މާލެއިން ޕޮޒިޓީވް މީހުންގެ ޢަދަދު 8 އަރައިފައިވާއިރު މިހާރުގެ އަންދާޒާތަކަށް ބަލާއިރު 14 ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށް ލަފާ ކުރެވެކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނަޒުލާ ރަފީޤް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ބޭއްވި އެންއީއޯސީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ކޭސްތައް ފެންނަން ފެށުމާއެކު އެކޭސްތައް ފެންނަ މިންވަރަށް ބަލާ އަލަށް ހޯފައިވާ އަންދާޒާތަކުން ފުރަތަމަ ކޭސް ފެންނަތާ 14 ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށް ބެލެވޭކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތީ ވަރަށް ސަމާލުވެގެން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސް ވަރެއްކަމަށެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެންނަ މީހުން ވެސް އަވަހަށް މަޢުލޫމާތު ދިނުމާއި އަދި ޓެސްޓްކުރަމުން ދިއުމަކީ ވަރަށް ސަމާލުކަން ދެއްވައިގެން ކުރައްވަން ޖެހޭ ކަންކަން ފާހަގަ ކުރެއްވިއެވެ.
އައިޑެންޓިފައިކުރެވޭ މީހުންގެ ތެރެއިން ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓެއް ކަމަށްވާނަމަ އަލާމަތްތައް ހުއްޓަސް ނެތަސް ޓެސްޓް ކުރައްވަމުން ދާކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. ދެދުވަހެއްގެ ތެރޭގައި އެހާ ގިނަ ކޭސްތަކެއް ފެނިފައި ވަނީ އެގޮތަށް މަސައްކަތް ކުރުމުން ދިއުމުން ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ގުޅޭ ގޮތުން މަޢުލުމާތު ދެއްވާ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުންގެ ޢަދަދު ގިނަ ކަމަށެވެ. އެވްރެޖްކޮށް އެހެން ޤައުމުތަކުގައި ކޮންޓެކްޓް ވާ މިންވަރު 30 ގައި އުޅޭއިރު ރާއްޖޭގައި އެޢަދަދު އުޅެނީ 40 އަށް ވުރެ މަތީގައިކަމަށެވެ.
"ބިރުވެރި މަންޒަރެއް މިވަގުތު ފެންނަނީ. އަދި ހަމަ އެއާއެކީ މިހާރާ ހަމައަށް ކުރެވިފައި ހުރިކަންކަން. އެއްވެސް ވަރަށް ބެލުމެއްނެތި ގިނަ ޢަދަދަކަށް މީހުންއެއްވެ އުޅުން... ބުރުޖަހަން ދިއުން... ދަންނަ މީހުންގެ ގޭގެއަށް ދިއުން... އަދި މިހާރުވެސް މާލޭގެ މަގުމަތި ބަލާލީމާ އެފެންނަ މަންޒަރަކީ ޖެހިޖެހިގެން މީހުން ތިބޭތަން. ކަމެއް ޖެހިގެން ތަނަކަށް ދާން ޖެހުނަސް ދުރުދުރުގައި ތިބުމަކީ މިހާރުވެސް ކުރެވޭނެ ކަމެއް. މާސްކެއް އަޅައިގެން ނުކުތީމަކާ، ސަލާމަތެއް ނުވޭ ކޮންމެހެނެއް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ސޯސަލް ޑިސްޓެންސިންގައ ތިބެ މަދުމީހުންނާ ދިމާވިނަމަ މިއަށްވުރެ ޙާލަތު ރަނގަޅު ކުރެވުނީސް ކަމަށެވެ. "އެހެންނަމަވެސް މިއަދު މިއޮތީ އައިސްފައި. ލޮކްޑައުން ޙާލަތުގައި ނުކުންނަން ޖެހުނަސް ދެންހުރި މީހާޔާ ދުރުގައި ހުރުން. އެކަން ނުކުރާ ކަމަށްވަންޏާ މިކަން އަޅުގަނޑުމެންގެ އަތުން ކައްސާލައިގެން ގޮސްދާނެ." މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އެންމެ ފަހުން ޕޮޒިޓިވްވި ދެމީހުންނަކީ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ގުޅުން ހުރި ދެމީހުންނޫންކަމަށް ޕްރެސް ކޮންފަރެންސް ގައި މަބްރޫކް ވިދާޅުވިއެވެ. އެހެން ކަމުން އެދެ މީހުންނަށް ބަލި ޖެހުނު ގޮތް ވެސް ހޯދަން ޖެހޭކަމަށް ވިދާޅުވިއެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނީ ކިހިނެއްކަމެއް ވެސް އަދި ނުހޯދެއެވެ. ނަމަވެސް އޭނާއާ ކޮންޓެކްޓް ވި މީހުން މިހާރު ވަނި ދެނެގަނެވިފައިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.