އ.ދ.ގެ މީޑިއޭޝަނާ ބެހޭ މުއާހަދާ ރާއްޖެއިން ތަސްދީޤުކުރުމަށް މަޖިލީހުން ރުހުން ދެއްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ. މިމުއާހަދާއަށް ރުހުން ދެއްވުމަށް މަޖިލީހުން ފާސްކުރެއްވީ  74 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު މަޖިލީހަށް ފޮނުއްވި މައްސަލަ، އިއްޔެވަނީ ކޮމެޓީއަށް ފޮނުއްވާ ހަމަ އިއްޔެ ދިރާސާކޮށް ނިންމަވައިފައެވެ. އެމައްސަލައިގެ ރިޕޯރޓް ރޭ އޮތް މަޖިލީހުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރެއްވިއެވެ. ނަމަވެސް ކުއްލި މައްސަލައެއް ހުށަހެޅުމުން އެމައްސަލަ އެޖެންޑާގައިވާގޮތަށް ރޭ ކުރިއަށް ނުގެންދެވުނެވެ. އެހެން ކަމުން އެ މުއާހަދާ އާ ގުޅޭ ގޮތުން މަޖިލީހުން ރުހުން ދިނުމަށް ނިންމެވީ މިއަދު ހެދުނު ދަންފަޅީގެ ޖަލްސާގައެވެ.

ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގު ވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރެއްވުމަށްފަހު އެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތީން ކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާން ކުރައްވައިފައެވެ.

މިމުއާހަދާ ދިރާސާ ކޮށް ހުށަހެޅި ރިޕޯރޓަށް ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވީ މި މުއާހަދާގެ ސަބަބުން ރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަށް މަގުފަހިވެގެންދާނެކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރައިގެންދާނެކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

މި މުއާހަދާ އަށް ރުހުން ދިނުމަށް ކޮމެޓީން ނިންމަވައިފައިވާނީ އޭޖީ އޮފީހާއި ފޮރިން މިނިސްޓްރީން މުއާހަދާއާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވުމަށް ފަހުކަމަށް ރިޕޯރޓް ހުށަހަޅުއްވަމުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފު ވިދާޅުވިއެވެ. މި މުއާހަދާއަކީ މިއަށް ޢަމަލުކުރަން ފެށުމުން ދައުލަތުން އެއްވެސް މާލީ އިލްތިޒާމްތަކެއް އުފުލަން ޖެހޭ މުއާހަދާއަކަށް ނުވުމުން މިހާރުން މިހާރަށް ރާއްޖޭގައި މި މުއާހަދާ ތަންފީޒު ކުރުމަށް އޭޖީ އޮފީހުންވެސް ލަފާ ދެއްވި ކަމަށް މުޤައްރަރު ފާހަގަ ކުރެއްވިއެވެ.  

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.