ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ ޢަދަދު 100 އިން ދަށުގައި ތިން ދުވަސް

ހޯޑެއްދޫން އިތުރު ބަޔަކު ވަނީ ޕޮޒިޓިވްވެފައި

ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވި ޢަދަދު 100 އިން ދަށުގައި އުޅޭތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ. ވޭތުވެދިޔަ ތިންދުވަހަށް ބަލާއިރު ބައްޔަށް ޕޮޒިޓިވްވި ޢަދަދު ދުވަހަކަށްފަހު ދުވަހެއް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އެންމެ ދަށުގައި އުޅެނީ މިއަދު ޕޮޒިޓިވްވި ޢަދަދެވެ. މިއަދުގެ ހައެއް ޖެހުމާ ހަމަށް 24 ގަޑީއިރުތެރެގައި ބައްޔަށް ޕޮޒިޓިވް ވެފައިވައި ވަނީ 74 މީހުންނެވެ. އެއީ 59 ދިވެހިންނާއި 15 ބިދޭސީންނެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވި ޢަދަދު އުޅުނީ 83 ގައެވެ. އެއީ 61 ދިވެހިންނާއި 22 ބިދޭސީންނެވެ. އޭގެ ކުރީ ދުވަހުގެ ބައްޔަށް ޕޮޒިޓިވްވީ 98 މީހުންނެވެ. އެއީ 72 ދިވެހިންނާއި 26 ބިދޭސީންނެވެ.

މިހާރު އަތޮޅުތަކުގެ 25 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 89 މީހުން އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެންމެ ގިނަ ޢަދަދެއްގެ ބަލި މީހުން ތިބީ ގދ. ހޯޑެއްދޫގައެވެ. އެރަށުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ. އެއީ ފުރަބަންދު ހޯމްކަރަންޓީނުގައި ތިއްބާ ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންނާއި ކޮންޓެކްޓުގެ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި 29 މީހުންނެވެ. އެރަށުން މިއަދު މިވަނީ އިތުރު އަށް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި 23 ރިސޯރޓެއްގައި ބައްޔަށް ޕޮޒިޓިވްވެފައިވާ 48 މުވައްޒަފަކާއި 17 ފަތުރުވެރިއަކު އެބަތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.