އިންތިޚާބުގެ ވޯޓު ލުމަށް ވަކި ތާރީޚެއް ޤާނޫނުގައި ކަނޑައެޅުން ރަނގަޅެއް ނޫން: މެމްބަރުން

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުމަށް ވަކި ތާރީޚެއް ޤާނޫނުގައި ކަނޑައެޅުން ރަނގަޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ފަސްކުރުމަށް ހުށަހަޅައިފައިވާ ބިލްގެ ބަހުސްގައި ގިނަމެމްބަރުން ވަނީ ބިލްގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުގެ ކުރިންވެސް އިންތިޚާ ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދަވައިފައެވެ. ބިލްގައި ބުނެފައިވަނީ  2021 ވަނަ އަހަރުގެ ޖެނުއަރީ ހައެއްގެ ކުރިން އިންތިޚާބު ބާއްވާށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރ ވަނީ އެމައްސަލައަށް ހައްލެއް ހޯއްދެވުމަށް ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަކީ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދެވުމަށެވެ.

އިންތިޚާބަށް ކުރިމަތިލި ސިވިލްސާރވަންޓުންގެ ސަސްޕެންޝަން އުވާލުމަށް ވެސް ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިން ހުށަހެޅި ބިލުން ހައްލު ހޯދައި ދީފައިވެއެވެ. އެބިލްގައި ވަނީ ހަމައެކަނި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ވާކައެވެ. އެހެންކަމުން އިންތިޚާބަށް ކުރިމަތިލި ހުރިހާ މުވައްޒަފުންގެ ސަސްޕެންޝަން އުވިގެން ދާނެގޮތަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް އެމާއްދާ އިޞްލާޙް ކުރުމަށް ހުށްހެޅުއްވިއެވެ.

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް އިންތިޚާބުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނުގައި ބުނާ މާއްދާ ކޯޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެހެން ކަމުން ސިވިލް ސާރވިސްގެ މުވައްޒަފުންނަށް މިހާރު އޮންނަނީ އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށެވެ. ނަމަވެސް އިންތިޚާބަށް ކުރިމަތި ލުމާއެކު އެމުވައްޒަފަކު ވަޒީފާއިން ސަސްޕެނޑް ވާނެއެވެ. ޤާނޫނުގައި މިމާއްދާ ލިޔުނީ ސިވިލސް ސާރވިސްގެ މުވައްޒަފުން ސިޔާސީ ކަންކަމުން އެއްފަރާތްކުރުމަށް ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ ވަޒީފާ ލިބޭނެ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވައެވެ.

މިއަދުގެ ޖަލްސާގައި ވަނީ 61 މެމްބަރުންގެ ޢިއްތުފާޤުން އިންތިޚާބާ ބެހޭ ވަގުތީ ބިލް ބަލައި ގަތުމަށް ފާސްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.