ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން

ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރައްވާފައިވަނީ އެމައްސަރު ފެށުނީއްސުރެ ނިމެންދެނެވެ. ރަމަޟާންމަސް ފެށުނުކަން ސާބިތުކުރަން ޖެހެނީ ހަނދު ބަލައިގެންނެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢުމަރުގެ އަރިއަހުން އަލްބުޚާރީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. الشهر تسع وعشرون فلا تصوموا حتى تروه فإن غم عليكم فأكملوا العدة ثلاثين (މައްސަރުގައި ހުންނަނީ ނަވާވީސް ދުވަހެވެ. ފަހެ ހަނދު ނުފެންނަނީސް ތިޔަބައިމީހުން ރޯދަނުހިފާށެވެ. ހަނދު ނުފެންނަގޮތް ދިމާވެއްޖެ ނަމަ ތިރީސްދުވަސް ފުރިހަމަކުރާށެވެ.) އެހެންކަމުން ހަނދު ބަލަން ޖެހެނީ ޝަޢުބާންމަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. އެރޭ ހަނދު ފެނިއްޖެ ނަމަ ފަހު ދުވަހު ރޯދަހިފާނީއެވެ. ހަނދު ނުފެނިއްޖެ ނަމަ ޝަޢުބާންމަހުގެ 30 ދުވަސް ހަމަކޮށް ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާނީއެވެ.

އަލްއިމާމު އައްޝާފިޢީއާއި ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ތެދުވެރި އެންމެ މުސްލިމް ފިރިހެނެއްގެ ހެކިބަހުން ހަނދު ސާބިތުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަބޫދާވޫދާއި އަލްޙާކިމާއި އިބްނުޙިއްބާން ރިވާކުރައްވާފައި ވެއެވެ. تراءى الناس الهلال فأخبرت رسول الله صلى الله عليه وسلم أني رأيته فصام وأمر الناس بصيامه (މީސްތަކުން ހަނދު ބަލަން ނިކުތެވެ. ދެން ތިމަން ރަސޫލުﷲ صلى الله عليه وسلم އަށް ތިމަންނާއަށް ހަނދު ފެނުނު ޚަބަރު ދިނީމެވެ. އެހިނދު އެކަލޭގެފާނު ރޯދަހިއްޕެވިއެވެ. އަދި މީސްތަކުންނަށް އެދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.) ބައެއް ޢިލްމުވެރިން ދެ ހެކިންގެ ހެކިބަސް ބޭނުންވާނެކަމަށްވެސް ވިދާޅުވެއެވެ.

ހަނދު ފެނިގެން ހަނދު ސާބިތުކޮށް އެކަން ޢިއުލާނުކުރާނީ މުސްލިމް ޤައުމެއްގައިނަމަ ދައުލަތުގެ ފަރާތުންނެވެ. މުސްލިމް ވެރިކަމެއް ނެތް ޣައިރު މުސްލިމް ޤައުމެއްނަމަ މުސްލިމުންގެ ކަންތައްތައް ބަލަހައްޓާ އިދާރާއެއްގެ ފަރާތުންނެވެ. އަދި ރަމަޟާންމަސް ފެށޭއިރު ޤައުމުން ބޭރުގައިވާ މީހާ ތަބާވާން ޖެހޭނީ އޭނާ ހުރި ޤައުމުގެ މީހުންނާއެވެ. އެމީހުންނަށް ހަނދު ފެނި އޭނާގެ ޤައުމަށް ހަދު ނުފެނުނަސް އޭނާ ރޯދަ ހިފާނީއެވެ. އެމީހުންނަށް ހަނދު ނުފެނި އޭނާގެ ޤައުމަށް ފެނުނަސް އޭނާ އެދުވަހު ރޯދަ ހިފާކަށް ނުޖެހޭނެއެވެ.

މުސްލިމް އެއް ޤައުމަށް ހަނދު ފެނުމުން އަނެއް ޤައުމުގެ މީހުން ރޯދަ ހިފަން ޖެހޭނެ ބާވައެވެ؟ ނޫނީ ކޮންމެ ޤައުމަކުންވެސް ޖެހޭނީ އެޤައުމެއްގެ މީހުން ހަނދު ބަލައި ހަނދު ސާބިތުކުރަން ހެއްޔެވެ؟ މިކަމާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިންނާއި ޙަނަފީ މަޒްހަބުގެ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ޤައުމަކުން ތަބާވާނި އެޤައުމުގައި ސާބިތުކުރެވޭ ހަނދަށެވެ. އެހެނަސް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މުސްލިމް ކޮންމެ ޤައުމަކަށް ހަނދު ފެނުނަސް ހުރިހާ މުސްލިމުންނަށް އެހަނދަށް ރޯދަހިފޭނެއެވެ. އިސްލާމީ ދުނިޔޭގައި ހަނދު ސާބިތުކުރުމުގެ ކަންތައް މިގޮތަށް ގެންދިއުމަށް މުސްލިމް ޤައުމުތަކުގެ މެދުގައި މަތީފެންވަރުގައި ވާހަކަދެކެވިފައި ވީނަމަވެސް ހުރިހާ ޤައުމަކުން މިގޮތަށް އެއްބަސް ނުވާތީ މިގޮތަށް ވަނީ ޢަމަލު ނުކުރެވިފައެވެ.

ހަނދު ބެލުމުގައި ފަލަކީ ހިސާބު ބޭނުންކުރެވެނީ ކިހާވަރަކަށް ބާވައެވެ؟ މިމައްސަލައިގައި އިހާއި ފަހުގެ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ހަނދު ފެންނާނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާރެއެއްގައި ވިއްސާރަވެ ވިލާބޯވުމުގެ ސަބަބުން ހަނދު ނުފެނިއްޖެ ނަމަ ހިސާބުގެ މައްޗަށް ބިނާކޮށް ހަނދު ސާބިތުކުރެވިދާނެކަމަށް ފެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.