށް ހެދި ޤާނޫނެކެވެ. ނަމަވެސް 12 އަހަރުގެ މުއްދަތަށް ދެމިގެންދިޔައިރުވެސް އަދި ވެސް ހުރިހާ ޤަވާޢިދުތަކަށް ޤާނޫނެއް ނެހެދެއެވެ. ނަމަވެސް މިފަހަރު ޤާނޫނަށް ޢަމަލު ކުރުމަށް ދެއްވި މުއްދަތަކީ އެންމެ ފަހު މުއްދަތުކަމަށް ޤަވާޢިދު ކޮމެޓީން ވަނީ ނިންމައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.