ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، މުއައްސަސާތަކުން ނިންމަންޖެހޭ ކަންކަމަށް މަޖިލީހުން މުހުލަތު ތަކެއް ދީފި

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުން ނިންމަންޖެހޭ ކަންކަމަށް މަޖިލީހުން މުއްދަތުތަކެއް ކަނޑައަޅައިފިއެވެ. މަޖިލީހުހެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީންމިގޮތަށް ނިންމެވީ ޢުމުރުން ދެއަހަރުވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމެވުމަށް މިއަދު ބޭއްވި ބައްދަލު ވުމުގައެވެ.

ނިންމުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ނިންމުމަކީ ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ ޑޭޓާ ބޭސްއަށް އެއްމަސް ދުވަހުގެ ތެރޭގައި ޢަމަލުކުރަން ނިންމުމެވެ. ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމުންތަކެއް ނިންމަވައިފައި ވަނީ އެމައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކާއެކު ރޭ ބޭއްވި ބައްދަލުވުމުން ލިބިވަޑައިގެންނެވި މަޢުލޫމާތު ތަކުގެ ޢަލީގައެވެ. މިއަދުގެ ބައްދަލުވުގައި ކޮމެޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވިދާޅޫވީ ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތްކުރާނެ ނެޓް ވާރކަކަށް ވެގެންދާނީ ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް ކަމުގައެވެ.

ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމާބެހޭ ޑޭޓާބޭސް އަކީ 2009 ވަނަ އަހަރު ޤާއިމްކުރެއްވި ޑޭޓާބޭސް އެކެވެ. މިހާރު އެޑޭޓާބޭސްގެ މަސައްކަތް ރަނގަޅަށް ނުހިނގާކަން ކަމާބެހޭ މުޢައްސަސާ ތަކުން ރޭ ދެއްވި މަޢުލޫމާތު ތަކުން ހާމަވެއެވެ. ޢުމުރުން ދެއަހަރު ވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މަސައްލައިގައި ވެސް ކަމާ ގުޅުންހުރި މުޢައްސަސާ ތަކުގެ މެދުގައި މަޢުލޫމާތު ހިއްސާ ނުކުރެވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

ޝަރުޢީ މަރުހަލާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އަވަސް ކުރަން ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެކަންކަން ކުރަން ނިންމަވާ ގޮތާބެހޭ ރިޕޯރޓެއް އެއްމަސް ދުވަހުގެ ތެރޭގައި ކޮމެޓީއަށް ފޮނުވުމަށް އެދުމަށްވެސް މިއަދުގެ ބައްދަލުވުމުން ނިންމެވިއެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ނިންމުމަށް މުހުލަތެއް ދިނުމާމެދު މަޝްވަރާކުރުމަށާއ އެކަން ކުރަން ޖެހެނީ ޤާނޫނަކުން ކަމުގައި ވާނަމަ އެޤާނޫނެއް މަޖިލީހަށް އަންގައި ދެއްވުމަށް ވެސް މިއަދު ކޮމެޓީން ނިންމެވިއެވެ.

އެންމެ ނުރައްކާތެރި އާއިލާތައް ނުވަތަ ހައިރިސް ފެމެލީ ދެނެގަންނާނެ ކްރައިޓީރިއާ ނުވަތަ މިންގަނޑުތައް ދެދުވަސް ތެރޭގައި އެކުލަވާލުމަށް ޖެންޑަރ މިނިސްޓްރީއަށް އެންގުމަށްވެސް މިއަދުގެ ކޮމެޓީ ބައްދަލުވުމުން ނިންމެވިއެވެ. އަދި ހަތް ދުވަސް ތެރޭގައި މިހާރުހުރި މަޢުލޫމާތުގެ ތެރެއިން ހައި ރިސްކް އާއިލާތައް ދެނެގަނެ އެއާއިލާތައް މޮނިޓަރ ކުރަން ފެށުމަށް ޖެންޑަރ މިނިސްޓްރީއަށް އެންގުމަށް ވެސް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން މިއަދު ނިންމެވިއެވެ. އަދި މިހާރު ސިސްޓަމް ތެރެއަށް ނުވަދެ ހުރި ހައި ރިސްކް އާއިލާތައް 30 ދުވަހުގެ ތެރޭގައި ދެނެގަތުމަށްފަހު އެއާއިލާތައް މޮނިޓަރ ކުރުމަށް އެންގުމަށް ވެސް މިއަދު ގެ ބައްދަލުވުމުގައި ވަނީ ނިންމަވައިފައެވެ

ހައިރިސްކް ފެމެލީ ދެނެގަނެވޭނެ އެއް ގޮތަކީ ދަރިން ތިބޭ އަންހެނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ސިސްޓަމްގެ ތެރެއަށް ވަނުން ކަމަށް ކޮމެޓީގެ މުޤައްރިރު ޖީހާން ފާހަގަކުރެއްވިއެވެ. މިފަދަ ޙާލަތެއްގައި އެމީހެއްގެ ކުދިން ދާނީ ހައިރިސްކަށްކަމަށް ޖީހާން ފާހަގަ ކުރެއްވިއެވެ. ބަލަން ޖެހޭނީ ހަމައެކަނި ޖިންސީ ގޯނާއަށް ނޫން ކަމަށާއި ކުއްޖާގެ މުޅި ދުޅަހެޔޮކަމަށް ބައްލަވަން ޖެހޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެނޫންވެސް މަސްތުވާ ތަކެއްޗާއި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ ރެކޯރޑް އޮތް ކޮންމެ މީހަކު އުޅޭ އާއިލާއެއްގައި އުޅޭ ކުދިން ވެގެން ދާނީ ހައިރިސްކްގައި ތިބި ކުދިންނަށް ކަމަށް ހިޔުމަންރައިޓްސް ކޮމެޓީގެ މުޤައްރިރު ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި މިހާރު ދައުވާ އުފުލިފައިވާ މީހުންގެ ތެރެއިން މުޖުތަމައަށް ދޫވެފައިވާ ފަރާތްތައް ދެނެގަނެ މުޖުތަމައަށް އެމީހުން ދޫވެފައިވާ ދޫވުން އަލުން މުރާޖާ ކުރެއްވުމަށް އެއްމަސް ދުވަސް ދެއްވުމަށް ވެސް ނިންމެވިއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާތަންތަނުގެ އޮޑިޓެއްވެސް އެއްމަސް ދުވަހުގެ ތެރޭގައި ކޮށް ނިންމުމަށް އެންގުމަށް ވެސް މިއަދުގެ ކޮމެޓީގެ ބައްދަލު ވުމުގައި ނިންމެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.