ރޯދައިގެ ރުކުންތައް

ކޮންމެ އަޅުކަމެއްގެ ވެސް ރުކުންތަކަކީ އެއަޅުކަމެއް އެކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ، އެކަންކަމާއި ނުލައި އެއަޅުކަމެއް ފުރިހަމަނުވާ ކަންކަމެވެ. މިގޮތުން ރޯދައިގެވެސް ރުކުންތަކެއް ވެއެވެ. ރޯދައިގެ ރުކުންތަކަކީ: ނިޔަތްގަތުމާއި، ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކެއިންބުއިމުންނާއި ޝަހްވާނީ އެދުން ފުއްދުމުން މަނާވެގަތުމެވެ.

ރޯދައަށް ނިޔަތްގަތުމުގެ ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް ފަހުދުވަހު ރޯދައަށް ހުރުމަށް ނިޔަތް ގަނެވިދާނެއެވެ. ނިޔަތް ގަންނާނީ ހިތުންނެވެ. މާތް ﷲ ރުއްސުންލެއްވި ޙަފްޞާގެ އަރިއަހުން އަޙްމަދާއި އަބޫދާވޫދު ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. من لم يبيت الصيام قبل الفجر ، فلا صيام له (ފަޖުރުލުމުގެ ކުރިން ރޭގަނޑުގެ ވަގުތެއްގައި ރޯދައަށް ނިޔަތްނުގަންނަ މީހާއަށް ރޯދައެއް ނެތެވެ.) އަދި ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހާރުކައިފި މީހާގެ ހާރުކެއުންވެސް ނިޔަތަކަށް ފުދެއެވެ. އެއީ އޭނާ ހާރުކާނީ ފަހުދުވަހު ރޯދައަށް ހުންނަންކަމަށް ވާތީއެވެ. އަދި ހަމައެފަދައިން ފަހު ދުވަހު ރޯދައަށް ހުރުމަށް ނިޔަތްގަނެގެން ހުރިމީހާއަށް ހާރު ނުކެވުނު ކަމުގައި ވިޔަސް އޭނާގެ ރޯދަ ރަނގަޅުވާނެއެވެ.

އަލްއިމާމު މާލިކު ވިދާޅުވާގޮތުގައި އަދި އަޙްމަދުގެ ކިބައިން ވާރިދުވެފައިވާ އެއްރިވާޔަތެއްގައި ވާގޮތުގައި ރަމަޟާން މަސް ފެށުމާއެކު މުޅި ރަމަޟާންމަހަށް އެއްކޮށް އެއް ނިޔަތް  ގަތުމުން ފުދޭނެއެވެ. އެހެންނަމަވެސް ސުންނަތް ޖަމާޢަތުގެ އެހެން މަޒްހަބުތަކުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ކޮންމެ ރޯދައަކަށް ވަކިން ނިޔަތް ގަންނަން ޖެހޭނެއެވެ.

ރޯދައިގެ ނިޔަތަކާއި ނުލައި ކޮންމެވެސް އެހެން ބޭނުމަކަށް (ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރުން ނުވަތަ ޑައެޓްކުރުން ފަދަ) ފަތިސް ވީއްސުރެ އިރުއޮއްސެއްޖައުމަށް ދާންދެން ނުކައި ހުރުން އެއީ ރޯދަކަމުގައި ނުބެލެވޭނެއެވެ. އޭގައި ރޯދައިގެ ނިޔަތް ހިމެނިފައި ނުވާތީއެވެ.

ނިޔަތްގަތުމަކީ ކޮންމެ އަޅުކަމެއްގައިވެސް ހިމެނޭ ކަމަކަށް ވިޔަސް، ރޯދައިގެ އަނެއް ރުކުނަކީ ރޯދައަށް ޚާއްސަ ރުކުނެކެވެ. އެއީ ނުކައި، ނުބޮއި، ޝަހުވާނީ އެދުން ފުއްދުމުން ދުރުވެގެން ހުރުމެވެ.

ރޯދައަށް ހުންނަ މީހާ ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ކާބޯތަކެތި ކަމުގައި ބެލެވޭ އެއްވެސް އެއްޗެއް އޭނާގެ އަރުން އެތެރެކޮށްގެން ނުވާނެއެވެ. މިފަދަ ކަމެއް ކުރުމީ އޭނާގެ ރޯދަ ގެއްލިދާނޭ ކަމެކެވެ.

ކާބޯތަކެތި ކަމުގައި ނުހިމެނޭ އެހެން ނަމަވެސް ހިތް ހަމަޖައްސާލުމުގެ ގޮތުން މިހާރު ޢާންމުވެފައިވާ ދުންފަތުގެ އިސްތިޢުމާލުކުރުމަކީވެސް މިއުއްމަތުގެ ޢިލްމުވެރިންގެ އިއްތިފާޤުން ކެއިންބުއިމުގެ ޙުކުމުގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ސިނގިރޭޓްގެ ގޮތުގައި ވިޔަސް، ގުޑުގުޑާގެ ގޮތުގައި ވިޔަސް ނުވަތަ އަނގަޔަށްލާ ދުންފަތްގަނޑެއްގެ ގޮތުގައިވިޔަސް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރޯދަވެރިޔާ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޗުއިންގަމް ހެފުމާއި ދުފުމަކީވެސް ހަމަ ކެއުމުގެ ޙުކުމުގައި ހިމެނޭ ކަންކަމެވެ. ކާބޯތަކެތި ކަމުގައި ނުވިޔަސް ނުވަތަ އަރާމެއް ލިބިގަތުމުގެ ގޮތުން ނުވަތަ ހިތްހަމަޖައްސާލުމުގެ ގޮތުން ބޭނުންކުރާ ތަކެތި ކަމުގައި ނުވިޔަސް ޑޮކްޓަރީ ބޭސްވެސް ހިމެނޭނީ ކާބޯތަކެތީގެ ޙުކުމުގައެވެ. މީގެ ތެރޭގައި ހަފައިގެން ނުވަތަ ލޮއެގެން ނުވަތަ އޮތް ގޮތަށް ދިރުވާލައިގެން ކާބޭހާއި ބޯބޭސް ހިމެނެއެވެ.

ޝަހްވާނީ އެދުން ފުއްދުމުގެ ތެރޭގައި އަންހެނަކާއި އެކު އެއްދާން ކުރުމާއި، އަމިއްލަ އަތުން ކުރާ ކަމަކުން ނުވަތަ ބަލާއެއްޗަކުން އެދުން ފުއްދުމާއި، އަންހެނަކާއި ޖިމާޢުނުވިޔަސް އޭނާއާއި އެކު ގައިގޯޅިވެއުޅުމުގެ ސަބަބުން އެދުން ފުދުން ހިމެނެއެވެ. 

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.