ފާފައިގެ އަސަރު ރޯދައަށް ކުރަނީ ކިހާވަރަކަށް؟

ރޯދަ ފަރުޟުކުރައްވާފައިވަނީ ތަޤުވާވެރިވުމަށް ކަމުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެހެންކަމުން ރޯދައިގެ ޙަޤީޤީ މާނައަކީ ހަމައެކަނި ކެއިންބުއިމާއި ޝަހްވާނީ އެދުން ފުއްދުމުން ދުރުހެލިވުން ނޫންކަމުގައި ބުނެވިދާނެއެވެ. ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ޓަކައި، މަނާކުރައްވާފައިވާ ކަންކަމުން އަތްފައި ދުރުކުރުމާއި، ހުއްދަނޫން ތަންތަނަށް ނުބެލުމާއި، ހުއްދަނޫން ތަކެތި އަޑު ނޭހުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

 އެހެންކަމުގައި ވަނީނަމަ މިދެންނެވި ކަންކަމަށް އަރައިގަންނަ މީހާ، އާދެ! ރޯދައަށް ހުރެ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހާގެ ރޯދަ އެއީ ޞައްޙަ ރޯދައެއް ކަމުގައި ވާނެ ހެއްޔެވެ؟ ނުވަތަ އޭނާގެ ރޯދަ ގެއްލި އެރޯދަ އަލުން ޤަޟާކުރަން ޖެހޭނެ ހެއްޔެވެ؟

 މާތް ﷲ ރުއްސުންލެއްވި ޢާއިޝާ އާއި އަދި ބައެއް އަޞްޙާބުބޭކަލުންނާއި އަލްއިމާމު އަލްއަވްޒާޢީއާއި އަލްއިމާމު އައްޘަވްރީ ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރެ ދޮގުހެދުން ނުވަތަ ޣީބަބުނުންފަދަ ބޮޑު ފާފައަކަށް އަރައިގަންނަ މީހާގެ ރޯދަ ގެއްލޭނެއެވެ. އަދި އޭނާ ޖެހޭނީ އެރޯދަ ޤަޟާކުރާށެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީއާއި އަޙްމަދާއި އަބޫދާވޫދާއި އައްތިރްމިޛީއާއި އިބްނުމާޖާ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. من لم يدع قول الزور والعمل به، فليس لله حاجة في أن يدع طعامه وشرابه (ހަޑިހުތުރު ވާހަކަ ދައްކައި، އެފަދަ ޢަމަލުކުރުން ހުއްޓާނުލާ މީހާ، ފަހެ އޭނާ ރޯދައަށް ހުރުމަށް ކީރިތި ﷲ ބޭނުންވެވޮޑިނުގަންނަވައެވެ.) މާނައަކީ ކީރިތި ﷲގެ ޙަޟްރަތުގައި އޭނާގެ ރޯދައިގެ އެއްވެސް އަގެއް ނެތެވެ.

 ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ފާފަތަކަށް އަރައިގަންނަ މީހާ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ. އެރޯދައިން އޭނާގެ މައްޗަށް އޮތް ފަރުޟު އަދާ ކުރެވޭނެއެވެ. އެހެނަސް އެރޯދައިން އޭނާއަށް ސަވާބެއް ނުލިބޭނެއެވެ. އޭނާގެ ބަނޑުހައިހޫނުކަމާއި ކަރުހިއްކުމުން އޭނާއަށް ލިބޭނެ އެއްވެސް އެއްޗެއް ނެތެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އައްނަސާއީއާއި އިބްނުމާޖާއާއި އިބްނުޚުޒައިމާއާއި އަލްޙާކިމް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. رب صائم ليس له من صيامه إلا الجوع (އެމީހަކު ރޯދައަށް ހުރުމުން އެރޯދައިން އޭނާއަށް ބަނޑުހައިހޫނުކަން ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭ އެތައް ރޯދަވެރިންނެއް ވެއެވެ.)

 މީގެ މާނައަކީ ފުރިހަމަގޮތުގައި ރޯދަހިފުމަކީ ހަމައެކަނި ކެއިންބުއިމާއި ޝަހްވާނީ އެދުމުން އެއްކިބާވުމެއް ނޫނެވެ. ހަޑިހުތުރު ވާހަކަ ދެއްކުމާއި ހަޑިހުތުރު ޢަމަލުކުރުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ރޯދައިގެ ބައެކެވެ. ހަމައެކަނި ތިމާގެ މައްޗަށް އޮތް ފަރުޟެއް އަދާ ކުރުމުގެ އިތުރުން އެއަޅުކަމުން ތިމާއަށް ސަވާބުލިބުން އެދޭނަމަ ރޯދަވެރިޔާ ހުންނަން ޖެހޭނީ މިފަދަ ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެގެންނެވެ.

 ބޮޑެތި ފާފަތަކަށް އަރައިގަތުމުން ރޯދައިގެ ސަވާބު ރޯދަވެރިޔާއަށް ގެއްލިގެންދާ ފަދައިން، ކުޅިވަރާއި، މަޖަލުގައި ރޯދައިގެ ވަގުތު ހޭދަކުރުމަކީވެސް ރޯދަވެރިޔާގެ ރޯދައަށް އުނިކަން އަންނާނެ ކަމެކެވެ. އެހެންކަމުން ރޯދަވެރިޔާއަށް އެންމެ އެދެވިގެންވާ ގޮތަކީ ރޯދައަށް ހުންނައިރު މިފަދަ ހުރިހާ ކަމަކުން ވީހާވެސް ދުރުހެލިވެ، ވީވަރަކުން އަޅުކަމާއި، ހެޔޮ ޢަމަލުގައި ތިމާގެ ވަގުތު ހޭދަކުރަން މަސައްކަތް ކުރުމެވެ. ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ވަޒީފާގައި ވަގުތު ހޭދަކުރަން ޖެހޭ މީހާވެސް، އެވަޒީފާގައި ހުންނަ ވަގުތުވެސް ނުބައި ޢަމަލުތަކުން ދުރުހެލިވެހުރުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.