އެޑިޓޯރިއަލް: ޖަހަންވާ ވަގުތާއި ޖަހައިގެން ނުވާނެ ވަގުތު

ސިޔާސީ ހަލަބޮލިކަމާއި ސިޔާސީ ހަމަލާތައް ބަދަލު ކުރުަކީ ދުނިޔޭގެ ހުރިހައި ގައުމެއްގައިވެސް އޮންނަ ކަމެކެވެ. ސަރުކާރު ބަލިކަށި ކޮށްލާން އިދިކޮޅުން މަސައްކަތް ކުރާނެއެވެ. އިދިކޮޅުގެ ވިޔާނުދާކަން ދައްކާން ސަރުކާރުން މަސައްކަތް ކުރާނެއެވެ. މިއީ އަޅުގަނޑުމެން އެ މައްޗަށް ހޭނެންވާ ސިޔާސީ ހަގީގަތެވެ.

އެކަމަކު އެންމެން އެއް ގަލަކަށް އަރާ ގައުމީ ކަންތައްތަކެއް ހުންނާން ވާނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އެ މަންޒަރު ފެނެއެވެ. މިސާލަކަށް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ އެންމެ ހޫނު މައްސަލައަކީ ކަޝްމީރުގެ މައްސަލައެވެ. ކިޔައި އުޅޭ ގޮތުގައި އިންޑިއާއި ޕާކިސްތާނުގެ ދެމީހަކު އެއްވެސް ކަމެއްގައި އެއް ގަލަކަށް ނާރާނެއެވެ. އެކަމަކު އިންޑިއާގައި ޕާކިސްތާނަށް ބެވުން ނުވަތަ ޕާކިސްތާނުގައި އިންޑިއާއަށް ބެވުމަކީ އެންމެން އެއް ގަލަކަށް އަރައިގެން އެއް ރާގަކަށް އެއް ލަވައެއް ކިޔާ ކަމެކެވެ. މައިގަނޑު މައްސަލައަކީ ކަޝްމީރެވެ. ކަޝްމީރުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް ދެ ގައުމުންވެސް ދެކޭ ކަމެކެވެ.

ހަމައެކަނި މިޔެއް ނޫނެވެ. ބޭރުން އަޅާ ގުއްޓުތަކަށް ރައްދު ދިނުމުގައިވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެން އެއް ގޮތަކަށް ރައްދު ދެއެވެ. ދިމާވާ ބޮޑެތި މައްސަލަތަކުގައި އެއް ދިމާއަކަށް ދާން މަސައްކަތް ކުރެއެވެ. ދިވެހިރާއްޖޭގައި ސުނާމީގެ ހިތާމަވެރި ހާދިސާގައި އެއްބައިވަންތަކަން ފެނުނެވެ.

އެކަމަކު މިހާރު މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ ބަލިމަޑުކަމުގެ ތެރޭގައި ސިޔާސީ އުކުޅުތައް ދާން ނުވާ ދިމަދިމާއަށް ދާތަން ފެނެއެވެ. މިއީ ދެރަ ކަމެކެވެ. ވައިރަސް އަރައިގެން ބަލިވާނީ ދިވެހިންނެވެ. ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އެހެންވީމާ މިފަދަ ނާޒުކު ކަންތައްތައް ސިޔާސީ ނުކޮށް ވޭތޯ ބަލަން ވާނެއެވެ. ސިޔާސީ ހަމަލާތައް ދިނުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު އެންމެން އެއް ލަވައެއް ކިޔާ ދަނޑިވަޅުތައްވެސް ހުންނާން ވާނެއެވެ. ޖަހަންވާ ވަގުތަކާއި ޖަހައިގެން ނުވާނެ ވަގުތެއްވެސް އޮންނާން ވާނެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.