ޚިޔާނާތުގެގޮތުން ދައުލަތަށް ގެއްލިފައިވާ އަދި އެނޫން ގޮތްގޮތުން ވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ އަށްމަސް ދުވަހުގެ ތެރޭގައި ހޯދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިކަން ބަޔާންކޮށްފައި ވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓްގައި ދެއްވައިފައިވާ އިރުޝާދު ނުވަތަ ހުށަހެޅުންތަކުގައެވެ. މިރިޕޯރޓްގައި 17 ހުށަހެޅުމެއް ވެއެވެ. ރިޕޯރޓް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ.
ރިޕޯރޓްގައި ދެއްވައިވާ އިރުޝާދުތައްތައް ނުވަތަ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުމެއްގައި ވަނީ ދައުލަތަށާއި ދައުލަތް ޙިއްޞާވާ ކުންފުނިތަކަށް އެކި ފަރާތްތަކުން ދައްކަންކެހޭ ފައިސާއާއި، ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމުމަށް ދެންނެވުމަށެވެ.
ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަގައިފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރިސްޓްރަކްޗަރ ނުވަތަ ރި ޕްރޮފައިލް ކުރުމުގެ މަސައްކަތް ސަރުކާރާއި އެމްއެމްއޭއިން ލަސްނުކޮށް ފެށްޓެވުމަށް ދެންނެވުން ވެސް ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ. މިމަސައްކަތް ކުރުމަށް ޚާއްޞަ ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީން މަސައްކަތް ކުރުމުގައި ރާއްޖެއާއި ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯއްދެވުމަށް ދެންނެވުން ވެސް ހިމެނެއެވެ. އެކޮމެޓީއާ މަސައްކަތް ޙަވާލުކުރެވޭތާ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ކޮމެޓީގެ ހޯދުން ރައީސުލް ޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދެންނެވުންވެސް ހިމެނެއެވެ. އަދި އެ ކޮމެޓީގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ތަފްޞީލާއި ހޯދުންތައް، މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަކަށް ޙާޒިރުވެ ޙިއްޞާކުރެއްވުމަށް ދެންނެވުންވެސް ހުށަހެޅުންތަކުގެ ތެރޭގައިވެއެވެ.
އަންނަ އަހަރު ދައްކަންޖެހޭ ދައުލަތުގެ އެތެރޭގެ ދަރަނީ ރޯލް-އޯވަރކޮށް، އެދަރަނި ދެއްކުން ފަސްކުރުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުންވެސް ހުށަހެޅުންތަކުގައި ވެއެވެ. ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ބޭނުންވާ އިޞްލާޙުތަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުގައި ދެންނެވުންވެސް ހިމެނެއެވެ.
ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކުގެ ދަށުން ހިންގޭ މަސްރޫޢުގެ ސްޓޭޓަސް ކޮންމެ ހަތަރު މަހުން އެއްފަހަރު ފިނޭންސަށް ހުށަހެޅަން ޖެހޭއިރު އެ ޞޫލާ އެއްގޮތަށް އެ މަޢުލޫމާތު ލޯނު ދޫކުރެވިފައިވާ ފަރާތްތަކާއި ބޭންކްތަކުން ހޯދައި އަޅާކިޔުމަށް ފިނޭންސް މިނިސްޓްރީއަށް ދެނެންވުންވެސް ހުށަހެޅުންތަކުގައި ހިމެނެއެވެ.
ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ލޯނުތަކުގެ ޓްރާންސެކަޝަން މޮނިޓަރކޮށް، ދައުލަތުގެ ނަމުގައި ނަގައިފައިވާ ހުރިހާ ގެރެންޓީގެ އޮޑިޓެއް ހަދައި އެގެންރެންޓީތައް އިވެލުއޭކުރުމަށްފަހު، އެކަމާގުޅޭ ރިޕޯރޓެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުންވެސް ހުށަހެޅުންތަކުގައި ހިމެނެއެވެ. އަދި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ މުރާޖާކޮށް، އެ ސްޓެރެޓެޖީ ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ނަތީޖާ ޙާޞިލްކުރެވޭނެ ގޮތަށް ރިޕޯރޓެއް އެކުލަވައިލައިލައި އެ ރިޕޯރޓް މަޖލިލީހާ ޙިއްޞާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުންވެސް ހިމެނެއެވެ.
މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދެބައި ކުޅަ އެއްބަޔަށް ވުރެވެސް ބޮޑަށް ދަށްވެފައ ވުމުން، ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ޚަރަދުތައް ކުޑަކުރުމަށް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ދެންނެވުން ވެސް ހިމެނެއެވެ.
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުފެއްދުންތެރިކަން ނެތް ކުންފުނިތައް ވަގުތުން ވަގުތަށް ހުށްޓާލާ- ޕާކްކޮށް، އުވާލެވެން ހުރިތަންތަން އުވާލުމަށް ދެންނެވުންވެސް ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން، އެކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި، ކުންފިނިތަކުގެ ފައިނޭންޝަލް ސްޓޭޓަސް ވަރަށް ގާތުން މޮނިޓަރކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯރޑްގައި ދެންނެވުންވެސް ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ޚަރަދުކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ، ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ ފައިސާ ހޯދިދާނެ ގޮތްތަކާ ބެހޭ ޕަލޭނެއް އެކުލަވާލުމަށް ދެންނެވުން ވެސް ހިމެނެއެވެ.
ސަބްސިޑީ ދިނުމުގެ އުޞޫލުތައް މުރާޖާކޮށް، ސަބަސިޓީތައް ޓާގެޓްކުރެވޭފަދަ ފްރޭމްވާރކެއް އެކުލަވާލުމަށްޓަކައި މިހާރު ރާއްޖޭގެ ޙާލަތު ދިރާސާކޮށް، އަދި އެއްކުރެވިފައިވާ ތަފާސް ހިސާބަށްބަލައި ރަނގަޅު ޕްލޭނެއް އެކުލަވާލުމަށާއި، އެޕްލޭނަކީ ދައުލަތުގެ ބަޖެޓަށްބުރަ ބޮޑުނުވާގޮތަށް ބައްޓަންކުރެވޭ ޕްލޭނެއްކަން ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުން ވެސް ހުށަހެޅުންތަކުގައި ވެއެވެ.
ކޯވިޑް -19 އާ ގުޅިގެން ދިމާވި ގެއްލުންތަކުން އިޤްތިޞާދު ކޮޅަށްޖަހާ އަދި އިޤްތިޞާދު ކުރިއަރާ ދުވެލި ބާރުކުރުމަށްޓަކައި މާލީ ސިނާޢަތަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ބަލައި ދިރާސާކޮށް، އަދި އިޤްތިޞާދުގައި ޙަރަތްތެރިވާ ވިޔަފާރިތަކަށް މިހާރަށްވުރެ ބޮޑަށް މާލީ ޚިދުމަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން ގެނަންޖެހޭ ބަދަލުތައް ގެނައުންވެސް ހުށަހެޅުން ތަކުގައި ހިމެނެއެވެ.