ރޯދަ ދޫކޮށްލުން

ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްދީނުގެ ރުކުނަކަށް ވީއިރު އެރޯދަ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެމައްޗަށް ފަރުޟުވެގެން ވެއެވެ. އެހެންކަމުން ރޯދަ ހިފައިގެން ހުރެ އެއްވެސް އުޒުރަކާއި ނުލައި ރޯދަ ދޫކޮށްލުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. އެކަން ކުރާ މީހަކު ހިމެނޭނީ ﷲއަށް އުރެދޭ މީހުންގެ ތެރޭގައެވެ. މިފަދަ މީހުންނާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަބޫދާވޫދު ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. من أفطر يوماً من رمضان من غير رخصة رخصها الله له لم يقض عنه صيام الدهر (މާތްﷲ ރޯދަދޫކޮށްލުން ހުއްދަކުރެއްވި އެއްވެސް ސަބަބެއްނެތި ރަމަޟާންމަހުގެ އެންމެ ދުވަހަކުވެސް ރޯދަ ދޫކޮށްލައިފިމީހާ މުޅި ޢުމުރު ރޯދަ ހިފިޔަސް އެރޯދަ ޤަޟާނުކުރެވޭނެއެވެ.)

އެހެންނަމަވެސް ޝަރުއީ އުޒުރަކާއި ލައިގެން ރޯދަ ދޫކޮށްލުން ވަނީ ދީނުގައި ހުއްދަ ކުރައްވާފައެވެ. ރޯދަ ދޫކުރާ މީހާ ރޯދަ ދޫކޮށްލަނީ، އޭނާ ރޯދަހިފަން ބޭނުންވެފައި ހުރެމެ ރޯދަ ހިފޭނެ ކުޅަދާނަކަން ނެތިގެންތޯ، ނުވަތަ އޭނާ ދައްކާ އުޒުރަކީ ރޯދަ ދޫކޮށްލުމަށް ދައްކާ ބަހަނާއެއްތޯ މިކަންކަން އޭނާގެ ޚާލިޤުވަންތަ ރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ކަން ރޯދަވެރިޔާ ހަނދާންކުރަން ޖެހެއެވެ. މިކަން ހަނދުމަހުރި ރޯދަވެރިޔަކު ޙަޤީޤަތުގައިވެސް ދޫކޮށްލަން ޖެހޭ ރޯދައެއް ނޫނީ ދޫނުކުރާނެއެވެ. ކީރިތި ﷲ ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަ ދެއްވާފައިވަނީ މިފަދަ އުޒުރުވެރިންނަށެވެ.

މިފަދަ އުޒުރުތަކުގެ ތެރެއިން ފުރަތަމަ އުޒުރަކީ ބަލިވުމެވެ. ރަމަޟާންމަހު ރޯދަހިފުން ފަރުޟުވެފައިވާ އެއްވެސް މީހަކަށް އެބައްޔެއްގެ ސަބަބުން އޭނާއަށް ރޯދައަށް ހުރުމަށް ނުކުޅެދޭ ފަދަ އެއްވެސް ބައްޔެއް ކުރިމަތިވެއްޖެނަމަ ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުން އޭނާއަށް ހުއްދަވާނެއެވެ.

ޢުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ރޯދައަށް ހުރުމަށް ނުކުޅެދޭ މީހާގެ މައްޗަށްވެސް ރަމަޟާންމަހު ރޯދައަށް ހުރުން ވާޖިބުވެގެން ނުވެއެވެ.

ރަމަޟާންމަހު ރޯދައަށް ހުއްޓައި ފެންބޮވައިގެން ނުވަތަ ބަނޑުހައިވެގެން ގޮސް ފުރާނައަށް ގެއްލުންވާ ހިސާބަށް އޭނާގެ ޙާލަތު ހިނގައްޖެ މީހާއަށް ރޯދަ ދޫކޮށްލުން ވާޖިބުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَلاَ تَقْتُلُوا أَنْفُسَكُمْ إِنَّ اللهَ كَانَ بِكُمْ رَحِيمًا – سورة النساء: 29 (ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ގަތުލު ނުކުރާހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲއީ ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.)

ރޯދަ ހިފަން އުދަނގޫވާ މާބަނޑު އަންހެންމީހާ އާއި ރޯދައަށް ހުރުމުން ކިރުދޭ ދަރިފުޅަށް ކިރުނުދެވޭ ފަދަ ކިރުމައިމީހާ ވެސް ރޯދަ ދޫކޮށްލުން ދީނުގައި ވަނީ ހުއްދަކުރައްވާފައެވެ.

ދަތުރުވެރިޔާއަކީ ވެސް ރޯދަ ދޫކޮށްލުން ހުއްދަވާ މީހެކެވެ. ރޯދަ ފަރުޟުކުރެއްވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  وَمَن كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخًرَ – سورة البقرة: 184 (ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ އެހެން ދުވަސްތަކަކުން އެޢަދަދު ހަމަކުރުން ހުއްޓެވެ.) މާނައަކީ އޭނާ ރަމަޟާންމަހު އޭނާ ބަލިވެ އުޅުނު ނުވަތަ ދަތުރުމަތީގައި އުޅުނު ދުވަސްތަކުގެ ރޯދަ ދޫކޮށްލައި، އެދޫކޮށްލި ރޯދައިގެ ބަދަލުގައި އަހަރުތެރެއިން އެހެން ދުވަސްތަކެއްގައި ރޯދަހިފާނީއެވެ.    

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.