ކޮވިޑް ޓެސްޓް ކިޓްގެ ދަތިކަމެއް ރާއްޖެއަކަށް ނެތް: ހެލްތް މިނިސްޓަރ

ކޮވިޑަށް ޓެސްޓްކުރާ ކިޓްގެ ދަތިކަމެއް ރާއްޖެއަށް ނެތް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ޑަބްލިޔޫއެޗްއޯއިން އަލަށް ޓެސްޓް ކިޓް ފޯރުކޮށްދެއްވުމުގައި ކޮންމެ ސަރަޙައްދަކުން ވެސް އެންމެ ރިސްކް ބޮޑުޤައުމުތަކަށް އިސްކަން ދިނުމަށް ހަމަޖައްސަވައިފައިވާ ކަމަށެވެ. އެގޮތުން މިސަރައްދުން ރާއްޖެއަކީ ވެސް ރިސްކް ބޮޑުކަމަށްބަލާ ޓެސްޓް ކިޓް ފޯރުކޮށްދެއްވުމަށް އިސްކަން ދެއްވައިފައިވާ ޤައުމެއްކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ޖީއެންއެކްސްޕާރޓް މެޝިންތަކުން ޓެސްޓް ކުރުމަށް ބޭނުންވާ ކާޓްރިޖް ހޯދުމަށް ޑަބްލިޔޫ އެޗް އޯއާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ފުރަތަމަ ދިނުމަށް ކަނޑައެޅިފައި އޮތީ 25 ހާސް ކިޓް ކަމަށެވެ. ނަމަވެސް ރާއްޖެއިން އެދިގެން އެޢަދަދު އެއްލައްކައަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެ ކިޓްތައް ލިބޭނީ  އެކިބައިބަޔަށް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.  އެގުން ފުރަތަމަ ލިބޭނީ 25 ހާސް ކިޓްކަމަށް ވިދަޅުވިއެވެ. އެހެންކަމުން ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ޓެސްޓް ކިޓް ލިބޭނެ ކަމުގެ ޔަޤީކަން އެބަ އޮތްކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިންވެސް ތިން ފަހަރެއްގެ މަތިން ޑަބްލިޔޫ އެޗް އޯއިން ވަނީ ރާއްޖެއަށް 11000 ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ. އެއީ މިމަހު  ހަވަނަ ދުވަހު ހަދިޔާ ކުރި ފަސް ހާސް  ޓެސްޓް ކިޓާއި އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ހަދިޔާ ކުރި 6000 ޓެސްޓް ކިޓެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 2899 މީހުން ރާއްޖޭގައި ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން 2696 މީހުން ކޮވިޑަށް ނެގެޓިވެ. އިއްޔެ ނަތީޖާ ނުލިބިހުރި ސާމްޕަލްތަކުގެ ތެރެއިން މިއަދު ވަނީ ދިވެއްސަކު ކޮވިޑަށް ޕޮސިޓިވް ވެފައެވެ. މި މީހާ ޕޮސިޓިވް ވުމުން މިހާތަނަށް ކޮވިޑަށް ޕޮސިޓިވް ވި ދިވެހިންގެ ޢަދަދު ވަނީ ހަޔަކަށް އަރާފައެވެ. އަދި ރާއްޖޭން ޕޮސިޓިވް މީހުންގެ ޢަދަދު ވަނީ 21 އަރާފައެވެ.

މިއަދު ޕޮސިޓިވްވި ދިވެއްސަކީ މުޖުތަމަޢުގެ ތެރެއިން ބައްޔަށް ޕޮސިޓިވްވި ފުރަތަމަ މީހާއެވެ. އެމީހާ އާއި ކޮންޓެކްޓް ވި މީހުން ވެސް ކޮވިޑަށް ޓެސްޓްކުރުމަށް ވަނީ ސާމްޕަލް ނަގައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.