ސަރުކާރުން އަންދާޒާކުރާ ވަރަށް މިއަހައަރު ފަތުރުވެރިން ނާންނާނެކަމީ އިޤްތިޞާދީ ހަޤީޤަތް – މަޖިލީހުގެ ރައީސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އަންދާޒާކުރާ ވަރަށް މިއަހައަރު ފަތުރުވެރިން ނާންނާނެކަމީ އިޤްތިޞާދީ ހަޤީޤަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައި މާލީ އަދި އިޤތިޞާދި ހާލަތުން އަރައިގަތުމަށް ބޭނުންވާ ފައިސާ މަރުކަޒީބޭންކުން ސަރުކާރަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިނޭން މިނިސްޓަރ މަޖިލީހަށް ފޮނުއްވި މައްސަލައިގެ ބަހުސްކުރިއަށް ދިޔައިރު އެމައްސަލައިގައި ރިޔާސަތުން ދެއްކެވި ވާހަކަ ފުޅުގައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަފުޅު އަންދާޒާއަށް ބަލާއިރުވެސް މިމަހު 29 ވަނަ ދުވަހާ ހަމައަށް 800 މިލިއަން ރުފިޔާ ބޭނުން ވާނެކަމަށެވެ. ސަރުކާރަށް 4.2 ބިލިއަން ރުފިޔާ ލިބޭނެ ގޮތް ހެދި ކަމުގައި ވިއަސް އެފައިސާއިން ރާއްޖެ އަށް ބޭނުންވާ ކާރޑެއް ނުގަނެވޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެފައިސާ ވެގެންދާނީ އެތެރޭގައި ހިންގަން ހުރި އެއްޗަކަށް ކަމަށް ވިދާޅުވިއެވެ. ސަރުކާރަށް ބޭނުންވެގެން ލިބޭނެ ގޮތް ހަމަޖައްސާ ފައިސާ އަކީ ބޭރުފައިސާއަށް ބަދަލުވާނެ އެއްޗެއްކަމަށް މެމްބަރުން އެއްގޮތަކަށް ވެސް ދެކެވަޑައިގެން ނުވާނެކަމަށް ވިދާޅުވިއެވެ. އެގޮތަށް ދެކެންވާނީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތު އަނެއްކާ ވެސް އަލުން ހިނގައިގަތުމުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އަނަދާޒާ ކޮށްފައިވާ މިންވަރަށް ފަތުރުވެރިން މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ޤަބޫލު ނުކުރެއްވޭކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ޤަބޫލެއް ނުކުރެވޭ، އެމިންވަރަށް ޓުރިސްޓުން ޔޫރަޕުން، ޗައިނާއިން، އޭޝިއާ އިން އަތުވެދާނެކަމަކަމަށް، އެއީކީ މިވަގުތުގެ އިޤްތިޞާދީ ޙަޤީޤަތެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނަދާޒާކޮށްފައިވާ ވަރަށް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ނުބެލެވޭ އިރު އަދި ރާއްޖެއަށް ޑޮލަރު ވަންނާނެ ގޮތެއް ނެތް އިރު ސަރުކާރުން ބޭނުންވާ ވަރަށް ފައިސާ ނެގޭނެގޮތް ހަމަޖެއްސުމަކީ ވިސްނާ ނުލައި ބަލައި ނުލައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ފަރުވެރިން އަންނަ ނިސްތަ 50 އިންސައްތައަށް ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ސަރުކާރުން ވަނީ ލަފާކުރައްވައިފައެވެ. ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، މިއަހަރަށް ކަނޑައެޅި ބަޖެޓްގައި ދައުލަތަށް އާމްދނީ ލިބޭނެ ލަމަށް އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިން ސައްތަ ދަށަށް ދާނެކަމަށް ވެސް ފިނޭންސް މިނިސްޓަރީ ވަނީ ވިދާޅުވެފައެވެ.

މުލަ ރޯދަދުވަހަށް ފަހު އެމައްސަލަ ނިންމުމަށް ހޮނޮހިރު ދުވަހާ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެދެދުވަހުގެ ޖަލްސާގައި އެމެއެމްއޭގެ ގަވަރާއި މާލީ ވަޒިރުވެސް ވެބްކޮންފަރެންސް ކޮށް ބައިވެރި ވަޑައި ގަންނަވާނެކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.