ބޭނުންވާނެ ބާވަތްތައް:
1 ކިލޯ އަލުވި
2 މޭޒުމަތީ ސަމުސާ ބަޓަރު (އަންސޯލްޓެޑް)
އޮލިވް އޮއިލް
ލޮނުމެދު ބޮނޑިއެއް
ހާރބްސް (ރޯޒްމޭރީ ނުވަތަ ސޭޖް ނުވަތަ ކުދީނާ ފަތް ކޯޅިއެއް)
ތައްޔާރުކުރާނެ ގޮތް:
ރަހަ ލާވަރަށް ލޮނުއަޅައިގެން ތެއްޔެއްގައި ފެން ކައްކާށެވެ. އެއަށް ފަހު އަލުވީގެ ތޮށި މަށާފައި ކެކިކެކި ހުރި ފެނުގައި ފަނަރަ މިނެޓު ކައްކާށެވެ. މިއީ އަލުވީގެ އެތެރެ މަޑުކުރުމަށެވެ.
ފަނަރަ މިނެޓުވުމުން ހަލަންޏަކަށް އަލުވި ނަގެމަށްފަހު ދެ މިނެޓު ބަހައްޓާށެވެ. މިއި އަލުވީގެ ބޭރުގައި ބަޓަރު ހިއްޕަން ފަސޭހައަކަށެވެ. ދެ މިނެޓުވުމުން ހަލަނި ދެތިން ފަހަރަކު ބާރަށް ހަލުވައިލާށެވެ. އޭރުން އަލުވީގެ ބޭރު ރަނގަޅަށް ރޫޅޭނެއެވެ. ރޯސްވަމުން ދާއިރު އަލުވީގެ ބޭރު މުރަނަވާނީ އޭރުންނެވެ.
ދެން ބޮޑު ތަށްޓަކަށް ބަޓަރުކޮޅާއި އެއް ސަމުސާ ތެޔޮ އަޅާށެވެ. އެއަށްފަހު އަލުވި އަޅާފައި ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް މައްޗަށް ބުރުވައިލާށެވެ. އަލުވީގެ ބޭރުގައި ބަޓަރާއި އަސޭމިރުހާއި ލޮނު ހޭކޭވަރަށް ތަށީ ކުޑަކޮށް ތަޅުވައިލާށެވެ. ދެން އަލުވީގެ ދޭތެރޭގައި ހުސް ޖާގަ ބަހައްޓާފައި ރީތިކޮށް އަތުރައިލާށެވެ.
އަދި މަތި ބަންދުކުރުމަށް ފަހު އައިސް އަލާމާރީގައި ބަހައްޓާށެވެ.
އައިސް އަލަމާރިން ނެގުމަށްފަހު 180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރާށެވެ.
ލޮނުމެދު ބޮނޑިން ލޮނުމެދު ވަކިކުރުމަށްފަހު ކުޑަކޮށް ޗަސްކޮށްފައި އަލުވި ހުރި ތަށްޓަށް ލާށެވެ. ލޮނުމެދު ކެރެމަލައިޒްވެ އަލުވީގައި ރަނގަޅަށް ރަހަ ހިއްޕުމަށެވެ.
ދެން ގަޑިއެއް ހައި އިރު ވަންދެން އަވަނުގައި ބަހައްޓައިގެން ރޯސްކުރާށެވެ. އަލުވީގެ ބޭރަށް ރަންކުލަ އަރައި ބޭރު މުރަނަވަން ދެނެވެ.
ދެން އޮތީ އެންމެ މުހިއްމު ބައެވެ. އަވަނުން ޓްރޭ ނެގުމަށްފަހު ބޮޑު ސަމުސަލަކުން އަލުވީގެ މަތި ކުޑަކޮށް ޗަސްކޮށްލާށެވެ. ކުރިން ބެހެއްޓި ހުސްޖާގަ ފުރޭވަރަށެވެ.
އެއަށް ފަހު ކުދީނާ ފަތް ނުވަތަ ރޯސް މޭރީ ނުވަތަ ސޭޖް ފަތް ކޯޅިގެ ތެރެއަށް ބާކީ ހުރި އޮލިވް އޮއިލް ފޮދު އަޅައި ފަތުގައި ތެޔޮ ހޭކޭވަރަށް އެއްކޮށްލާށެވެ. ދެން އަލުވީގެ މައްޗަށް ބުރުވައިލުމަށްފަހު އިތުރު ވިހި މިނެޓަށް އަވަނުގައި ބަހައްޓާށެވެ.
ފިހުނު ކުކުޅު ނުވަތަ މަހާއެކު ރޯސްއަލުވިކެވިދާނެއެވެ. ހުހަށް ކާން ވެސް ވަރަށް މީރުވާނެއެވެ.