އާފަތިސް ބަދިގެ: ލެމަން ރޯސްޓް ޗިކެން

ލެމަން ރޯސްޓް ޗިކެން ރެސިޕީ އަކީ އަވަނުގައި ރޯސްޓު ކުރާ ކުކުޅުވެ. އަވަނުގައި ރޯސްޓު ކުރި ނަމަވެސް ކުކުޅު ތާޒާވެފައި މަޑު ވެފައި ޖޫސީ ވާނެއެވެ. ތެއްޔެއްގައި ނުވަތަ ތަވައެއްގައި ރޯސްޓުކުރާ ކުކުޅަކަށް ވުރެ ރަހަ ރަނގަޅު ވެފައި އަނގައަށް މީރުވާނެއެވެ.

ކުކުޅެއް ރޯސް ކުރުމަކީ އެކަމަށް ހޭދަ ކުރަންޖެހޭ ވަގުތު ގިނަވެފައި ބުރަ މަސައްކަތެކެވެ. ނަމަވެސް މި ރެސިޕީ އަކީ ވަރަށް ފަސޭހަ ރެސިޕީއެކެވެ.

ކުކުޅު ރޯސްކުރަން ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުކުޅު ދޮވެފައި ރަނގަޅަށް ފެން ހިއްކައިލާށެވެ. ކުކުޅުގެ ހަން ވަރަށް ރަނގަޅަށް ހިއްކަންވާނެއެވެ. އެއީ ރޯސްކުރަމުން ދާއިރު ހަން މުރަނަ ވާނީ އޭރަށެވެ. އަދި ސީޒަންކުރުމަށް ބޭނުންކުރާ ބާވަތްތައް ހަރުލާފައި ހުންނާނީ ވެސް އޭރުންނެވެ.

މިގޮތަށް ކުކުޅު ރޯސްކުރުމަށް ބޭނުންކުރާނީ ލެމަން ބަޓަރ ރެސިޕީއެކެވެ.

ބޭނުންވާނެ ބާވަތްތައް:

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ޒައިތޫނި ތެޔޮ

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ބަޓަރު

1 ލުނބޯ (ބޮޑު)

3 ނުވަތަ 4 ލޮނުމެދު

ރަހަ ލާ ވަރަށް އަސޭމިރުސް (ރާޅުކޮށް މުގުރާފައި) އަދި ލޮނު

1 ކުކުޅު

ތައްޔާރު ކުރާނެ ގޮތް:

ކުޑަ ތަށްޓަކަށް ލުނބޯގެ ތޮށި ގާނާށެވެ. ދެން ލުނބޯ ފަޅި ކުރުމަށްފަހު އެއް ފަޅީގެ ހުތް ބޯތަށްޓަކަށް ނަގާށެވެ. ދެން ބޯތަށްޓަށް ލުނބޯ ތޮށްޓާއި، ބަޓަރާއި، ލޮނުމެދާއި އަސޭމިރުހާއި ލޮނު އަދި ޒައިތީނި ތެޔޮ ފޮދު އަޅައި ހަލުވަމުން އެއްކުރާށެވެ.

ކުކުޅުގެ މޭމައްޗާ ދިމާއިން ހަމުގެ ފަށަލަ ހިއްލައިލުމަށްފަހު އެތެރެއަށް ބަޓަރު މިކްސްޗަރ ގެ ދެބައިކުޅަ އެއްބައި ލާށެވެ. ދެން މުޅީ ކުކުޅުގައި މިކްސްޗަރު ރަނގަޅަށް އުނގުޅޭ ގޮތަށް ހަމުގެ ފަށަލައިގެ މަތީން މަސާޖުކުރާށެވެ.

އެއަށްފަހު މިކްސްޗަރުގެ ބާކީ ބައި ބޭރުގައި އުނގުޅާށެވެ. ދެން ބައިގަޑި އިރު ނުވަތަ ސާޅީސް މިނެޓު ވަންދެން ފްރިޖުގައި ބަހައްޓާށެވެ.

އަވަން 220 ޑިގްރީއަށް ހޫނުކުރާށެވެ. ލުނބޯގެ އަނެއްފަޅި ފޮތިކުރުމަށްފަހު ފިޔައެއްގެ ދެބައިކުޅަ އެއް ބަޔާއެކު އަވަނަށް ލާށެވެ.

ދެން ފްރިޖުން ކުކުޅު ނަގައި ދެފައި އެއްކޮށް ބަނދެލާށެވެ. ތަންކޮޅެއް ތިލަ ޓްރޭއެއް ނުވަތަ ތަވައެއްގައި ކުކުޅު ބޭއްވުމަށްފަހު އަވަނަށް ލާށެވެ.

ދެން އަވަނުގެ ހޫނު 190 ޑިގްރީ އަށް މަޑު ކުރާށެވެ. އަދި އެއް ގަޑި އިރާއި ވިހި ވަރަކަށް މިނެޓު ވަންދެން ފިހޭށެވެ.

އަވަނުން ނެގުމަށް ފަހު ރޯސް ކުރި ތަރުކާރީ އާއެކު ސާވް ކުރާށެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.