އެޗުއާރުއެޗުގެ ހުރިހާ ޚިދުމަތަކެއް އޭއީއެޗަށް ބަދަލުކޮށް ނިމިއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލު (އެޗުއާރުއެޗު) އިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތްތަކެއް އައްޑޫގައި އަލަށް ގާއިމް ކޮށްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އަށް ބަދަލުކޮށް މިއަދު ނިންމައިފިއެވެ. އެޗުއާރުއެޗުން ދެމުން ގެންދިޔަ ޚިދުމަތްތައް އައު ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ ބައިބަޔަށް ބަހައިގެން އެކިފަހަރު މަތީންނެވެ.

މިއަދު ބަދަލުކޮށްފައިވަނީ އެމެޖެންސީ ރޫމާއި، އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. އޭއީއެޗުން ވިދާޅުވީ އެތަނުގެ އެމެޖެންސީ ރޫމުން ޚިދުމަތް ދިނުމުގެ ނިޒާމު ކުރިއަށްދާނީ އެޗުއާރުއެޗުގައި ކުރިއަށް ދިޔަ ގޮތަކަށް ނޫން ކަމަށެވެ. "އޭއީއެޗުގައި ޚިދުމަތް ދެނީ ޓްރިއޭޖު ސިސްޓަމަށް. ސްރީން ކުރުމަށްފަހު އެމީހަކު ދާންޖެހޭ ދިމާއަށް ފޮނުވާނީ. އެއީ ޙާލު ބޮޑު މީހުންނާއި، ވަރަށް ޙާލުބޮޑު މީހުނާއި ނޯމަލް މީހުން މިތިންބައި އޭގައި ހިމެނޭނީ،" ހޮސްޕިޓަލުގެ އިސްވެރިއަކު ވިދާޅުވިއެވެ.

އެޗުއާރުގެ ޚިދުމަތްތައް އެއްކޮށް އޭއީއެޗަށް ބަދަލުވެ އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ދެވޭގޮތް ވުމަކީ އެތަނުގެ މުވައްޒަފުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދޔަ ކަމެއް ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. ޚިދުމަތްތައް ދެތަނުން ދެމުން ގެންދިޔައީ ވަރަށްދަތިކޮށްނެވެ.

ހުރިހާ ޚިދުމަތެއް އޭއީއެޗަށް ބަދަލުވުމުން ކުރީގެ އެޗުއާރުއެޗު ބަދަލުވެގެން ދާނީ ކޮވިޑް-19 ޚާއްސަ ހޮސްޕިޓަލަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކޮވިޑް 19 ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ބަދަލުވުމުން އެތަން ބަލަހައްޓަމުންދާނީ ސިފައިން ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ. އެ ހޮސްޕިޓަލަށް ބޭނުން ކުރަން ފެށުމުގެ ކުރިން ކޮންމެވެސް ވަރެއްގެ މަރާމާތު ތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

އޭއީއެޗަކީ ޓާޝަރީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އެތަން ތަރައްގީ ކޮށްފައިވަނީ ކުރީގެ ކޮންވެންޝަން ސެންޓަރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.