ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

އުޒުރަކަށްޓަކައި ނަމަވެސް ނުވަތަ އުޒުރެއްނެތި ނަމަވެސް ރަމަޟާންމަހުގެ ރޯދަ ނުހިފައި ދޫކޮށްލާ މީހާ އެރޯދަ ޤަޟާކުރަން ޖެހެއެވެ. ރަމަޟާންމަސް ނިމުމުން އަހަރުތެރޭ ކޮންމެވެސް ދުވަހަކުއެވެ. ކީރިތި ﷲ ވަޙީކުރައްވަނީ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ - سورة البقرة: 185 (އެހެން ދުވަސްތަކަކުން ހަމަކޮށް އެޢަދަދަށް ރޯދަހިފުން ހުއްޓެވެ.) މިފަދައިންނެވެ.

 ޤަޟާ ރޯދަ ހިފަންޖެހެނީ ރޯދަހިފުން ހުއްދަ ދުވަސްދުވަހުއެވެ. ދެޢީދު ދެދުވަސް ނުވަތަ އައްޔާމުއްތަޝްރީޤު ފަދަ ރޯދަ ޙަރާމް ދުވަސް ދުވަހު ޤަޟާ ރޯދަވެސް ނުހިފޭނެއެވެ. އަދި ފާއިތުވެފައިވާ ރަމަޟާންމަހެއްގެ ރޯދަ ރަމަޟާންމަހެއްގެ ތެރޭގައި ޤަޟާ ނުކުރެވޭނެއެވެ. އެއީ އެ ރަމަޟާންމަހުގެ ފަރުޟު ރޯދަ ހިފަންޖެހޭނެތީއެވެ.

 މުޅި ރަމަޟާންމަސް އެކުގައި ގެއްލުނު މީހާ ޤަޟާކުރާނީ އެރަމަޟާންމަހުގެ ދުވަސްތަކުގެ ޢަދަދަށެވެ. ތިރީސްދުވަސް ނަމަ ތިރީސް ރޯދައެވެ. ނަވާވީސް ދުވަސް ނަމަ ނަވާވީސް ރޯދައެވެ. އަދި ޤަޟާކުރާއިރު ވިދިވިދިގެން ރޯދަހިފާކަށް ނުޖެހެވެ. އެކިދުވަސްދުވަހު ހިފައި ޢަދަދު ހަމަކުރުމުން ރަނގަޅުވާނެއެވެ.

ރަމަޟާންމަހުން ގެއްލުނު ރޯދަ ރަނގަޅީ ވީހާވެސް އަވަހަކަށް ހިފުމެވެ. ނަމަވެސް ލަސްކުރުން ހުއްދައެވެ. އަނެއް ރަމަޟާންމަސް އައުމުގެ ކުރިން ހިފާ ގޮތަށެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. كان يكون عليّ الصوم من رمضان، فما أستطيع أن أقضي إلاّ في شعبان (ތިމަންކަމަނާގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ ޤަޟާކުރަންޖެހިފައި އޮވެ، ތިމަންކަމަނާއަށް ޝަޢުބާންމަހުގައި ނޫނީ އެރޯދަތައް ޤަޟާނުކުރެވި އެބަދެއެވެ.)

 ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށް ހުއްޓައި އަނެއް ރަމަޟާންމަސް އަތުވެއްޖެނަމަ، ދެން ރޯދަ ޤަޟާކުރުމުގެ އިތުރަށް ކައްފާރާ ދޭންޖެހޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ކޮންމެ ރޯދައަކަށް މިސްކީނަކަށް މުއްދެއްގެ މިންވަރު ދިނުމެވެ. މާލިކީ، ޝާފިޢީ އަދި ޙަންބަލީ މަޒްހަބުގައި ވަނީ މިގޮތަށެވެ. އެބޭފުޅުންގެ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ބަސްފުޅު ހިމެނެއެވެ. އަލްބައިހަޤީ ރިވާކުރައްވާފައި ވެއެވެ. ކުރީ ރަމަޟާންމަހުގެ ރޯދަ ޤަޟާނުކޮށް ހުރެ އަނެއް ރަމަޟާންމަހާއި ކުރިމަތިލީ މީހަކާއި ބެހޭގޮތުން ޢަބްދުﷲ ބްނު ޢައްބާސް އަރިހުގައި ސުވާލުދެންނެވުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. يصوم هذا، ويطعم عن ذاك كل يومٍ مسكينًا، ويقضيه  (އޭނާ މިރަމަޟާންމަހުގެ ރޯދަ ހިފާށެވެ. އަދި ކުރީގެ ރޯދައިގެ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދީފައި ރޯދަ ޤަޟާކުރާށެވެ.)

 އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ އިތުރު ރަމަޟާންމަހެއް ފާއިތުވިޔަސް ހަމަ އެކަނި ޤަޟާކުރުމުން ފުދޭނެކަމުގައެވެ. އަދި ކައްފާރާ ދޭން ނުޖެހޭނެކަމުގައެވެ.

 ރަމަޟާންމަހުގެ ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހަކު ޝައްވާލުމަހުގެ ފުރަތަމަ ކޮޅު އެރޯދަ ޤަޟާކޮށްފިނަމަ އޭނާއަށް ޤަޟާ ރޯދައިގެ އިތުރުން ޝައްވާލުމަހުގެ ހަރޯދައިގެ ސަވާބު ލިބޭނެ ހެއްޔެވެ؟ ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް ނިޔަތް ގަނެގެން (ހަދުވަހުގެ ރޯދައިގެ ސަވާބުވެސް ހޯދުމުގެ ނިޔަތުގައި) ރޯދަހިފައިފިނަމަ ހަރޯދައިގެ ސަވާބުވެސް ލިބޭނެކަމަށެވެ. އެހެނަސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހަމައެކަނި ސުންނަތް ރޯދަ ހިފިމީހާއަށްވުރެ އޭނާއަށް ލިބޭ ދަރުމަ މަދުވާނެކަމުގައެވެ. އަދި ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެގޮތަށް ނިޔަތް ނުގަތް ނަމަވެސް އެދުވަސްވަރު ރޯދަ ހިފައިފިނަމަ ޤަޟާ ރޯދައިގެ ސަވާބާއިއެކު ހަދުވަހުގެ ރޯދައިގެ ސަވާބުވެސް ލިބޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.