އެޑިޓޯރިއަލް: ފެބްރުއަރީ 8 - އަނިޔާއާއި ހުޅުޖެހުމުގެ ދުވަހެއް

8 ފެބްރުއަރީ 2012 އަކީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ދުވަހެކެވެ. އޭގެ 1 ދުވަސް ކުރީން 7 ފެބްރުއަރީ 2012 ގައި ހިނގި ކަންތައްތަކެއްގެ އަސަރު ހިތި ގޮތަކަށް ފެނިގެން ދިޔަ ދުވަހެކެވެ.

7 ފެބްރުއަރީއަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވައި އޭރުގެ ނާއިބު ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެ ވަޑައިގެންނެވި ދުވަހެވެ. އެ ދުވަހާއި ކުރީ ރޭ ހިނގައި ދިޔަ ކަންތައްތައް އެއް ބަޔަކު ދެކެނީ ބަޣާވާތެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކެނީ ގައުމުގެ ދިފާއުގައި ކުރި ޖިހާދެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ފަރާތުން ނިންމީ 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ބިރު ދައްކައިގެން މަޖުބޫރުވެވަޑައިގެން ކަމުގައެވެ. މައްސަލަ ހޫނު ވެގެން ދިއުމުގެ ސަބަބުން ރައީސް ވަޙީދު އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަނަކުން ތަހުގީގުކޮށް ރިޕޯޓެއް ނެރުނެވެ. އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި 7 ފެބްރުއަރީގައްޔާއި އޭގެ ކުރީ ރޭ ހިނގި ކަންތައްތަކުގެ ތެރޭގައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަދަ ޣައިރުޤާނޫނީ އަމަލުތަކެއް ބަޔަކު ކުރިއެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އަމަލުތައްވެސް ހިމެނެއެވެ. އެހެންނަމަވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް ކަހަލަ މަޖުބޫރީ ހާލަތެއްގައެއް ނޫނެވެ. މިއީ އަދި އަދަށް ދާންދެންވެސް އެމްޑީޕީން ގަބޫލުކުރާ ވާހަކައެއް ނޫނެވެ.

ވިދިގެން އައި 8 ފެބްރުއަރީއަކީ ރައީސް ނަޝީދާއި އިސް ވެރިން ކުރީގައި ތިއްބަވައިގެން އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުތް ދުވަހެކެވެ. އެ ދުވަހު ނުކުތް އަދަދަށް މަގުމައްޗަށް މީހުން ނުކުތް ދުވަހެއް މަދު ވާނެއެވެ. މުޒާހަރާވެރިން ފުލުސް އޮފީސް ސަރަހައްދަށް ޖަމާވީ އިރު އެމީހުން ކޮންޓުރޯލު ކުރާން ތިބީ ވަރަށް ކުޑަ އަދަދެއްގެ ފުލުހުންނެވެ. ކޮންޓުރޯލު ކުރާން ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާ ކުރިއެވެ. އެޔާއެކު ރާއްޖޭގެ ހުރިހައި ރަށެއްގައި ކަހަލަ ގޮތަަކަށް މުޒާހަރާ ފެށުނެވެ. ނަންހިނގާ ޓީވީއަކުން އެރޭ އިރާކޮޅު ޚަބަރު ކިޔަމުން ބުނެފައި ވަނީ އައްޑު އަތޮޅުގެ ކޮންމެވެސް މީހަކު ފުލުހުންގެ އަނިޔާގައި މަރުވެއްޖެ ކަމުގައެވެ. ދެން ނުކުތް ނަތީޖާއަކީ މުޅި ރާއްޖޭގައި ހުޅު ރޯކުރާން ފެށުމެވެ. ފުލުހުންގެ މަރުކަޒުތަކާއި ކޯޓުތައް އަންދައި އަޅިއަށް ހަދައިލީއެވެ. ރައްޔިތުންގެ އެތައް ރެކޯޑެއް އަބަދަށްޓަކައި ނެތިގެން ދިޔައީއެވެ. ދައުލަތަށް ނުވަތަ ނުސީދާކޮށް ރައްޔިތުންނަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުނީއެވެ.

ހުޅު ޖެހި މީހުންނަށްވެސް އަދި އާއްމުންނަށް އަނިޔާކުރި ސިފައިންނާއި ފުލުހުންނަށްވެސް އެކަށީގެންވާ އަދަބެއް ދެވުނު ކަމެއް އަދިއެއް ނޭނގެއެވެ. ދެރަކަމަކީ މިއީއެވެ. ކުށް ކުރުން ނުވަތަ ގާނޫނާ ޚިލާފުވުން ހުއްޓުވޭނީ އެފަދަ އަމަލުތައް ކުރާ ބަޔަކަށް ހަރުކަށި އަދަބު ދެވިގެންނެވެ. ސިޔާސީ ފަޅި ބަދަލު ކުރީމާ ކުރި ކަމެއް ނުކުރާ ކަމަކަށް ބަދަލުކޮށްލައިގެން ނުވާނެއެވެ. އެކަމަކު މިހައިތަނަށް ފެނިފައި ވަނީ އެ މަންޒަރެވެ. ކަމެއްގެ ރަނގަޅު ނުބައި ނިންމަނީ އެމީހަކު އަރައި ހުރި ފަޅިއަކުންނެވެ. ގާނޫނޭ ކިޔާ ފޮތުގައި ލިޔެފައި އޮންނަ އެއްޗަކުންނެއް ނޫނެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.