އެޑިޓޯރިއަލް: ފުއްސެވުމާއި ރުއްސެވުމާއި އެއްސެވުމުގެ މައްސަަރު

މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުގެ އެއްވަނަ ދުވަހެވެ. މުލަރޯދަ ދުވަހެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މިއީ އަހަރު ދުވަހުގެ ތެރޭގައި އަންނަން އެންމެ ބަރަކާތްތެރި މައްސަރެވެ. ޝައިޠާނުން ކަސްތޮޅު އެޅުވި ބަރަކާތާއި ސަވާބުގެ ދޮރުތައް ހުޅުވޭ މައްސަރެވެ.

ﷲ ތަޢާލާއަކީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އަޅުތަކުންގެ ދުޢާ އިޖާބަކުރައްވައި ސަވާބު މިންވަރު ކުރައްވާ ކަލާނގެއެވެ. އެކަލާނގެ ބައްލަވައިވޮޑިގަތުމާއި އައްސަވައި ވޮޑިގަތުމަކަށް ވަކި ދުވަހެއް ވަކި ވަގުތެއް ނޯވެއެވެ. އެހެންނަމަވެސް ރަމަޟާންމަސް ވަނީ ޚާއްސަ ކުރައްވައިފައެވެ. މި މައްސަރުގެ ތެރޭގައި އާދަމުގެދަރިޔާ ކުރާ ހެޔޮ ކަންތަކަށް ޖަޒާ ދެއްވުން ވަނީ އެހެން ދުވަސްތަކަށްވުރެ ފުޅާ ކުރައްވައިފައެވެ. މިއީ ހައްދެއް ނެތް މިންވަރަށް ދަރުމަ ދެއްވާނޭކަމަށް އަންގަވައިފައިވާ މައްސަރެކެވެ.

މި މައްސަރު އަޅުގަނޑުމެންނާ މި ކުރިމަތިލީ ވަރަށް ދަތި ހިތާވެރި ދަނޑިވަޅެއްގައެވެ. ކޮރޯނާ ވައިރަހުގެ  ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ވަނީ މި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. މިއަދު މި ވަނީ މާދަމާގެ ހާލަތު ބަދަލު ވެގެން ދާނީ ކޮންފަދަ ބިރުވެރި ގޮތަކަށްކަން ނޭނގި ހާސްވެ ކަންބޮޑުވާން ޖެހިފައެވެ.

މި ދަނޑިވަޅުގައި ރޯދަމަހާ ކުރިމަތިލާން ޖެހޭ ކަމީ އަޅުގަނޑުމެންގެ ނަސީބުކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ އަޅުގަނޑުމެން އެފަދަ ގޮތަކަށް އެދޭ ނަމައެވެ. މި މައްސަރުގެ ތެރޭގައި ގިނަގިނައިން ޤުރްއާން ކިޔަވައި ޒިކުރުކޮށް ދުޢާ ދަންނަވާން ވީއެވެ. މި ކުރިމަތިވެފައިވާ ބަލިމަޑުކަމުން މި ރާއްޖެއާއި މުޅި ދުނިޔެ ސަލާމަތްކޮށް ދެއްވާތޯ އިޚްލާސްތެރިކަމާއެކު ދަންނަވާން ވީއެވެ. ސަލާމަތްކޮށް ދެއްވާނޭ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ.

ﷲ އަންގަވައިފައި ވަނީ އަޅުތަކުން ކުރާ ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައެވެ. އެއީ ކަށަވަރު ކަމެކެވެ. ހަލާލު ތަކެތީން ކައިގެން ބޮއިގެން ތިބެ، ﷲ އެންގެވި މަގު ޚިޔާރު ކުރުމާއެކު އެކަލާނގެއަށް އަޅާ ކުރާ ދުޢާ އަކީ އިޖާބަ ކުރައްވާނޭކަން ކަށަވަރު ދުޢާއެކެވެ.

މި މައްސަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމާ ހިންގަވާށެވެ. ﷲ އާ ދިމާއަށް އެނބުރެމާ ހިންގަވާށެވެ. ފާފަތަކުން ދުރުހެލިވެ ނަފުސު ތާހިރު ކުރަމާ ހިންގަވާށެވެ.

ﷲ އަޅަމެންގެ ދުޢާ އިޖާބަ ކުރައްވައި ރަޙްމަތް ލައްވައި ބަލާބަލިމަޑުކަމުން އަޅަމެން ރައްކާތެރި ކުރައްވާށިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.