އެމްބިޔުލާންސްގެ މައްސަލަ ޙައްލުވެގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން: އެޗުއާރުއެޗު

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަށް މިވަގުތު ދިމާވެފައިވާ މައްސަލަ ތަކަށް ބަލާއިރު ރައްޔިތުން އެންމެ ބޮޑު ޝަކުވާއެއް ކުރަނީ އެމްބިޔުލާންސްގެ ދަތިކަމުގެ މައްސަލައާ ހެދި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެޗުއާރުއެޗު ހިންގެވުމާ ޙަވާލުވެ ހުންނެވި ޑިރެކްޓަރ ޝާހު ސަޢީދު ވިދާޅުވީ މިވަގުތު އެމައްސަލަ ދިމާވިޔަސް ކުރިއަށްއޮތްތަނުގައި އެމްބިޔުލާންސްގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އައްޑޫ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

އެމައްސަލަ ޙައްލު ކުރުމަށް މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ޝާހު ވިދާޅުވިއެވެ. ހެލްތު މިނިސްޓަރުވަނީ އެޗުއާރުއެޗަށް އެމްބިޔުލާންސެއް ހޯދުމަށް ދެފަހަރު އިޢުލާން ކުރައްވާފައި ކަމަށާއި އެ ދެފަހަރުވެސް ދިމާވި މައްސަލައަކީ ޝަރުތު ހަމަވާ ބަޔަކު އެކަމަށް އެދިފައި ނުވާތީ ކެންސަލް ވެގެން ދިޔުން ކަމަށް ޝާހު ވިދާޅުވިއެވެ. މިނިސްޓްރީން މިހާރު ގެންދަވަނީ ތިން ވަނަ ފަހަރަށް އިޢުލާން ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ވެސް އޭނާ ވދާޅުވިއެވެ.

"އެއީ އަލަށް ހޯދާ އެމްބިޔުލާންސެއް. އޭގެ އިތުރަށް އަޅުގަނޑުމެންގެ އަތުގައި އޮތް އެމްބިޔުލާންސެއް އަޅުގަނޑުމެންވާނީ މަރާމަތު ކުރުމަށް ގަރާޖަކާ ޙަވާލު ކޮށްފައި. މިހާރު ލަފާ މިކުރަނީ ލަސްވެގެން ކުރިއަށްއޮތް ދެ ހަފްތާތެރޭގައި މަރާމަތަށްފަހު ނެރެވޭނެ ކަމަށް. އޭގެ އިތުރަށް އަތޮޅު ތެރެއިން ދެ އެމްބިޔުލާންސެއްވާނީ މަރާމާތު ކުރުމަށް ތިލަފުށްޓަށް ފޮނުވާލެވިފައި މިދިޔައަހަރު. އަޅުގަނޑުމެން މިބަލަނީ ވަރަށް އަވަހަށް އޭގެ ތެރެއިން އެއް އެމްބިޔުލާންސް މަރާމަތަށްފަހު މިކޮޅަށް ގެނެވޭނެ ކަމަށް. ކުރިއަށްއޮތް ދެހަފްތާތެރޭގައި އެ ވެސް ލިބޭނެ ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" ޝާހު ވިދާޅުވިއެވެ.

އޭގެ އިތުރަށް ޖަޕާން ސަރުކާރުގެ އެހީގައި 15 ވަރަކަށް އެންބިޔުލާންސް ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އެމްބިޔުލާންސްތައް ތައްޔާރު ކުރުމަށް ޖަޕާން ސަރުކާރުން ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އޭގެތެރެއިން ވެސް އެމްބިޔުލާންސެއް ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.