އިންޓަރެސްޓެއް ނެތި 4.4 ބިލިއަން ރުފިޔާއާ ހަމައަށް މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމުގެ ރުހުން މަޖިލީހުންދީފި 

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރުރާސްތާގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ނެގޭނޭ ފައިސާގެ މިންވަރު އިތުރުކޮށް ދީ އެކަމަށް މަގު ފަހިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭން މިނިސްޓަރ ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިމައްސަލަ މަޖިލީހުން ފާސްކުރެއްވީ 60 މެމްބަރުންގެ ޢިއްތިފާޤުންނެވެ.  

ސަރުކާރުން އެދިފައި ވަނީ އިންޓަރެސްޓެއް ނެތި އެއް އަހަރު ދުވަހުގެ މުއްދަތަށް 4.4 ބިލިއަން ރުފިޔާއާ ހަމައަށް މަރުކަޒީ ބޭންކުން ފައިސާ ނެގުމަށެވެ.  

ކުރުރާސްތާގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ  ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ތަކުގެ ތެރޭގައި އެންމެ ފުރަތަމަ ވެސް ފިނޭން މިނިސްޓަރ ފާހަގަ ކުރައްވައިފައި ވަނީ ޕަބްލިކް ބޭންކު އެކައުންޓުން އޯވަރޑްރޯ ކުރެވޭ ލިމިޓް ނުވަތަ ފައިސާ ނެގޭނެ މިންވަރު މަތިކުރުމެވެ. މީގެ ސަބަބުން ދައުލަތުން ކުރުމުއްދަތުގައި ކުރަންޖެހޭ ޚަރަދުތައްކޮށް، ޚިދުމަތްދިނުމަށް މަގުފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން  4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ނަގަންބޭނުންވާ ޢަދަދެއްގެ ގޮތު ގައި ފާހަގަ ކުރައްވައިފައި ވެއެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ އެވްރެޖް އާމްދަނީގެ20 އިންސައްތަ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ. ފައިސާ ނެގުމަށް ބޭނުންވާ ކަމަށް ބުނެފައިވަނީ އެ މިންވަރަށް އެއް އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށެވެ. މިފައިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. 

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބުނާގޮތުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް އިންސައްތައަށް ވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންކަމަށެވެ. އަދި ދައުލަތުން ދަރަންޏަށް ފައިސާ، ނަގަންވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނިކަމށްވެސް ބުނެފައިވެއެވެ. ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މަރުކަޒީ ބޭންކުން، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެކަމަށްވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުން ފޮނުއްވި ގޮތަށް މައްސަލަ ފާސްވުމުން ޤާނޫނޫގައި ޢަމަލުކުރުމަށް ބުނާ މި މާއްދާތަކަށް ޢަމަލު ކުރުމަށް އެއް އަހަރުގެ އިސްތިސްނާ ތަކެއް ލިބިގެން ދާނެއެވެ. 

ބޭންކުން ނަގާ ފައިސާ ވެގެން ދާނީ ކަނޑައެޅިފައިވާ މުއްދަތުގައި ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކަށް ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ. 

" ދައުލަތަށް އާމްދަނީ އަދި ފައިނޭންސިންގ ލިބޭ މިންވަރަކުން އޯވަރޑްރޯކުރަން ޖެހޭ މިންވަރު ކުޑަވާނެއެވެ." ފިނޭންސް މިނިސްޓަރ ފޮނުވި މައްސަލައިގައި ބުނެފައިވެއެވެ. 

އިޤްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އެނބުރޭމިންވަރު އިތުރުކުރުމަށް ފިޔަވަޅުއަޅަން ޖެހޭކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށްފަހު، ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެކަމަށް ވެސް ވަނީ ބުނެފައެވެ. 

ސަރުކާރުން އެދިފައިވާ ގޮތަށް މައްސަލަ ފާސްކޮށްފައިވާއިރު ބައެއް މެމްބަރުން ވަނީ މިމައްސަލައިގައި ވަރަށް ބޮޑަށް  ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އިންޓަރެސްޓެއް ނެތި  ގިނަ ޢަދަދެއްގެ ފައިސާ އެމްއެމްއޭ އިން ސަރުކާރަށް ދޫކުރުމުން އިޤްތިޞާދީ ގިނަ މައްސަލަ ތަކެއް ކުރިމަތި ވާނެކަމަށް ވެސް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައި ފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.