ކޮވިޑް- 19: މި ހާލަތު ރަނގަޅުނުވެ ކުރިޔަށް ދާނަމަ ތަރާވީހު ނަމާދާއި އީދު ނަމާދު ގޭގައި: ސަައޫދީ މުފްތީ

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް، ސައޫދީ އަރަބިއްޔާގައި ވެސް މަތަނުވެ ފެތުރެމުންދާއިރު، މިހާލަތު ރަނގަޅު ނުވެ ދެމިގެން ދާނަމަ، މި ފަހަރު ތަރާވީހު ނަމާދު އަދީ އީދު ނަމާދުވެސް ކުރަންޖެހޭނީ ގޭގައި ކަމަށް ސައޫދީ އަރަބިއްޔާގެ މުފްތީ އަދި އިސް ޢިލްމުވެރިންގެ ކައުންސިލްގެ ރައީސު އައްޝައިޚް ޢަބުލްޢަޒީޒު ބިން ޢަބްދުﷲ އާލުއްޝައިޚް ވިދާޅުވެއްެޖެއެެވެ.

ދީނީ ކަންކަމުގައި އެ ގައުމުގައި އެންމެ ފަހު ބަސް ވިދާޅުވާ މުފްތީއާ ހަވާލާދީ އެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފައިވާ ގޮތުގައި، ކޮރޯނާ ވައިރަހުން ޖައްސާ ބަލި، ކޮވިޑް- 19 އާ ދެކޮޅަށް އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެތީ، ތަރާވީޙު ނަމާދު ކުރަންޖެހޭނީ ގޭގައެވެ. ރަސޫލުﷲ ވެސް އެފަދައިން ޢަމަލުކުރައްވާފައި ވާތީ އެއީ މުސްލިމުން މި ހާލަތުގައި އަމަލުކުރުން އެންމެ ރަނގަޅު ގޮތެވެ. ރަސޫލުﷲ ވެސް ވަނީ އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި ރަމަަޟާން މަހުގެ ރޭތައް އިޙްޔާކުރައްވާފައެވެ. މުފްތީ ފާހަގަކުރެއްވި ގޮތުގައި ތަރާވީޙު ނަމާދަކީ ސުންނަތް ނަމާދެކެވެ. އެއީ ވާޖިބު ނަމާދެއް ނޫނެވެ.

ކޮވިޑް- 19 ގެ ޙާލަތު މިގޮތަށް ދެމިއޮވެއްޖެ ނަމަ، ޢީދު ނަމާދުވެސް ކުރަން ޖެހޭނީ ގޭގައެވެ. މުފްތީ ޢަބްދުލްޢަޒީޒު ފާހަގަކުރެއްވި ގޮތުގައި ޢީދު ނަމާދު ޖަމާޢަތުގައި ނުކުރެވޭނަމަ، ގޭގައި ޢީދު ނަމާދު ކުރެވިދާނެއެވެ. އެހެެން ނަމަވެސް ގޭގައި ކުރާ ޢީދު ނަމާދުގައި ޚުޠުބާއެެއް ނުކިޔާނެއެެެވެ. އޭނާ ވިދާޅުވި ގޮތުގައި ޢީދު ނަމާދުގެ ޖަމާއަތް ނުލިބުނު މީހާއަށް ގޭގައި އެ ނަމާދު ކުރުން ހުއްދައިރު، އުޒުރަކަށްޓަކައި އީދު ނަމާދު ޖަމާއަތް ނުބޭއްވޭނަމަ، ގޭގައި އީދު ނަމާދުކުރުން މާ އައުލާކަން ބޮޑެވެ.

ކޮވިޑް- 19 ސައޫދީ އަރަބިއްޔާގައި ވެސް ފެތުރެމުން ދާއިރު، މިއަދު އެކަނިވެސް އެ ގައުމުގައި 762 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވީ މީހުންގެ ޖުމްލަ މިހާރު ވަނީ 7140 އަށް އަރާފައެވެ. އަދި 77 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.