(29 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކޮބާ ވަކިކަމެއް ބޭނުންތަ؟ ކަމެއް ޖެހިގެން ނުބުނެ ނުހުންނައްޗޭ. އަހަރުމެން ކަހަލަ މަދު މީހަކު ނޫނީ ތިޔަހެން އަރުވާލާފައި ތިބޭ މީހުންނަށް އެހީވާނެ މާގިނަ ބަޔަކު ނޫޅޭނެ."
މި ދެއްކި ވާހަކައަށް މި ޒުވާނާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ބުނެޏެވެ.
"ފޫހިވެފައި ހުންނާނެ ކަމެއް ނެތް. މަހަށްގޮސް އުޅެންފަށަންވީ."
"މަހަށް ދާނީ ކާކާއެކު."
"އަހަރެން ދޯންޏެއް ހަމަޖައްސައިދީފާނަން."
"މަސްވެރިކަމުގެ ކަންތައްތައް ވަރަށް ނޭނގޭނެ."
"އަޅައިނުލާ! ދާން ފެށީމާ ދަސްވެދާނެ. ބޭނުމިއްޔާ މިރޭ ފަރުމަހަސް ދެވިދާނެ."
"ތިޔައީ ވެސް ރަނގަޅު ކަމެއް."
"ފައިސާ އެބަހުރިތަ."
"އާނ! އެބަހުރި."
"ބުނަން ވާހަކައެއް! މިރަށުތެރެއަށް ގިނަވެގެން ނޫޅޭތި. މިއީ ވަރަށް އެހެންކަހަލަ ބަޔަކު އުޅޭ ރަށެއް."
ޒުވާނާގެ ހިތަށް އެރިއެވެ. ތިމާގެ އަމިއްލަ ވަޒަނާމެދު މިފަދަ ވާހަކައެއް ދައްކާ މީހަކީ މާ ރަނގަޅު މީހަކަށް ނުވާނެއެވެ. މި ހުރެވުނީ ކޮންކަހަލަ ގެއެއްގައި ކަމެއް ވެސް ނޭނގެއެވެ.
"ތިޔަދަނީ ގެއާ ދިމާއަކަށް ނޫންތަ؟"
"ގެއާ ދިމާއަށް."
"ހިނގާ ދާން. އަހަރެން ވެސް މިދަނީ ގެއަށޭ."
"އަހަރެންގެ ކެއުމުގެ ކަންތަކަށް އަގެއް ހަމަޖައްސަންވާނެއެއްނު."
"ތިޔަކަމާ ކަންބޮޑުނުވޭ. އަހަރެންގެ ގެއަކީ ހައިކަލްގެ ގެކަމަށް ބަލާ. ފެނުނު އެއްޗެއް ދީ. އެއްޗެއް ނުދިނަސް އަހަރެން އަޅައެއް ނުލާނަން. އެކަމަކު..."
"އެކަމަކު ކީކޭ."
"އަހަރެން ބުނަން އުޅުނީ....... ދެން އެ ވާހަކަ ހުއްޓާލާ."
"ނޫން. ނޫން! ތިޔަ ބުނަން އުޅޭ އެއްޗެއް ބުނެބަލަ."
"އަހަރެން ބުނަން އުޅުނީ. އަހަރުމެން ރާއްޖެތެރޭގައި މިއުޅޭ ދަތި ދިރިއުޅުން، ކަލޭމެންކަހަލަ، މާލޭގެ މުއްސަނދިންނަކަށް ނޭނގޭނެއޭ."
"ތިޔަ ބުނީ ކީކޭ؟"
"މި ބުނީ މިބުނިހެން."
މިހިސާބަށް ވާހަކަ ދިޔަތަނާ، ގެއާ އަރާ ހަމަވެއްޖެއެވެ. އޭރު ބޮޑުއަށީގެ ކައިރީގައި ހުރި މޭޒެއްގެ މަތީގައި ކާންހަދައިފައި ހުއްޓެވެ. މަތިޖަހައިފައި ނެތުމުގެ ސަބަބުން މެހިއުޅެއެވެ. ބަތްތަށީގައި މެހި އިށީނދެ ތިބިތަން ފެނިފައި މާލޭން އައިސް ހުރި ޒުވާނާ މޭބޮޑުވެއްޖެއެވެ. ކާހިތްކެނޑިއްޖެއެވެ.
މީހަކު ކެއްސައިލި އަޑަށް ކުޑައަށްޓާ ދިމާއަށް ބަލައިލިއިރު މުސްކުޅިއަކު އެ އަށީގައި އޮތެވެ. އެއީ ރޭގައި ކެއްސި މީހާކަން އެނގުނެވެ. ހައިކަލް ނިދި ފަތްޖެހިއެނދުގެ ބަދަލުގައި މިހާރު ހުރީ މޭޒެކެވެ. އެ މޭޒަށް މި ހުރީ ކާންހަދައިފައެވެ.
ގޭގެ ވެރިމީހާ އެތެރެއަށް ވަދެފައި، އަތަށް އެއްޗެއް ލައިގެން ނިކުމެ، ޒުވާނާގެ އަތަށް އެއިން އެއްޗެއް ދިނެވެ. އެއީ ރޯމިރުހެކެވެ.
"މިރަށަކީ ކުރީން މިކަހަލަ އެއްޗެތި ހާދަ ތިޔާގި ރަށެކޭ. އެކަމަކު މިހާރު، ގަނެގެން ނޫނީ ހިކަނދިފަތެއް ވެސް ނުލިބޭ. ރަށުގައި ނުހައްދަނީ."
މިރުސް އަނބުރާ ދިއްކޮށްލަމުން ޒުވާނާ ބުންޏެވެ.
"އަހަރެންގެ ބަނޑު ރަނގަޅެއް ނޫން. ކައިފިއްޔާ ގޯސްވެދާނެ. ނުކާނަން. ސައިތައްޓެއް ލިބުނިއްޔާ ރަނގަޅު."
ގޭގެ ވެރިމީހާ އޭނާގެ އަންހެނުންނަށް ގޮވައިލައިފައި، ސައިކުރާ ހޫނުކޮށްލަން ބުންޏެވެ. އެއަށްފަހު، މޭޒުކައިރީގައި އިށީނދެ އެހެން މީހަކަށް ބެލުމެއް ނެތި ކާންފެށިއެވެ. މިތަން ބަލަން އިން ޒުވާނާއަށް މީނާ ކާލެއް މަޖާކަމުން ކުޅުދިޔާވާ ގޮތް ވިއެވެ. އެކަމަކުވެސް ހިތްވަރުކޮށްލިއެވެ. ދެފަހަރަކު މޮޑުނު ތަށިވަރު ހުސްކޮށްލުމަށްފަހު، ތިންވަނަ ފަހަރަށް ބަތްއަޅަމުން ކުޑައަށީގައި އޮތް މީހާ ކުރެން އަހައިލިއެވެ.
"ބައްޕަ ކައިފިންތަ؟"
އެމީހާ މަގަތަށް އެނބުރިލައިފައި ބަލި އަޑަކުން ބުންޏެވެ.
"އަދި ނުކަން. ބަތްޕެންފޮދެއް ލިބޭތޯ ކަނބުލޮ ގާތުގައި ބުނެގެން މިއުޅެނީ."
"ބައްޕާ ތިޔައީއޭ ގައިގައި ވަރުނުޖެހޭ ކަމަކީ. ހުރި އެއްޗެއް ކާންވާނެ."
މުސްކުޅި މީހާ އަނގައަކުން ނުބުނެއެވެ. ގޭގެ އަންހެން މީހާ ސައިތައްޓެއް ހިފައިގެން އައިސް އެތެރެގޭތެރެއިން ބޭރަށް ނިކުމެއްޖެއެވެ. އަދި މާލޭން އަރުވާލި ޒުވާނާގެ އަތަށް ތަށި ދިއްކޮށްލިއެވެ.
ޖޯޑުގެ ބޭރުގައި އަތް ޖައްސައިލައިފައި މާ ހޫނު ނޫންކަން އެނގުމުން ރަހަ ބަލައިލިއެވެ. ހަކުރު ހުރީ ކަރުކަނޑާވަރަށް އަޅައިފައެވެ. ފަން ޖައްސައިގެން ކުރާ ހޫނުކުރީކަން ސައިގައި ލާ ދިލަރަހައިން އެނގުނެވެ.
ކައިވެނީގެ ސަޔަށް އައިސް ތިބީ މަދު މީހުންކޮޅެކެވެ. އެހެންނަމަވެސް ތައްޔާރުކޮށްފައިވާ ވައްތަރުތައް ގިނައެވެ. ގިނަ މީހުން ކެއުމުގައި މަސްޣޫލުވެގެން ތިއްބެވެ. ހެވިލައިފައި ހުއްޓައި ފެންނަނީ އެންމެ މީހެކެވެ. އެއީ މިގޭގެ ވެރިމީހާއެވެ. އެހެންވާނެކަން ކަށަވަރެވެ. އޭނާގެ ކައިވެނީގެ ރޭގައި އުފައުކުރުން އެންމެ ޙައްޤުކަން ބޮޑު މީހަކީ ޚުދު އޭނާއެވެ. އޭނާގެ ކައިވެނީގެ ބައިވެރިޔާ ކުރީގެ އުޞޫލުގެ މަތީން މެހުމާނުންގެ ޚިދުމަތުގައި، ކާއެއްޗެއްސާއި ބޯއެއްޗިހި ގެނެސްދިނުމުގައި މަސައްކަތްކުރަނީއެވެ. އާދަޔާ ޚިލާފު ރީތި ހެދުމެއްގައި، ކުރިޔާ ޚިލާފު އަމުރުވެރި ގޮތެއްގައި ހިނގާތަން ފެނެއެވެ. އޭނާގެ ހިތުގައި ވަނީ އުފައުވެރި އަސަރުތަކެއް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޝަކުވާއެއް އޮތެކޭ ހިއެއް ނުވެއެވެ. ކައިވެންޏަށްޓަކައި ގޭތެރެ ވަނީ އުވަލައި ދަވާދުލައި ރީތިކޮށްފައެވެ. ދޮރުފޮތި ދަމައި ބޭރަށް ކަށިވެލި ލައިފައެވެ.
ދިވެހިންގެ ކައިވެންޏަކީ މާބޮޑު ރަސްމިއްޔާތުތަކަކާއި މާބޮޑު ދީނީ ކަންތައްތަކެއް އެކުލެވިފައިވާ ޙަފުލާއެއް ނޫނެވެ. 10 ވަރަކަށް މިނިޓްގެތެރޭގައި ކައިވެނީގެ ކަންތައްތައް ނިމިއްޖެއެވެ. ސައިބޮއިގެން ކާވެނިކޮށްދިން މީހުން މިހާރު ގެއިން ނިކުމެގެން އެދަނީއެވެ. އެ މީހުން މިގެއަށް ވަންފަހުން އަދި ބައިގަޑީއިރެއް ނުވެއެވެ.
އަންހެނަކާއި ފިރިހެނަކު، ކައިވެނީގެ ވަރުގަދަ ގޮށުން ގުޅުވައިދެނީ، އިންސާނުންގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގެ ވަރުގަދަ ބާރަކުންނެވެ. ލިބޭ ދަރިން ރަނގަޅު އިންސާނުންގެ ގޮތުގައި ބޮޑުކޮށް، ދުނިޔޭގެތެރެއަށް ނެރުމުގެ ވަރުގަދަ މަސްއޫލިއްޔަތު ޙަވާލުވާ ފަދަ ގޮތެއްގައެވެ. ބަލިޙާލުގައި އުޅޭއިރުވެސް މުސްކުޅިވެ ގައިގެ ވަރުދެރަވާ ދުވަހުވެސް އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މަޤުޞަދުގައެވެ. އަދި ގެދޮރު ބިނާކޮށް، ދަރީންނަށާއި ދަރީންގެ ދަރީންނަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައެވެ. އެކުގައި ދިރިއުޅުން ތަނަވަސްކުރުމުގެ ވާޖިބުވެސް ބޮލުގައި އެޅިފައިވާ ގޮތެއްގައެވެ. އެހެންގޮތަކަށް ބުނާނަމަ، އެގުޅުމަކީ އުފައުތަކާއި ހިތާމަތަކާއި ތަނަވަސްކަމާއި ފަޤީރުކަން ވެސް އެކުގައި ޙިއްޞާކުރާ ފަދަ ގުޅުމެކެވެ.
ޢަލީ އާއި ފާރިޝާގެ ކައިވެނީގެ ހުރިހައި ކަމެއްވެސް ނިމިދިޔައީ ވަރަށް ސާދާ ގޮތަކަށެވެ. އެކަކު އަނެކަކަށް ދަސްވެފައި ވީނަމަވެސް ކައިވެނީގެ ގުޅުމުން ގުޅެންޖެހުމުގެ ސަބަބު، ކޮންމެ މީހަކު ވެސް ހިތްއަވަސްވުމެއްގައި ވާކަން ކަށަވަރެވެ. ފާރިޝާގެ ހެދުންތައް ވެސް ޢަލީގެ ކޮޓަރިއަށް ބަދަލުކޮށްފިއެވެ. ބަލާބެލުމަށް ވެސް، ގެންގުޅޭ ކުއްޖަކަށްވުރެ ބޮޑަށް ގޭގެ ވެރިމީހާގެ އަންހެނުންކަން އެނގޭފަދަ ޙަރަކާތްތަކެއް މިރޭ ފާރިޝާ ގެންގުޅެން ފެށިއެވެ. އަލަށް ގެއަށް ގެންނަ އަލަތު އަންބެންގެ ފުށުން ފެންނަ ލަދުވެތިކަމާއި ރަކިކަމެއް ނެތެވެ. އެހެންނަމަވެސް ވާހަކަ ވަރަށް މަދެވެ. ކުރިޔަށްވުރެ ވެސް ހިންގުންތެރިކަން ބޮޑުކަމަށް ފެނެއެވެ. ކައިވެނީގެ ކަންތައްތަކުގައި އުޅުނު ފިހާރައިގެ މީހުން ވެސް ޢަލީގެ އަންހެނުންނަށް ބަހައްޓަންޖެހޭ ޤަދަރާއި ޙުރުމަތްތެރިކަން ބަހައްޓަން ފެށިކަން އެނގުނެވެ.
ކައިވެނީގެ ޙަފުލާއަށް ގެއަށް ވަދެއުޅުނު ބޭރު އެންމެން ހިނގައްޖެއެވެ. ޢަލީ ފާރިޝާއަށް ގޮވާލައިފިއެވެ. އަދި އޭނާ އައުމުން އުނދޯލީގައި އިށީނުމަށް ބުނެފިއެވެ. ފާރިޝާ އުނދޯލީގައި އިށީނުމުން، އޭނާގެ އަތުގައި ޢަލީ އަތުން ފިރުމާލިއެވެ. އަދި ބުންޏެވެ.
"މިހާރު ތިޔައީ މިގޭ ކަންތައްތަކުގެ އިސްމީހާ."
ފާރިޝާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ބުންޏެވެ.
"ބަދިގޭގެ ކަންތައްތައް ބަލަހައްޓާނެ މީހަކު ގެންނާނަން. ބޭނުންކަމެއް އޮތިއްޔާ ބުނޭ."
ފާރިޝާ ހިތަށްއެރިއެވެ. އަހަރެން ބޭނުންވާނީ އިތުރު ކޮން ކަންތައްތަކެއް ހެއްޔެވެ؟ ގޭގައި ގެންގުޅޭ ކުއޖަކުން އަހަރެން މިވަނީ ގޭގެ ވެރިމީހާގެ އަންހެނުންގެ މަޤާމަށް ބަދަލުވެފައެވެ. އަހަރެން މިއީ، މީހަކު ދެކެ ލޯބިވެގެން އުޅުނު މީހެއް ނޫނެވެ. އަހަރެން އެދެނީ ރީތި ދިރިއުޅުމެއް އުޅެވޭތޯ ބަލާށެވެ. ޢަލީގެ ހިތްހަމަޖައްސައިދިނުމަށެވެ. މާބޮޑު ކަންތައްތަކަކަށް އެދޭހިތެއް ނުވެއެވެ. އެދެވޭނެ ޖާގައެއް ވެސް ނެތެވެ.
"ފާރިޝާ އެއްޗެއް ބުނެބަލަ."
އަމިއްލަ ޚިޔާލުތަކުގައި އިނދެފައި ސިއްސައިގެންދިޔަ ކަހަލަ ގޮތަކަށް ޢަލީ ބުނި އެއްޗަކާމެދު ވިސްނައިލިއެވެ.
(ނުނިމޭ)