އައު ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށްފަހު އެޗުއާރުއެޗު އުވާލަނީ

އައު ހޮސްޕިޓަލަށް ގެނެސްފައިވާ ސީޓީ ސްކޭން މެޝިން

އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީކޮށް މިހާރު ހުޅުވަން ތައްޔާރުވަމުންދާ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވައި ޚިދުމަތް ދޭން ފެށުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ރައީސް އޮފީހުން ނިންމަވައިފިއެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނަށް ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އެޗުއާރުއެޗުގެ ޚިދުމަތް ބަދަލުކުރުމުން އެޗުއާރުއެޗު އުވާލައްވާނެ ކަމަށެވެ. އެޗުއާރުއެޗުން ވެސް ވިދާޅުވީ އެތަން އުވާލަން ނިންމަވާފައި ކަމަށެވެ. އެހެންނަމަވެސް އެޗުއާރުއެޗު ބަންދުކުރާނެދުވަހެއް އަދިއެނގިފައިނުވާކަމަށެވެ.

ރައީސް އޮފީހުގެ ސިޓީގައި ވިދާޅުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި މުދަލާއި އެހެނިހެން ވަސީލަތްތައް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ހުރިހާކަމެއް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވައިގެންކުރިއަށް ގެންދިޔުމަށެވެ.

އައު ހޮސްޕިޓަލަކީ 100 އެނދުގެ ޓާޝަރީ ތަނެކެވެ. އެތަނުގައި އެމްއާރުއައިއާއި، ސީޓީސްކޭންގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތާއި އަދިވެސް އެތައް ޚިދުމަތެއް ޒަމާނީ ފެންވަރަށް ލިބެން ހުންނާނެއެވެ. އެތަނުގައި ވިއްސާ ތިން ކޮޓަރި އާއި ތިން އޮޕަރޭޝަން ތިއޭޓަރު ވެސް ހުރެއެވެ.

އެޗުއާރުއެޗު ބަންދުކުރާނީ އެތަނުގެ ޚިދުމަތް ފަހަރަކު ޚިދުމަތެއް އައު ތަނަށް ބަދަލުކޮށް ނިމުމުންނެވެ. އައު ހޮސްޕިޓަލް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.