ދަތުރުވެރިޔާގެ ރޯދަ

ދަތުރުވެރިޔާ ހިމެނެނީ ދީނުގައި ރޯދަ ދޫކޮށްލުން ހުއްދަ ކުރައްވާފައިވާ މީހުންގެ ތެރޭގައެވެ. ރޯދަ ފަރުޟުކުރެއްވި އާޔަތުގައި މާތް ﷲ ވަނީ މިކަން ބަޔާންކުރައްވާފައެވެ. ދަތުރުވެރިޔާ ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކެއްވެއެވެ.

 މިގޮތުން ދަތުރުވެރިޔާ، ދީން ހުއްދަ ކުރައްވާފައިވާ ކަމަކަށް ކުރާ ދަތުރެއްގެ މަތީގައި ވާންޖެހޭނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާ ވަނީ ދީނުގައި މަނާކުރައްވާފައިވާ ކަމަކަށް ކުރާ ދަތުރެއްގައި ނަމަ  އޭނާއަށް ރޯދަ ދޫކުރުން ހުއްދަ ނުވާނެއެވެ.

 ޖުމްހޫރު (ގިނަ) ޢިލްމުވެރިން ވިދާޅުވާގޮތުގައި ރޯދަ ދޫކޮށްލުން ހުއްދަވާނީ ނަމާދު ޤަޞްރުކުރުން ހުއްދަވާ ދަތުރެއްގައެވެ. މިފަދަ ދަތުރެއްގެ ދިގުމިނަކީ 82 ކިލޯމީޓަރުކަމުގައި މިޞްރުގެ ދާރުލްއިފްތާ އިން ކަނޑައަޅުއްވައިފައިވެއެވެ. ޝާފިޢީ މަޒްހަބުގެ ރައުޔަކީވެސް މިއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، މިއަށްވުރެ ދަތުރު ކުރު ނަމަވެސް ޢާއްމުގޮތެއްގައި ދަތުރެއްކަމުގައި ބެލެވޭ ދުރުމިނަކަށް ކުރެވޭ ކޮންމެ ދަތުރެއްގައި ނަމާދު ޤަޞްރުކުރެވޭނެއެވެ. އަދި ރޯދަ ދޫކޮށްލުންވެސް ހުއްދަވާނެއެވެ.

 ދަތުރެއްގެ މަތީގައި ކަމަށް ބަލައި ރޯދަދޫކޮށްލެވޭނީ ކިތައްދުވަހު ކަމަށް ކަނޑައެޅުމަށްވެސް ބަލާފައިވަނީ ނަމާދު ޤަޞްރުކުރުން ހުއްދަކުރާ މުއްދަތެވެ. އަލްއިމާމު އައްޝާފިޢީ ވިދާޅުވަނީ ދަތުރެއްކަމަށް ބެލެވޭނީ ހަތަރުދުވަހަށްވުރެ ކުރުމުއްދަތަކަށް ރަށެއްގައި ހުންނަން ކަނޑައަޅައިގެން މަޑުކުރުމުންނެވެ. މިފަދަ މީހާއަށް ރޯދަދޫކޮށްލުން ހުއްދަވާނެއެވެ. އަލްއިމާމު އަޙްމަދާއި އަލްއިމާމު މާލިކުގެ މަޒްހަބަކީވެސް މިއީއެވެ. މިފަދަ މީހާ ހަތަރު ދުވަހަށް ވުރެ ގިނަ ދުވަހަށް ހުންނަން ކަނޑައަޅައިގެން ރަށެއްގައި މަޑުކޮށްފިނަމަ އޭނާ ރޯދަ ހިފަން ޖެހޭނެއެވެ. އަނެއްކޮޅުން އަވަހަށް ކަމެއް ނިންމައިގެން އެނބުރި އައުމުގެ ނިޔަތުގައި ރަށަކަށް ގޮސް، އެނިންމަން ދިޔަކަން ނުނިމި އެރަށުގައި ގިނަ ދުވަހު ހުންނަން ޖެހުނަސް އެކަމެއް ނިމެންދެން އޭނާ ރޯދަދޫކޮށްލުން ހުއްދަކަމަށް ޝާފިއީ ނޫން އަނެއް ތިން މަޒުހަބުގެ ބޭފުޅުން ވިދާޅުވެއެވެ.

 މަތިންދާބޯޓާއި، ރޭލާއި، ކާރާއި ސްޕީޑްބޯޓުފަދަ މިޒަމާނުގެ ދަތުރުފަތުރުގެ ފަސޭހަތަކުގެ ބޭނުން ހިފައިގެން ދަތުރުކުރާ މީހުންނަކީ ވެސް ރޯދަ ދޫކޮށްލުން ހުއްދަ މީހުންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ކޮންމެ ގޮތަކަށް ވިޔަސް އެމީހުންނަކީ ދަތުރުގެ އުނދަގޫ އުފުލާ ބަޔަކަށް ވާތީއެވެ.

 ދަތުރުވެރިޔާއަށް ދަތުރުމަތީގައި ރޯދަހިފުން އުނދަގޫ ނުވަތަ ފަސޭހަ ވަރަށް ބަލާފައި އޭނާގެ ރޯދައާއި މެދުވެސް ޢިލްމުވެރިން ވަނީ އެބޭފުޅުންގެ ރައުޔު ފާޅުކުރައްވާފައެވެ. ދަތުރުމަތީގައި ރޯދައަށް ހުރުމަކީ ތަޙައްމަލްކުރަން ދަތިވާވަރަށް އުނދަގޫކަމެއް ކަމުގައި ވަނީނަމަ އެރޯދަ ދޫކޮށްލަން ޖެހޭނެއެވެ. އަދި އޭނާއަށް ރޯދަހިފުން ފަސޭހަކަމުގައި ވަނީނަމަ އޭނާއަށް ރަނގަޅީ ރޯދައަށް ހުރުމެވެ. ނަމަވެސް އޭނާ ބޭނުންނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. ޙަމްޒާ ބްނު ޢަމްރު އަލްއަސްލަމީ ރަސޫލުﷲ صلى الله عليه وسلم އަށް ދެންނެވިއެވެ. ތިމަން ދަތުރުމަތީގައި ރޯދަހިފާނީ ހެއްޔެވެ؟ (އެކަލޭގެފާނަކީ ގިނައިން ރޯދަހިއްޕަވާ ބޭފުޅެކެވެ.) އެހިނދު ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. إن شئتَ فصم وإن شئتَ فأفطر (ތިބާ ބޭނުމިއްޔާ ރޯދަ ހިފާށެވެ. އަދި ތިބާ ބޭނުމިއްޔާ ރޯދަ ދޫކޮށްލާށެވެ.)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.