ރަމަޟާންމަހު ރޯދަހިފުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނެވެ. އެހެނަސް ދަރުމައާއި ސަވާބުގެ ގޮތުން ރޯދައަކީ ކީރިތި ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ އަޅުކަމެކެވެ. އެއީ އެހެން އަޅުކަންތަކާއި ޚިލާފަށް އެހެން މީހުންނަށް ނޭނގި ކުރެވޭ އަޅުކަމަކަށް ވާތީއެވެ. އަދި އެހެން އަޅުކަންތަކަކީ ވަކި ތަކެއްޗެއް ދުލުންކިއުމާއި ކަންތައްތަކެއް ކުރުމުގެ، ނުވަތަ މުދަލުން ހޭދަކުރުމުގެ މައްޗަށް ބިނާވެފައިވާ އަޅުކަންތަކަކަށް ވެފައި، ރޯދައަކީ ވަކި ކަންތައްތަކަކުން މަނާވެގަތުމުގެ މައްޗަށް ބިނާވެފައިވާ އަޅުކަމަކަށް ވާތީއެވެ. ނަމާދާއި ޒަކާތް އަދި ޙައްޖަކީ އެހެން މީހުންނަށް ވެސް ފެނިގެން އަދާކުރެވޭ އަޅުކަންތަކެކެވެ. އެހެންކަމުން، އެއަޅުކަންތަކުގައި ދެއްކުމުގެ ބައި އެކުލެވިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއާއި ޚިލާފަށް ރޯދަވެރިޔާގެ ރޯދައަކީ ހަމައެކަނި ކީރިތި ﷲއާއި ރޯދަވެރިޔާއާއި ދެމެދު އޮންނަ އަޅުކަމެކެވެ. ނިޔަތް ޚާލިޞްވެގެންނޫނީ މީހަކު އަޅުކަމުގެ ގޮތުން ރޯދަހިފައިގެން ނުހުންނާނެއެވެ.
ކީރިތި ﷲގެ ޙަޟްރަތުގައި ރޯދައިގެ މަޤާމު އަންނަނިވި ޙަދީޘުން އެނގެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަޙްމަދާއި މުސްލިމާއި އައްނަސާއީ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ކީރިތި ﷲ ވަޙީކުރެއްވިއެވެ. كل عمل ابن آدم له إلا الصيام؛ فإنه لي، وأنا أجزي به، والصيام جُنَّة (އާދަމުގެދަރިޔާގެ ހުރިހާ ޢަމަލެއްވަނީ އޭނާ އަށެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަން ރަސްކަލާނގެ ޙަޟްރަތަށް ވާ އަޅުކަމެކެވެ. އެރޯދައިގެ ޖަޒާ އޭނާއަށް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ރޯދައަކީ ނަރަކައިން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ.) މާނައަކީ އާދަމުގެދަރިޔާގެ އެހެން ޢަމަލުތަކުގައި އޭނާގެ އަމިއްލަ ބޭނުންތައް (އެހެން މީހުންނަށް ކަންދައްކަން ކުރުމާއި، އެހެން މީހުންގެ ފަރާތުން ސަނާއާއި އުޖޫރަ ބޭނުންވުން) ހިމެނިގެން ވެއެވެ. އެހެނަސް ރޯދަހިފާނީ ހަމައެކަނި ކީރިތި ﷲއަށް ހިތް ނިޔަތް ޚަލާޞްކޮށްގެންނެވެ. އެހެންކަމުން އޭނާ ހިފާ ރޯދައަށް ﷲގެ ޙަޟްރަތުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން އުޖޫރައެއް ނުލިބޭނެއެވެ.
ރޯދައިގެ ދަރަޖަ މިވަރަށް މަތިވެރިވެގެންވާއިރު އެރޯދަ ހިފާމީހާއަށް ހުރި މަތިވެރިކަމުގެ ވާހަކަ ޞައްޙަ ޙަދީޘުތަކުން ވަނީ ސާބިތުވެފައެވެ. ފަހެ ރޯދަވެރިޔާ ހިފާ ކޮންމެ ރޯދައަކާއިއެކު އޭނާ ނަރަކައާއި އެތައް ހިސާބަކަށް ދުރުވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދު އަލްޚުދްރީގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ما من عبد يصوم يومًا في سبيل الله إلا باعد الله بذلك وجهه عن النار سبعين خريفًا (އަޅާ ﷲ އަށްޓަކައި ރޯދަހިފާ ކޮންމެ ދުވަހަކު އެރޯދައިގެ ސަބަބުން މާތް ﷲ އޭނާގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަށް ދުރުކުރައްވާނެއެވެ.)
ރަމަޟާންމަހުގެ ރޯދައަށްޓަކައި މާތް ﷲ ވަރަށް ޚާއްޞަ ކަންތައްތަކެއް ކުރައްވައެވެ. ރަމަޟާންމަސް އައުމުން އެމަހާއި ބެހޭގޮތުން ކީރިތި ރަސޫލު ޙަދީޘުކުރެއްވިކަމަށް، މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްޙާކިމާއި އަލްބައިހަޤީ ރިވާކުރައްވާފައި ވެއެވެ. تفتح فيه أبواب الجنة، وتغلق فيه أبواب الجحيم، وتُغلّ فيه الشياطين، فيه ليلة خير من ألف شهر (އެމައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އެމައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ.)