ރޯދައިގެ ކައްފާރާ

ރޯދައިގެ ކައްފާރާ ދޭންޖެހެނީ ކޮން ޙާލަތެއްގައި ކަމާއި، އަދި ކައްފާރާ ދޭންޖެހޭ ގޮތް ބަޔާންކޮށްފައިވާ ޙަދީޘު ވަނީ އިސްވެ ބަޔާން ކުރެވިފައެވެ. މިތާނގައި މިވަނީ އެ ޙަދީޘުގައި އައިސްފައިވާ ކަންތަކަށް އިތުރަށް އަލިއަޅުވާލެވިފައެވެ.

ރޯދައިގެ ކައްފާރާ ވާޖިބުވަނީ ތިންގޮތަކަށެވެ. އެއީ އަޅަކު މިނިވަންކުރުމާއި، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމާއި، ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ. ކުރަންޖެހެނީ މީގެތެރެއިން އެއްކަމެވެ. އިސްކަންދެވިފައިވާ ތަރުތީބުންނެވެ. ފުރަތަމަ އަޅަކު މިނިވަންކުރުމެވެ. މިކަން ކުރެވޭގޮތް ނުވެއްޖެނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމެވެ. މިކަން ނުކުރެވިއްޖެނަމަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ.

ކައްފާރައިގެ ފުރަތަމަ ގޮތް ކަމުގައިވާ އަޅަކު މިނިވަންކުރުމަށް ބަލާއިރު މިޒަމާނަކީ އަޅުން ގެންގުޅޭ ޒަމާނަކަށް ނުވާތީ މިގޮތަށް ކައްފާރާ އަދާކުރެވޭކަށް މިހާރު ނުއޮންނާނެއެވެ.

ދެން ބަލަން ޖެހެނީ ދެވަނަ ގޮތަށެވެ. އެއީ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމެވެ. ރޯދަހިފޭވަރުގެ ޞިއްޙަތެއް ލިބިފައިވާ އެކަމަށް ކުޅަދާނަ މީހަކު ނަމަ ރޯދަ ހިފުން ދޫކޮށްލައި، މިސްކީނުންނަށް ކާންދީގެން ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަ ހިފަންޖެހެނީ އެއްދުވަސް ވެސް ދޫނުކޮށް ދެމަސް ހަމަވާ ގޮތަށެވެ. އެދެމެދަށް ޢީދު ދުވަހާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތައް ނުވަންނަ ގޮތް ބަލައިގެންނެވެ. ހަނދާންނެތިގެން ދޭތެރެއިން ދުވަހެއް ދޫކޮށްލެވުނަސް ކުރިން ރޯދަހިފި ދުވަސްތަކާއި ގުޅުވައިގެން ކުރިއަށް ގެންދާނީއެވެ. އެކަމަކު ޤަޞްދުގައި ދުވަހެއް ދޫކޮށްލައިފިނަމަ އަލުން އަނެއްކާ ހިފަން ފަށަންޖެހޭނެއެވެ.

ރޯދަހިފުމަށް ކުޅަދާނަވެގެންނުވާ މީހާ ޖެހެނީ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ. މިސްކީނަކީ އެމީހެއްގެ އަތުގައި ކޮންމެވެސް ވަރަކަށް ކާބޯތަކެތި ހުރިނަމަވެސް އޭނާއަށް ފުދޭވަރަށް ނެތް މީހާކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން ރޯދައިގެ ކައްފާރާގެ ގޮތުގައި ދޭ ކާނާ ދޭންޖެހެނީ މިފަދަ މީހުންނަށެވެ. ފަޤީރުންނާއި މިސްކީނުންނަށް ކާންދީ ބަލަހައްޓާ ތަނަކަށް ފަސްދޮޅަސް މީހުންގެ ކާނާ ދިނަސް ފުދޭނެއެވެ. ކޮންމެ މިސްކީނަކަށް ދޭންޖެހެނީ މުއްދެއްގެ މިންވަރެވެ. ކީރިތި ރަސޫލު صلى الله عليه وسلم ގެ ޒަމާނުގައި މުއްދެއްކަމުގައި ބެލެވުނީ އާދައިގެ މީހެއްގެ ދެއަތްތިލަ ފުރާ ނެގޭ މިންވަރެވެ. ޖުމްހޫރު (ގިނަ) ޢިލްމުވެރިން ވިދާޅުވާގޮތުގައި މުއްދަކީ އެޒަމާނުގެ ރާތަލަކާއި ރާތަލެއްގެ ތިންބައިކުޅަ އެއްބައެވެ. މިޒަމާނުގެ ޢިލްމުވެރިންގެ މެދުގައި މުއްދުގެ މިންވަރު ކަނޑައެޅުމުގައި ވަނީ ޚިލާފު އުފެދިފައެވެ. ބައެއް ބޭފުޅުން  އެއީ 750 ގްރާމް ކަމުގައި ވިދާޅު ވާއިރު އަނެއްބައި ބޭފުޅުން ބުރަވެވަޑައިގަންނަވަނީ މުއްދަކީ 508.75 ގްރާމްކަމުގައެވެ. ސަޢޫދީ އިސް ޢިލްމުވެރީންގެ މަޖިލީހުން ނިންމަވާފައިވަނީ މުއްދަކީ 650 ގްރާމްކަމުގައެވެ. ރާއްޖޭގެ ބައެއް ޢިލްމުވެރިންގެ ލިއުއްވުންތަކުގައި މުއްދެއްގެ މިންވަރަކީ 600 ގްރާމްކަމުގައި ވިދާޅުވެފައި ވެއެވެ. ކޮންމެއަކަސް މިސްކީނަކަށް މިދެންނެވި ޢަދަދުތަކުން ޢަދަދަކަށް މައިގަނޑު ކެއުމަކަށް ބޭނުންކުރާ އޮއްޓަރަކުން ދިނުމުން ފުދޭނެއެވެ.

ކައްފާރާގެ ތިން ގޮތުން ކުރެ އެއްވެސް ގޮތެއް އަދާކުރުމަށް ނުކުޅެދިއްޖެ މީހާގެ މައްޗަށް ދަރަންޏެއްގެ ގޮތުގައި އެކައްފާރާ ވާޖިބުވެފައި އޮންނާނެއެވެ. އޭނާއަށް ކުޅަދާނަކަން ލިބުނު ދުވަހަކުން އަދާކުރަން ޖެހޭނެއެވެ.

ރަމަޟާންމަހު އެއްދުވަހު އެއްފަހަރަށްވުރެ ގިނަފަހަރު އަނބިމީހާއާއި ޖިމާޢުވިޔަސް އަދާކުރަންޖެހޭނީ އެއް ކައްފާރާއެވެ. އެކަމަކު އެކިދުވަހު އެގުޅުން ހިންގާފައިވާނަމަ ކޮންމެ ދުވަހަކަށް ކައްފާރާއެއް ވާޖިބުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.