މިޒަމާނުގެ ބޭސްފަރުވާއާއި ރޯދަ

މިޒަމާނުގެ ޑޮކްޓަރީ ބޭސްފަރުވާގައި ބޭނުންކުރެވޭ ވަރަށް ގިނަ ވަސީލަތްތަކަކީ އެއީ ރޯދަ ގެއްލޭނެ ނުވަތަ ނުގެއްލޭނެކަމާއި މެދު ވަރަށް ގިނަ މީހުންގެ ހިތްތަކުގައި ސުވާލުއުފެދޭ ވަސީލަތްތަކެކެވެ. މިޒަމާނުގެ މިފަދަ މައްސަލައަކާއި މެދު އެންމެ ރަނގަޅު ނިންމުމެއް ކަމަށް ވާނީ ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ނިންމުމެއް ކަމަށް ފެނެއެވެ. މިހެންކަމުން، މިފަދަ ބައެއް ވަސީލަތްތަކާއި ބެހޭ ގޮތުން 1997 ވަނަ އަހަރު ޖޫން 28 ން ޖުލައި 3 އަށް ޖިއްދާގައި ބޭއްވުނު އިސްލާމިކް ކޮންފަރެންސް އޮގަނައިޒޭޝަންގެ އިސްލާމްކް ފިޤްހު އެކެޑަމީ (މަޖްމަޢު އަލްފިޤްހި އަލްއިސްލާމީ)ގެ 10 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާ ޤަރާރުގައިވާ ނުކުތާތައް ނަކަލުކޮށްލާނަމަވެ.

 

      ތިރީގައި މިބަޔާންކުރާ ވަސީލަތްތަކުން ރޯދަ ނުގެއްލޭނެއެވެ.

 

1-                ލޮލަށް އަޅާ ބޭސް، ކަންފަތަށް އަޅާ ބޭސް، ނޭފަތަށް އަޅާ ބޭސް، ނޭފަތް ސާފުކުރާ ސޮލިއުޝަން، އަދި އެއިން އެތެރެހައްޓަށް ދާ އާވި އަރުތެރެއިން ނުދިރުވޭނަމަ، ނެޒަލް ސްޕްރޭ

 

2-                އެއިން ކަރުތެރެއަށް ދާ އެއްޗެއް ދިރުވުމުން އެއްކިބާވެވޭނަމަ، ހާޓް އެޓޭކްގެ ފަރުވާއަކަށް ދުލުގެ ދަށަށް ލެވޭ ބޭސްގުޅަ

 

3-                އަންހެނުންގެ ކުރިމަތީފަރާތުގެ ތަޙުލީލުތަކަށް ޓަކައި އެތެރެއަށް ލެވޭ ތަކެއްޗާއި ބޭނުންކުރެވޭ ދިޔާ ތަކެތި

 

4-                ރަޙިމްތެރެއަށް ވެއްދޭ މައިކްރޮސްކޯޕް ފަދަ ތަކެތި

 

5-                ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ނުވަތަ އަންހެނުންގެ ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ވެއްދޭ މައިކްރޮސްކޯޕާއި، ހޮޅިފަދަ ތަކެއްޗާއި އެތެރެއަށް ފޮނުވާލެވޭ އެކްސްރޭއަށް ސެންސިޓިވް ސޮލިއުޝަނާއި، ސާފުކުރާ ދިޔާތަކެތި

 

6-                ދަތް ތޮރުފުމާއި، ދަތް އުފުރުމާއި، ދަތް ސާފުކުރުމާއި، ބުރުސް ބޭނުންކޮށްގެން ދަތްއުނގުޅުން. އެއީ ބޭނުންކުރާ ބޭސް ކަރުތެރެއަށް ގޮސް ދިރުވާނުލެވޭ ނަމައެވެ.

 

7-                ކަރުތެރެއިން އެއްވެސް އެއްޗެއް ދިރުވާނުލެވޭ ގޮތަށް ވިސްނައިގެން، އަނގަޔަށާއި ނޭފަތަށް ފެންލުމާއި އަނގައިގެ ފަރުވާއަށް ބޭނުންކުރެވޭ ސްޕްރޭ ބޭނުންކުރުން.

 

8-                ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ހަންގަޑަށް ނުވަތަ މަސްގަނޑަށް ނުވަތަ ނާރުތަކަށް ޖަހާ އިންޖެކްޝަން. ކާނާގެ ގޮތުގައި ބެލެވޭ އިންޖެކްޝަން މީގެތެރެއިން އިސްތިސްނާ ވާނެއެވެ. އެހެނީ، އެއިން ރޯދަ ގެއްލޭނެއެވެ.

 

9-                އޮކްސިޖަން

 

10-            ހޭނައްތާ ވަސީލަތްތައް، ބޯންދޭ އެއްޗެއް ނުހިމެނޭގޮތަށް ނަމަ

 

11-            ހަންގަނޑު ތެރެއިން ލާފައި ހަށިގަޑަށް ބޭހުގެ އަސަރު ފޯރާ ތެލާއި، ލޯޝަނާއި، ބޭސްމަލަންފަދަ ތަކެތި

 

12-            ހިތުގެ ބައްޔަށް ފަރުވާ ދިނުމުގައި، ލޭ ހޮޅިތެރެއަށް ވެއްދޭ ހިމަ ހޮޅިފަދަ ތަކެތި

 

13-            ބަނޑުތެރެ ޓެސްޓްކުރުމަށް ނުވަތަ ބަނޑުގެ އޮޕަރޭޝަންކުރުމަށް ބަނޑު ތޮރުފައިގެން ވައްދާ ހޮޅި

 

14-            ބަޔޮޕްސީފަދަ ކަންކަމަށް ހަށިގަނޑުގެ ގުނަވަންތަކުން ސާމްޕަލް ނެގުން، އެކަމުގައި ދިޔާ އެއްޗެއް ބޯންދިނުން ނުހިމެނޭނަމަ

 

15-            އިތުރު ދިޔާ އެއެޗެއް ނުދީ އެންޑޮސްކޯޕީ ހަދާ ހޮޅި ގޮހޮރަށް ފޮނުވުން

 16- އެއްވެސް އާލާތެއް ނުވަތަ ބޭސް ފަރުވާގެ ވަސީލަތެއް ސިކުނޑިއަށް ނުވަތަ މައިބަދައަށް ފޮނުވުން

މިދެންނެވުނު ކަންތަކުން ރޯދަ ނުގެއްލުނަސް ރޯދަވެރިޔާ އެކަން ނުކޮށް، ރޯދަނޫން ވަގުތެއްގައި ކުރަން ލަސްކުރެވޭނަމަ ރަނގަޅީ އެގޮތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.